ކޮލަމް

ފަގީރުންނާއި މުއްސަނދިންގެ ކުރިމަތިލުން: މަޖިލީހަކީ ބޮޑު އިސްޓޯރެއް ނޫން!

2

ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭންގެ އެންމެ ފޯރިގަދަ ހިސާބަށް އައީ އެވެ. އެހެން ފަހަރުތަކާ ހިލާފަށް ވަކި ތަފާތެއް ނެތެވެ. އެކަމަކު މަޖިލީހަށް ވާދަކުރާ މެމްބަރުންގެ މެދުގައި ހޫނު ޒުވާބުތަކެއް ހިނގަމުން އެބަދެ އެވެ. އޭގެ ތެރެއިން އެންމެ ހާއްސަ ގޮތެއްގައި ފާހަގަކޮށްލެވެނީ، މި އިންތިހާބުގައި ވާހަކަ ދައްކަވާ ބައެއް ވިޔަފާރިވެރިން ދައްކަވާ ތާކުން ތާކު ނުޖެހޭ ވާހަކަތަކެވެ. އަނެއްކޮޅުން އެ ވާހަކަތަކަށް އެހެން ކެންޑިޑޭޓުން ދެއްވާ ޖަވާބުތައް ވެސް އެހާމެ ޝައުގުވެރި އެވެ!

މަޖިލީހުގެ އޭދަފުށީ ދާއިރާއަށް ވާދަކުރައްވާ މަޝްހޫރު ވިޔަފާރިވެރިޔާ ރެޑްވޭވް އަހުމަދު ސަލީމް ދެއްކެވި ވާހަކައެއް މިސާލެއްގެ ގޮތުން ނަގަމާ ހިނގާށެވެ! އޭނާ ވިދާޅުވީ މަޖިލީހަކީ އާދައިގެ މީހުން ވަންނަން ހުރި ތަނެއް ނޫން ކަމަށެވެ. އޭނާގެ ވާދަވެރި އެއް ކެންޑިޑޭޓަށް އިޝާރާތް ކުރައްވައި އާންމު ބަހުސެއްގައި ވިދާޅުވެފައި ވަނީ އޭނާ އަކީ ރޫމް ބޯއި އަކަށް އުޅުނު މީހެއް ކަމަށެވެ.

މި ވާހަކައާ ގުޅިގެން އާންމުން ރަތަށް އެރި އެއް ސަބަބަކީ މަޖިލީހުގެ މެމްބަރަކު މިހާ ދަށް ފެންވަރުގެ ވާހަކައެއް ދެއްކެވީތީ އެވެ.

ވިޔަފާރިވެރިން ރައްޔިތުންގެ މަޖިލީހަށް ނުހޮވަން އެއްބަޔަކު ކެމްޕޭން ކުރަނީ އެވެ. އެ މީހުންގެ ވާހަކައަކީ، ވިޔަފާރިވެރިންގެ ނުފޫޒާ ހެދި ގާނޫނުތައް ބަދަލުކޮށް އެ މީހުންގެ ވިޔަފާރި ފުޅާކުރާ ވަސީލަތަކަށް މަޖިލިސް ހެދުމެވެ. މުޅި ދުނިޔޭގައި އުދުހޭ ބޮޑެތި މަހުޖަނުން ވެސް ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައި، އެތައް މިލިއަން އޮއްސާލަން ފަސް ނުޖެހެނީ މަޖިލީހުން ބައިވަރުތަކެއް ލިބޭތީކަން އާންމުން ކަށަވަރު ކުރެ އެވެ. ސުވާލަކީ މަޖިލީހުން ފަސް އަހަރުން ލިބޭ މުސާރައާ ނުބައްދަލު އަދަދަކަށް މި ކެމްޕޭނުގައި ހަރަދު ކުރަނީ، އޭގެ ފަހަތުގައި ކޮން ސަބަބުތަކެއް އޮތީމަ ހެއްޔޭ އެވެ؟

ރައްޔިތުންގެ މަޖިލީހަށް ވިޔަފާރިވެރިން ނުހޮވަން ކެމްޕޭން ކުރަމުން ގެންދާ މީހުންނަށް ވިޔަފާރިވެރިން ވެސް ދަނީ ގޮންޖަހަމުންނެވެ. މަޖިލީހަށް ފަގީރުންނާއި އަތުގައި ފައިސާއެއް ނެތް މީހުން ނުހޮވުމަށް، މަޖިލީހަށް ކުރިމަތިލައިފައިވާ ބައެއް ވިޔަފާރިވެރިން ވަރަށް ފާޅުގައި ބުނެފައި އެބަހުއްޓެވެ. އެހެން ވެއްޖެ ނަމަ މަޖިލިސް ގަޑުބަޑުވެ އޭނާ ދޭ ވޯޓު ފައިސާއަށް ދިނުމުގެ ފުރުސަތު ބޮޑު ކަމަށް އެ މީހުން ބުނެ އެވެ. އަދި ފަގީރު ހާލުގައި މަޖިލީހަށް ހޮވި، އޭނާ ނުކުމެގެންދާ މުއްސަނދިކަމުގެ ވާހަކަ އެއީ އެންމެން ދައްކާ ވާހަކަ އެވެ. އެހެންވެ، ސަހަލު ހަމަ އެއްވެސް ގޮތެއް މިކަމަކު ނެތެވެ.

އެކަމަކު މީގެ ތެރެއިން ޔަގީންވާ އެއް ކަމެއް އެބައޮތެވެ. އެއީ މަޖިލީސް ވިޔަފާރީގެ މަރުކަޒަކަށް ބަދަލުވެފައިވާ ކަމެވެ. މުއްސަނދިންނަށް އެތަން ވެފައި ވަނީ އެ މީސްމީހުންގެ ވިޔަފާރި ހިމާޔަތް ކުރަން ބޭނުންކުރާ ހަތިޔާރަކަށެވެ. އަތުގައި އެންމެ ފައިސާ ފޮއްޗެއް ނެތް މީހާއަށް އެތަން ވެފައި އޮތީ ފައިސާ ހަދާ މެޝިނަކަށެވެ. މިއީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން މިހާރު ވެސް ފެންނަ ނަމޫނާ އެވެ. ފަގީރުން މަޖިލީހަށް ނުހޮވަން މުއްސަނދިން ބުނަނީ އެހެންވެ އެވެ. އަދި މުއްސަނދިން ނުހޮވަން ފަގީރުން ވެސް ބުނަނީ އެހެންވެ އެވެ.

ހަގީގަތަކީ ރައްޔިތުންގެ މަޖިލިސް މިއަދު ވެފައި މި ވަނީ އޭގެ ހަގީގީ ރޫހުގައި މަސައްކަތް ކުރާ ތަނަކަށް ވުރެ ބޮޑަށް ގޮނޑިތައް ކާމިޔާބު ކުރާ ބަޔަކަށް ފައިދާ ބޮޑު ތަނަކަށެވެ. މިލިއަން މިލިއަނުން މެމްބަރުން ވޯޓު ވިއްކާ ވާހަކައަކީ ސިއްރެއް ނޫނެވެ. ވިޔަފާރިވެރިން އެ މީހުންގެ ވިޔަފާރީގެ މަސްލަހަތުތައް ހިމާޔަތް ކުރަން ގޮނޑީގެ ބޭނުން ހިފާ ވާހަކަތަކާއި ސަރުކާރުގެ މަޝްރޫއުތައް ކާމިޔާބު ކުރުމަށް އޭނާގެ މަގާމުގެ ނުފޫޒު ބޭނުން ކުރުމާއި މިހިރަ މިހިރަ ކަންކަން އެއީ މީގެ ކުރިން، އަދި މިހާރު ވެސް ފެންމަތިވަމުން އަންނަ މައްސަލަތަކެވެ.

މަޖިލީހަށް ވަންނަން ޖެހެނީ އެއްވެސް ހާލެއްގައި ވިޔަފާރިވެރިންނެއް ނޫނެވެ. ފަގީރުން އެކަންޏެއް ވެސް ނޫނެވެ. ރޫމް ބޯއީންނަށް ވެސް، އެ މަގާމު އަދާކުރެވިދާނެ އެވެ. ރައްޔިތުންގެ މަޖިލީހަކީ ގާނޫނު ހަދާ މަޖިލީހެވެ. ގާނޫނު ހެދުމަކީ ވަކި ބަޔަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އެއީ އެކަމާ ބެހޭ މައުލޫމާތު ލިބިފައި ހުރި ކޮންމެ މީހަކަށް ވެސް އަދާކުރެވިދާނެ ވަޒީފާއެކެވެ. އެކަމަށް ޓަކައި އޭނާ ބޭނުންވާނީ އެ ދާއިރާއެއްގެ ޚިޔާލެވެ. އެ ހިސާބުން އޭނާގެ ޒިންމާ ނިމުނީ އެވެ. ރައްޔިތުންގެ މަޖިލީހަށް ވަނުމަށް ޓަކައި، ޕީއެޗްޑީއެއް އޮތުމެއް ނުވަތަ އަތުގައި މިވެނި ވަރަކަށް ފައިސާ ހުރުމެއް ނުވަތަ ފައިސާ ނެތުމެއް މުހިންމެއް ނޫނެވެ. އެ ވާހަކަތައް އެ ދެކެވެނީ ހަގީގަތުުގައި، އެތަން ބޮޑު އިސްޓޯރަށް ބަދަލުވީމަ އެވެ.