ކުޑަކުދީންނަށް ކުރާ އަނިޔާ

ކުޑަކުދިންނަށް ކުރާ އަނިޔާގެ 105 މައްސަލަ މިދިޔަ މަހު އެކަނިވެސް ހުށަހެޅި: ޖެންޑާ މިނިސްޓްރީ

އިބްރާހިމް ޒަކީ

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 105 މައްސަލަ މިދިޔަ މަހު ރިޕޯޓު ކޮށްފައިވާ ކަމަށާއި އެ މައްސަލަތަކާއެކު، ހުސްވި ފެބުރުއަރީ މަހު ޖެންޑާ މިނިސްޓްރީއަށް 213 މައްސަލަ ހުށަހެޅިކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

ޖެންޑާ މިނސިްޓްރީން ބުނީ އެ މައްސަލަތަކުގެ ތެރޭގައި އިހުމާލުވުމުގެ 32 މައްސަލަ އާއި ޖިސްމާނީ ހާނީއްކައިގެ 26 މައްސަލަ އާއި ޖިންސީ ހާނީއްކައިގެ 22 މައްސަލަ ހިމެނޭ ކަމަށެވެ. މީގެ އިތުރުން އެހެން ކުދިންގެ ފަރާތުން ގަނާލިބުމާއި، ފުރައްސާރައިގެ ޝިކާރައަކަށް ވުމުގެ އަށް މައްސަލަ އާއި ނަފްސާނީ ހާނީއްކައިގެ ފަސް މައްސަލަ ވަނީ ހުށަހަޅައިފައެވެ.

އެ މިނިސްޓްރީން ބުނީ، ހުސްވި މަހު ރިޕޯޓް ކޮށްފައިވާ މައްސަލަތަކަށް ބަލާއިރު، ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ ފަސް މައްސަލަ އާއި އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާލިބުމުގެ ތިން މައްސަލައިގެ އިތުރުން ނަހަމަ ގޮތުގައި ވިޔަފާރި ފައިދާއަށް ކުޑަކުދީން ބޭނުންކުރުމުގެ ދެ މައްސަލަ، ވެސް ހުށަހަޅައިފައިވާ ކަމަށެވެ.

މިހާރު ގިނަ ވަމުން އަންނަ އާއިލީ މައްސަލައަށް ބަލާއިރު، އާއިލީ 26 މައްސަލަ މިދިޔަ މަހު ހުށަހަޅާފައިވާ ކަމަށާއި ތައުލީމަށް ހުރަސް އެޅުމުގެ މައްސަލައެއްވެސް ރިޕޯޓުކޮށްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން ބުނީ ކުދިންނާ ބައްދަލުނުކުރެވޭ 12 މައްސަލަ އާއި ކުދިން ބެލުމުގައި ދިމާވާ ނުވަ މައްސަލަ އަދި ދަރިންގެ ހަރަދު ދިނުމުގެ ދެ މައްސަލަ އާއި އެކި ބާވަތުގެ ކުށްކުރާ ކުޑަކުދިންގެ ހަ މައްސަލަ ވެސް މިދިޔަ މަހު ހުށަހަޅައިފައިވާ ކަމަށެވެ.

މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 25 މައްސަލަ މިދިޔަ މަހު ހުށަހަޅައިފަ އެވެ. މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 30 މައްސަލަ ވަނީ ހުށަހަޅައިފަ އެވެ.

ޖެންޑާ މިނިސްޓްރީން ބުނީ އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ ފަސް މައްސަލަ ވެސް މިދިޔަ މަހު އެ މިނިސްޓްރީއަށް ރިޕޯޓުކުރި ކަމަށެވެ.