ޚަބަރު

ރާއްޖޭގައި އިންޑިއާގެ މިލިޓަރީ ބޭސްއެއް ގާއިމް ކުރަން ރައީސް ނަޝީދު ވަނީ މޯދީއާއެކު އެއްބަސްވެފަ: އުމަރު

އިބްރާހިމް ޒަކީ

3

ރާއްޖޭގައި އިންޑިއާގެ މިލިޓަރީ ބޭސް އެއް ގާއިމް ކުރުމަށް އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއާ އެކު އެއްބަސްވެވަޑައިގެންފައި ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ތުހުމަތު ކުރައްވައިފިއެވެ.

ޗެނަލް 13 އިގެ ނިއުސްޓޯކު ޕްރޮގްރާމްގައި މިރޭ ވާހަކަ ދައްކަވަމުން، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ސަރުކާރުގައި، ގައުމީ ސަލާމަތާބެހޭ ކައުންސިލްގައިވެސް ހިމެނިވަޑައިގެންނެވި އުމަރު ނަސީރު ވިދާޅުވީ، ހެލިކޮޕްޓާރު ބެލެހެއްޓުމާއި ރާޑާރު ބެލެހެއްޓުމުުގެ ނަމުގައި އިންޑިއާ ސިފައިން ރާއްޖެ ގެންނަނީ އެކަމަށް ފުރުސަތު ދިނުމަށް ކަމަށެވެ.

"އެގޮތަށް ކުރާ ކޮންމެ ކަމަކީ، އޭގެ ފަހަތުން މިތަނަަށް ސިފައިން ބޭލުމުގެ ބޭނުމުގަިއ ކުރާކަމެއް، ރާޑަރު ބަލަހައްޓަން ސިފައިން، މަތިންދާބޯޑު ޑޯނިއާ ބަލަހައްޓަން ސިފައިން، ހެލިކޮޕްޓަރު ބަލަހައްޓަން ސިފައިން، މާދަމާ ގެރިގާޑިޔަލެއް ގެނަސްފިއްޔާ ގެރިގާޑިޔާ ބަލަހައްޓަންވެސް ސިފައިން. މީ މިކަމަކީ ސިފައިން ބޭލުން މީގެ ފަހަތުގައޮތީ، މިއީ ރާއްޖޭގައި މިލިޓްރީ ބޭސްއެއް ގާއިމް ކުރުމަށް ކުރެވޭ މަސައްކަތެއް، މި މިލިޓްރީބޭސް ގާއިމް ކުރުމަށް ރައީސް ނަޝީދު ވަނީ އެއްބަސްވެފަ، އައްޑުއަތޮޅުގައި މިލިޓްރީ ބޭސް އެއް ގާއިމް ކުރުމަށް ނަޝީދު ވަނީ މޯދީއާއެކު އެއްބަސްވެފަ އިނގޭތޯ،" އުމަރު ނަސީރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ 2010 ވަނަ އަހަރު އިންޑިޔާ ސިފައިންނާއެކު އިންޑިޔާގެ ހެލިކޮޕްޓަރު ރާއްޖެ ގެނެސް ބޭއްވުމަށް ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އިންޑީއާ އާއެކު ވެފައިވާ އެއްބަސް ވުމަކީ، ވަލު ދޮރާށިން ރާއްޖޭގައި އިންޑިއާގެ މިލިޓަރީ ބޭސް އެއް ގާއިމްކުރެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުން ކަމަށެވެ.

"ރާއްޖޭގައި މިލިޓަރީ ބޭސްއެއް ގާއިމް ކުރަންޏާމު ގާނޫނުއަސާސީގެ 231 ވަނަ މާއްދާގަ ބުނާގޮތުން ރައްޔިތުންގެ މަޖިލީހުގެ ފުލް މެޖޯރިޓީއަކުން ފާސްކޮށްގެން މެނުވީ ރާއްޖޭގައި މިލިޓަރީ ބޭސް އެއް ގާއިމެއް ނުކުރެވޭނެ. އެހެންވީމާ ރައީސް ނަޝީދުގެ ސަރުކާރުން 2010 ވަނަ އަހަރު އެ މެޖޯރިޓީ އެބޭފުޅާ އަތުގައި ނެތީމާ އެބޭފުޅާ ވަލު ދޮރާޝިން މިލިޓަރީ ބޭސްއެއް ގާއިމް ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނީ މިލިޓަރީ ބޭސްއެއްގެނަން ނުކިޔައި،" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ 2010 ވަނަ އަހަރު ރައީސް ނަޝީދު ވެފައި އޮތް އެއްބަސް ވުމަކީ އޭގެ ފަހުން ހުންނެވި ރައީސް ވަހީދު އާއި ރައީސް ޔާމީންގެ ސަރުކާރުން ނިމުމަކަށް ގެނަސްފައިވާ އެއްބަސްވުމެއް ކަމަށެވެ. ނަމަވެސް މިހާރުގެ ސަރުކާރުން އަނެއްކާ އެ އެއްބަސްވުން އާކޮށްގެން ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ އައްޑޫސިޓީ ގަމުގައި މިލިޓަރީ ބޭސްއެއް ގާއިމްކޮށްފިނަމަ އެކަމުގެ ސަބަބުން އައްޑުއަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމަށެވެ.

"އޭރުން އައްޑުއަތޮޅުގެ ޓޫރިޒަމް މަރުވީ އިނގޭތޯ، އައްޑޫގެ ގަން އެއީ މިލިޓްރީގެ އެއާ ކްރާފްޓް ޖައްސާ ތަނަކަށް ވާނީ، އައްޑޫގެ ބަނދަރު ވާނީ މަނަވަރު ބަނދަރުކުރާ ތަނަކަށް، އައްޑޫގެ ރައްޔިތުން ތިބޭނީ އިންޑިޔާގެ އެތާތިބޭ ސިފައިންނަށް ހެދިބިލެތް ވިއްކާ މީހުންނަށް ބަދަލުވެފަ. އެމީހުންގެ ޓޫރިޒަމް އާއި އެމީހުންގެ ގެސްޓްހައުސް ވިޔަފާރި އާއި އެހެރަ ޝެންގްރިއްލާ ރިސޯޓް ތަކާ އެ ހުރިހާ ތަނެއް ފަޅުވެގެން ދާނެ، އައްޑޫ ގަމުގެ އެއާޕޯޓް އޮންނާނީ މިލިޓްރީ އެއްޗެހި ޖައްސާ އެއާޕޯޓަކަށް، މިއަދު އެތަނުގައި ޖައްސާ ޕްރައިވެޓް ޖެޓްތަކާ އެއްޗެހި ނުޖައްސާނެ އޭރަކުންނެއް،" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ އައްޑުއަތޮޅު އޮންނަ ލޮކޭޝަނަކީ ވަރަށް މުހިއްމު ލޮކޭޝަނެއް ކަމުން އެތަނުގައި މިލިޓަރީ ބޭސް އެއް ގާއިމް ކުރުމަކީ ގޮންމެ ގައުމަކުންވެސް ބޭނުންވާކަމެއް ކަމަށެވެ. އަދި އިންޑިއާއިން އެތަނުގައި މިލިޓަރީ ބޭސްއެއް ގާއިމް ކުރަނީ ޗައިނާއަށް ފާރަލުމަށް ކަމަށްވެސް ވިދާޅުވިއެވެ.

"އެންމެ ދެކުނުން އައްޑު އަތޮޅަކީ ވަރަށް މުހިއްމު ލޮކޭޝަންއެއްގަ އިންނަ ތަނެއް، އެއީ ކަނޑު ދަތުރު ކުރާ ހުރިހާ މިލިޓަރީ އާލާތްތައް ދަތުރު ކުރަނީ އައްޑުއަތޮޅުުގެ ތިރީކަނުންފެށިގެން، އެއީ ސަބްމެރީންތަށް ކަމަށްވިޔަސް، މަނަވަރުތައް ކަމަށްވިޔަސް މި ދަތުރު ކުރަނީއެހެން، އެހެންވީމަ އެ ސަރަހައްދުގައި އަބަދުވެސް ޗައިނާގެ ސަބްމެރިންތަކާއި ޗައިނާގެ އުޅަނދުފަހަރު އުޅޭނެ، އެމެރިކާގެވެސް އުޅޭނެ، އެހެންވީމާ އިންޑިއާ ބޭނުންވާނެ އެތަނުަގައި ތިބެގެން ބަލަން ޗައިނާ މީހުން އަމަލު ކުރަނީ ކިހިނެއްކަން،" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ، އައްޑޫސިޓީގައި އެފަދަ ބޭސް އެއް ގާއިމް ކުރައްވަން ރައީސް ނަޝީދު އުޅުއްވާކަން އެމަނިކުފާނު އައްޑުއަށް ކުރެއްވި ދަތުރުފުޅުގައި ދެއްކެވި ވާހަކަފުޅުންވެސް އެނގޭ ކަމަށެވެ.

"ނަޝީދު ވިދާޅުވީ އައްޑުއަތޮޅުގައި ވާހަކަފުޅު ދައްކަވަމުން، ޗައިނާ އާއި އިންޑިއާ އާއި ދެމެދުގައި އެބޯތޭ ފިނި ހަނގުރާމައެއް، މި ހަނގުރާމަ ނިންމާނީ އައްޑޫ ރައްޔިތުންނޭ، އެބުނާ ވާހަކަ އަކީ އެތަނުގައި އިނޑިއާގެ މިލިޓަރީ ބޭސް ޖަހާވާހަކަ، ބައްލަވާ އިންޑިއާގެ މިލިޓަރީ ބޭސް އެއް އައްޑުއަތޮޅުގައި ގާއިމް ކޮށްފިއްޔާ އައްޑޫ ރައްޔިތުންނަށް ހުރި ގެއްލުން،" އުމަރު ނަސީރު ވިދާޅުވިއެވެ.

އައްޑޫ ދަރިން

އައްޑޫ އާރޭފުގައިު އެހެރަ ހަދަމުންދާ އިމާރާތަކީ މިލިޓަރީ ބޭސް އެއްތަ ނޫނީ ޕޮލިސް ޓްރެއިނިންގ އިސްކޫލެއްތަ؟ މި ސުވާލަަށް ޖަވާބެއް ބޭނުންވޭ!

އައްޑޫ މީހާ

އައްޑޫ ވިއްކާލީ ވިއްކާލީއޭ ވިއްކާލީއޭ. އެއްކިލޯ މީޓަރުގެ ސަރަހައްދެއްގައި ހަދަމުންދާ އެހެރަ ވަރުގަދަ އިމާރާތްތައް ނިކަން ދެކިބަލާ! މިއޮތީ އަޅުވެތި ކޮށްފައި .....

ނުޖަހާނެ މިކޮމެންޓް

ނިކަން ބަލާބަލަ. އެހެރަ ޕޮލިސް ޓްރެއިނިންގ ސްކޫލެކޭ ކިޔާފައި ހަދާ ޢިމާރާތްތައް. ހާދަ ވަރުގަދައަކަށޭ އެތަންތަން އެހަދަނީ. އެތަނުގެ ދިގުމިނުގައި އެބަހުރި އެއް ކިލޯމީޓަރު،. މިކަމާ ބަހެއް ބުނެލާ މީހެއް ނެތް. އަހަރެމެން ލިންކް ރޯޑުން ދުއްވާފައި ދާއިރު ވަރަށް ދެރަވޭ މިކަމާ. އަހަރެމެން ބޭނުމެއް ނޫން މިކަހަލަ ޓްރެއިނިންގ ސްކޫލެއް. މިތަނުގެ ފުއްޓަރު ފަރާތުގައި މަނަވަރު ކައިރިކުރާ ބަނދަރެއް ހަދާ ވާހަކަ ވެސް އަޑުއެބައިވޭ. ހާދަ ޗާލު ތަނެކޭ އެމީހުންނަށް ވިއްކާލައިގެން އެއުޅެނީ.