މިނިސްޓަރު ފައްޔާޒް އިސްމާއީލް

ގުޅީފަޅު ހިއްކައި މާލެއާ ގުޅައިލުމުގެ ވިސްނުން އެބަހުރި: ފައްޔާޒު

ޝަހީދާ އަބްދުﷲ ސައީދު

ގުޅީފަޅު ހިއްކައި މާލެއާއި ގުޅައިލުމުގެ ވިސްނުން އެބަހުރި ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލު ވިދާޅުވެއްޖެއެވެ.

ރޭ އެމްޑީޕީން ބޭއްވި މަޖިލިސް ކެމްޕެއިންގެ އެޖެންޑާ19 ގައި "ފަހުވެރި އާއިލާ" ބޯހިޔާވަހިކަމުގެ ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ގުޅީފަޅު ހިއްކައި މާލެއާ ގުޅާލުމުގެ ވިސްނުން ސަރުކާރުން ގެންގުޅުއްވާކަމަށާއި ގުޅީފަޅުން ގޯއްޗާއި ފުލެޓް ބޭނުންވާ މީހުންވެސް އެބަތިބި ކަމަށެވެ.

އަދި ބޯހިޔާވަހިކަން ހައްލުކުރުމަށް ސަރުކާރުން މަސައްކަތްކޮށްދެއްވާނެ ކަމުގެ ޔަގީންކަން އަރުވަމުން ފައްޔާޒު ވިދާޅުވީ ބޯހިޔާވަހިކަން ހައްލުކުރުމަށް ބޭނުންވަނީ ގާތްގަނޑަކަށް 17000 ފުލެޓް ކަމަށާއި އެފުލެޓްތައް އަޅަން ބޭނުންވަނީ ސަތާރަ ބިލިއަނެއްހާ ރުފިޔާ ކަމަށެވެ.

އަދި އެފައިސާ ހޯދުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަމުންދާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މާލެއެކޭ އެއްގޮތަށް ބޮޑެތި އަތޮޅުތައް ތަރައްގީ ކުރުމުގެ ވިސްނުންވެސް އެބަހުރި ކަމަށެވެ. އެގޮތުން އައްޑޫ ސިޓީއާއި ލ. އަތޮޅާއި ހދ. އަތޮޅައި ހއ. އަތޮޅު ތަރައްގީކުރުމުގެ ވިސްނުން ގެންގުޅުއްވާކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެސަރަހައްދުތައް ތަރައްގީ ކުރުމުން އަތޮޅުތަކުގެ ރައްޔިތުން މާލެ އަންނަން ނުޖެހޭނެއެވެ.