ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ނައިފަރުގައި ފްލެޓްތައް އަޅަން މިހަފްތާގައި ބީލަމަށް ހުޅުވައިލާނަން: ރައީސް

ޝަހީދާ އަބްދުﷲ ސައީދު

ޅ. ނައިފަރުގައި ހައުސިން ޔުނިޓުތައް އެޅުމަށް މިހަފްތާގައި ބީލަށް ހުޅުވައިލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވީ އެމްޑީޕީގެ ޓިކެޓްގައި ނައިފަރު ދާއިރާއަށް ވާދަކުރައްވައި މުހައްމަދު ކާރިމްގެ ކެމްޕެއިން ޖަލްސާގައި މިއަދު ނައިފަރުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ނައިފަރަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމަށާއި އެކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން މި ހަފްތާ ތެރޭގައި އެރަށުގައި 100 ހައުސިން ޔުނިޓު އެޅުމަށް ބީލަމަށް ހުޅުވައިލާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ނައިފަރުގެ ބިން ހިއްކުމަކީ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދެއް ކަމަށާއި އެ ވައުދު މިފަސް އަހަރުގެ ތެރޭގައި ކުރައްވާނެ ކަމަށެވެ. އަދި ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ނިމުމާއެކު މަގުތައް ހެދުމުގެ މަސައްކަތްވެސް ފަށާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ސަރުކާރުން ރައްޔިތުންނަށް ބޭނުންވާ ތަރައްގީ ގެނެވޭނީ އެޖެންޑާ19 ކާމިޔާބު ކުރެވިގެން ކަން ފާހަގަ ކުރެއްވިއެވެ.

އެގޮތުން ނައިފަރަށް ބޭނުންވާ ތަރައްގީއާ ކުރިއެރުން ގެނައުމަށް އެދާއިރާގެ ކެންޑިޑޭޓު މުހައްމަދު ކާރިމަށް ވޯޓް ދިނުމަށް ރައީސް އެދިވަޑައިގެންފައިވެއެވެ.