ޖުމްހޫރީ ޕާޓީ

ގާސިމްގެ ނިންމެވުން ގަބޫލުކުރުމަކީ އަނިޔާއާއި ކޮރަޕްޝަނަށް އާނއެކޭ ބުނުމެއް ނޫން: އަމީން

ޝަހީދާ އަބްދުﷲ ސައީދު

ރައްޔިތުންގެ މަޖިލީހުގެ ދާއިރާތަކަށް ވާދަކުރުމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ނިންމަވައިފައިވާ ނިންމެވުން ގަބޫލުކުރުމަކީ އަނިޔާއާއި ކޮރަޕްޝަނަށް އާބަސް ބުނުން ނޫންކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަމީން އިބްރާހީމް ވިދާޅުވެއްޖެއެވެ.

އަމީން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަޖިލިސް 19 އާއި ގުޅިގެން ގާސިމް އިބްރާހީމް ނިންމެވި ނިންމެވުމާ ދެކޮޅަށް ޖޭޕީގެ ބައެއް މެންބަރުން އެކި ފޯރަމްތަކުގައި ލީޑަރާއި ޕާޓީގެ އަގުވެއްޓޭގޮތަށް ފާޑުވިދާޅުވާތީ ހިތާމަކުރައްވާ ކަމަށެވެ.

އަދި ލީޑަރުގެ ނިންމެވުން ހަަރުދަނާ ނުވިނަމަ، އެބޭފުޅުން ބައިވެރިވާ ސަރުކާރެއް ގެނެވި، މިފުރުސަތު ލިބުނީސްތޯ އަމީން ސުވާލު އުފެއްދެވިއެވެ.

އިތުރު ޓުވީޓެއްގައި އަމީން ވިދާޅުވީ އެހަގީގަތް ނޭނގޭ ކަމަށްހެދިޔަސް ޖޭޕީގެ މެންބަރުންނަށް އެހަގީގަތް އޮޅިގެން ނުވާނެ ކަމަށާއި އެއީ އަނިޔާއާއި ކޮރަޕްޝަނަށް އާނއެކޭ ބުނުން ނޫންކަމަށެވެ.

އަދި އެއީ އިންސާފަށް ދެކޮޅުވުމެއްވެސް ނޫންކަމަށާއި ގާސިމްގެ އެނިންމެވުމަކީ ރާއްޖޭގެ މުސްތަގިއްލުކަން ކަށަވަރުކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް އަރުވާ ހަދިޔާއެއް ކަމަށް އަމީން ވިދާޅުވިއެވެ. އަދި އެކަން ފަހުން ގަބޫލުކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޖޭޕީން މަޖިލިސް 19 ގައި ހިތާ ދެކޮޅަށް ވެސް ކޯލިޝަނުން ބޭރު ބައެއްގެ އެހީ ހޯދަންޖެހުނީ ކޯލިޝަން އެއްބަސްވުމެއް ނެތްކަމަށް ބުނެ މަޖިލިސްގެ ހުރިހާ ގޮނޑިތަކަށް އެމްޑީޕީން ނުކުމެ، 2009 ގައި އަމަލުކުރި ގޮތަށް މުޅި މަޖިލިސް ނަގަން އުޅުމުން ކަމަށް އަމީން ވިދާޅުވިއެވެ.

އަދި އެދުވަހުވެސް ބަޔަކު ފާޑުކީކަން ފާހަގަކޮށް މިހާލަތުގައި ޖޭޕީން ހަދަންވީ ކިހިނެއްތޯ އަމީން ސުވާލު އުފެއްދެވިއެވެ.

އަމީން މިފަދައިން ޓުވީޓު ކުރައްވާފައި މިވަނީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް، ޕީޕީއެމްއާއި ޕީއެންސީން މަޖިލީހުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއީދުކުރަން ނިންމެވުމާއި ގުޅިގެން އެކަމަށް އެޕާޓީގެ ބައެއް އިސް ބޭފުޅުން ފާޑު ވިދާޅުވަމުންދާ ދަނޑިވަޅެއްގައެވެ.