ބައްޕަގެ ދެފައިގައި ހިފާ ޝާނާ ރޮއެގަތެވެ. ކުޑަކުއްޖެއް ފަދައިންނެވެ. އެވަގުތު މީހަކު އެތަނަށް އައިސް އޭނާ އަށް ގޮވާލި އެވެ. ޒައުލް އެވެ. އަބަދުވެސް ހަރުކަށި ގޮތެއް ހުންނަ ޒައުލްގެ މޫނުމަތިން މިފަހަރު ފެންނަނީ ވަރުބަލިކަމެވެ. މާޔޫސްކަމެވެ.
ޝާނާ އަށް ހަދާނެ ގޮތެއް ނޭނގުނެވެ. ޒައުލް ގާތު ބޭރަށް ނިކުންނަން ބުނަންވީ ހެއްޔެވެ. ނޫނީ އެއްޗެކޭ ނުބުނެ އެތަނުގައި އިންނަންވީ ހެއްޔެވެ؟ ހަދާނީ ކިހިނެތް ހެއްޔެވެ؟ ޒައުލްގެ ނަޒަރު ހުރީ ނިޒާރުގެ ފައިގައި ހިފަހައްޓައިގެން ހުރި ޝާނާ އަށެވެ.
ކޮންކުއްޖެއް؟ ނިޒާރު ބުނެލިއެވެ.
ނަމަވެސް އެއަޑު ޒައުލް އަށް އިވުނުހެނެއް ހިޔެއް ނުވެއެވެ. އޭނާގެ ނަޒަރު ހުރީ ޝާނާ އާ ދިމާއަށެވެ. އެ މޫނު މަތީގައި އެތައް ސުވާލުތަކެއް ހުއްޓެވެ.
މަޑުމަޑުން ހިނގަމުން އައިސް ޒައުލް ޝާނާ އަތަށް ދިއްކޮށްލީ ސިޓީ އުރައެކެވެ. އެސިޓީގައި ޝާނާ ހިފުމުން ޒައުލް އައިސް ނިޒާރު ގާތުގައި އިށީނެވެ. ކަރުނައިން ފޯވެފައިވާ ނިޒާރުގެ ދެލޮލުން އިތުރަށް ކަރުނަ އޮހިގަތެވެ. އިތުރު ފަޟީހަތެއްވާކަށް އޭނާ ބޭނުމެއް ނޫނެވެ.
"އަޅުގަނޑަށް މާފްކުރައްވާ، ވެ ދިޔަ ކަންތަކަށް އަޅުގަނޑު ދަރިފުޅުގެ ފަރާތުންވެސް މާފަށް އެދެން، އަޅުގަނޑުމެންނަކީ ނިކަމެތިން ...."
"މިވަގުތު އަރާމުކޮށްލާ، އަޅުގަނޑު ބޭނުންވަނީ ހަމަ އެކަނި ހަގީގަތް އިނގެން. ކުޑައިރުކޮޅަކަށް އަޅުގަނޑު ޝާނާ އާ އެކަނި ބައްދަލުކޮށްލަން ބޭނުން. އެކަމަކު ޝާނާ ބައްޕަ ހުއްދަ ދެއްވައިފިއްޔާ"
ޒައުލްގެ ކިބައިގައި ހުރި މަޑުމޮޅިކަމާއި މިހުރިހާ ކަމަކަށްފަހު ވެސް އޭނާ ނިޒާރުއަށް އެކުރި އިހްތިރާމް ފެނި ޝާނާ ހުރީ އަޖައިބުވެފައެވެ. ހަމަ ހަގީގަތުގައިވެސް އަދިވެސް ޒައުލް އޭނާ ދެކެ ވާ ލޯތްބަށް ބަދަލެއް ނާންނަނީ ބާވައެވެ. ނޫނީ މިކަމުގެ ފަހަތުގައިވަނީ ބަދަލު ހިފުމެއް ނޫންބާވައެވެ. ސިކުންތަކަށްވުރެ ސިކުންތެއް އޭނާގެ ހާސްކަން ދިޔައީ އިތުރުކުރަމުންނެވެ.
***************************************
މިހާރު އެދެމީހުންވެސް އެތިބީ އެއްވެސް މީހެއްގެ ހިލަމެއްނުވާ ތަނެއްގައެވެ. ވަށައިގެންވި ރޭގަނޑުގެ އަނދިރިކަމުގެ ތެރޭގައި މަތިން ބަބުޅާ ތަރިތައް ބެބުޅުންތައް އިތުރުކުރަމުންދާއިރު ހީވަނީ ދެންވާނެ ގޮތެއް ބަލަން ތަރިތައް ކެތްމަދުވެފައި ތިބިހެންނެވެ. ޖެހެމުންދިޔަ ބާރު ވައިރޯޅިތަކުގެ ތެރޭގައި ޝާނާގެ އިސްތަށިގަނޑު ހޫރެމުންދިޔަ އިރު ޒައުލް ހުރީ ޝާނާ އަށް ފުރަގަސްދީގެންނެވެ. ހަދަމުންދިޔަ އިމާރާތެއްގެ 10 ވަނަ ބުރިއަށް ޒައުލް އޭނާ ގެންދިޔައީ ކީއްކުރަން ބާވައެވެ. އެކަމަކު އޭނާ އެތަނަށް އެރީ އެތާމަތިން ޒައުލް އޭނާ ވައްޓާލިޔަސް ހެޔޮކަމަށް ހިތައެވެ.
ޖަމާލް އަކީ ޝާނާގެ ކާކު؟ ޒައުލްގެ އެސުވާލުން ޝާނާ ދިޔައީ ސިހިގެންނެވެ. އެސުވާލުގެ ޖަވާބު ޒައުލްއަށް ދޭކަށް އޭނާ ބޭނުމެއް ނޫނެވެ.
"ތި ސުވާލް ތިކުރީ ކީއްވެ؟ އަހަރެން ތި ސުވާލުގެ ޖަވާބުދޭކަށް ބޭނުމެއް ނޫން، އަހަންނަށް މާފު ނުކުރާނެކަން އިނގޭ އެކަމް ތިވާހަކަތައް އަހަންނަށް ކިޔައެއް ނުދެވޭނެ... އަދި ވަރަށް ދުވަސް އެބައޮތް ތިވާހަކަތައް އަހަރެން މަރުވިޔަސް ކިޔާ ނުދެވޭނެ. އަހަރެން އެކަނި ބަހައްޓާފަ ދޭ އަހަރެން އެއްވެސް މީހަކާ ވާހަކަ ދައްކާކަށް ބޭނުމެއް ނޫން.."
"އެހެންވިއްޔާ ޖަމާލް ތިވީ ވަރަށް ހާއްސަ މީހަކަށްތާ، ފުރަތަމަ ދުވަހުއްސުރެ އަހަރެން ޝާނާ ދެކެ ވީ އިންތިހާ ލޯބި، އެހެން މީހަކު ނަމަ ދުވަހަކުވެސް މާފެއް ނުކުރާނެ، އެކަމަކު އަހަރެން އަދިވެސް މި މަސައްކަތް ކުރަނީ ސަބަބު ހޯދަން، ބުނޭ ޖަމާލް އަކީ ކާކު؟" ޒައުލް ހުރީ މިހާރު ކުޑަކޮށް ރުޅި ގަދަވެފައެވެ.
"ބުނެފީމެއްނު ތިސުވާލުގެ ޖަވާބުދޭކަށް ބޭނުމެއް ނޫނޭ، ކޮންމެ ގޮތެއް ހެދިޔަސް އަހަންނަށް ވަރިހަމަ، މިތަނުން އަހަރެން ވައްޓާލިޔަސް، އަހަރެން ދުނިޔޭގަ ހުންނަންވީ އެއްވެސް ސަބަބެއް މިހާރަކުނެތް، އަހަރެންމި ދަނީ" ޝާނާ ހިނގައިގަތެވެ.
ޒައުލްގެ އަވަސް ހަރަކާތުން ޝާނާގެ އަތުގާ ހިފާ ކުއްލިޔަކަށް އޭނާގެ ގަޔާ ގާތަށް ޝާނާ ގެނައެވެ. މިހާރު އެދެމީހުންގެ ދެމެދަށް ވައިރޯޅި އަކަށްވެސް ނުވަދެވޭނެ އެވެ.
"އައިލަވްޔޫ" އޭނާ އެންމެ ލޯބިވާ ކުއްޖާގެ މޫނުން އެހާ ހިތްދަތިކަން ފާޅުވާތަން ދެކޭކަށް ޒައުލް އަކަށް ކެތެއް ނުވިއެވެ.
"ނޫން، ތީ ދޮގެއް ނުވާނެ ލޯތްބެއް، އަހަރެން ބޭނުމެއް ނޫން އެއްވެސް މީހެއްގެ ލޯތްބެއް އަހަރެން ބޭނުމީ ޒައުލް އާ ދުރަށްދާން ދޫކޮށްލާ އަހަރެން" އޭނާ ބޭނުންވަނީ ޒައުލް އޭނާ ދެކެ ރުޅި އަންނާށެވެ. އޭނާގެ ދިރިއުޅުމުން ޒައުލް ބޭރުކޮށްލާށެވެ. އެކަމަކު އިންތިހާއަށް ޒައުލް ދެކެ ލޯބިވެސް ވެއެވެ.
"ދުވަހަކުވެސް ދުލެއް ނުކުރާނަން، ކިޔާދީބަ ޕްލީސް، އަހަންނަށް އިނގޭ ކޮންމެސް ކަހަލަ މަޖުބޫރީ ކަމެއް ހުރެގެން ނޫނީ ނަން އޮޅުވާލައިގެން ޝާނާ ނޫޅޭނެކަން. އެކަމް ހަގީގަތަކީ އަހަންނަށް މާކުރިންވެސް އިނގޭ ތީ ޝާނާ ކިޔާ ކުއްޖެއްކަން، ޖަމާލް ގެ ހަގީގަތްވެސް އަހަންނަށް އިނގޭ، އެންމެ ފުރަތަމަ އިންޓަވިއުއަށް އައި ދުވަހު ލިފްޓް ތެރޭގައި ހުއްޓާ ޖަމާލްގެ ކޯލެއް ޝާނާ އަށް އައިތަން އަހަންނަށް ފެނުނު، އެދުވަހުން ފެށިގެން އަހަރެން ދިޔައީ ވަރަށް ރަނގަޅަށް ތީ ކޮން މަގްސަދެއްގަ އޮފީހަށް ވަން ކުއްޖެއްތޯ ބަލަމުން، އެކަމަށް އަހަންނަށް ފިޔަވަޅެއް ނޭޅުނީ އަހަރެންގެ ހިތް އިންތިހާއަށް ޝާނާ އަށް އެދެމުންދާތީ، އަހަރެންގެ އަމިއްލަ ނަފްސަށް އެއްވެސް ބާރެއް ނުފޯރުވޭހާ ވަރަށް އަހަރެން ޝާނާ ދެކެ ލޯބިވޭ، އެއްވެސް ފަރުވާލެއް ނެތް އެންމެނަށް އެކަން އެނގުނަސް، އޮފީހުގެ ހުރިހާ ލިޔެކިޔުމެއްގަ އަހަރެން ހުންނާނީ ޝާނާގެ އަސްލުނަން ބޭނުންކޮށްފަ، ހަމަ އެކަނި ދާރިޔާ މޮމް އަށް އެލިބުނީ އައިޑީ ކާޑު، އެހެންވީމަ އަހަރެން އެހާ ދެރައެއް ނުވޭ ހަގީގަތުގަ، އެކަމް އަހަރެންގެ ކެރިއަރ ދުއްވާލުން އެއީ ދާރިޔާ މޮމް ގެ ވަރަށް ބޮޑު ހުވަފެނެއް، އެހެންވެ އަހަރެން އެވަގުތު އެއްޗެއް ނުބުނެ މަޑުކޮށްލީ. ކޮންމެ މީހަކަށްވެސް ކޮމްޕެނީގެ ސައިޓް ރަނގަޅަށް ބަލާއިރު އިނގޭނެ ތީ ޝާނާ ކިޔާ ކުއްޖެއްކަން، ކޮމްޕެނީ އަށް ޖޮއިންވީ ކޮން ޑޭޓެއްގަކަން ......."
"ސީރިއަސްލީ ވާއު، ދެން ކީއްވެ ތިހުރިހާ ކަމެއް އިނގޭއިރު އަހަރެންގާތު ނޭހީ" ދެމީހުންނަށް ހިނިތުންވުމާއެކު އެކަކު އަނެކަކުގެ މޫނަށް ބަލާލެވުނެވެ.
(ނުނިމޭ)