ބޮލީވުޑް

އިންޑިއަން ސުޕާ ހީރޯ އަކަށް ދުނިޔެ ތައްޔާރު، ވަރަށް އަވަހަށް ފެނިގެން ދާނެ: ދީޕިކާ

އިންޑިއަން ސުޕާ ހީރޯއެއް މާވެލް ސިނެމަޓިކް ޔުނިވާސް ސްޓޫޑިއޯ އިން އުފައްދަން ވެއްޖެ ކަމަށާއި ވަރަށް އަވަހަށް ފެނިގެން ދާނެ ކަމަށް އުންމީދު ކުރާކަމަށް ދީޕިކާ ޕަޑުކޯން ބުނެފިއެވެ.

ދީޕިކާ ޕަޑުކޯންގެ ވެކްސް ސްޓެޗޫއެއް މެޑަމް ޓުސާޑު ލަންޑަންގައި ބެހެއްޓުމަށް އޮތް ހަފްލާގައި ވާހަކަ ދައްކަމުން ދީޕިކާ ބުނި ގޮތުގައި އޭނާ އަކީ މާވެލް ސިނަމެޓިކް ޔުނިވާސް އާއި ސުޕާ ހީރޯ ފިލްމުތަކުގެ ވަރަށް ބޮޑު ފޭނެއް ކަމަށެވެ. މީގެ އިތުރުން އެ ސްޓޫޑިއޯގެ ފިލްމުތަކުގައި އިންޑިއަން ސުޕާ ހީރޯއެއް ބެލުމަށް ދުނިޔެ ތައްޔާރަށް އޮތް ކަމަށާއި، އެކަން ވަރަށް އަވަހަށް ވާނެ ކަމަށް އުންމީދު ކުރާކަމަށް ބުންޏެވެ.

ދީޕިކާ ވަނީ ވަރަށް ފަހުން އެވެންޖާސްގެ ތަރި ސްކާލެޓް ޖޮހަންސޮން އާއެކު ވޯގް މެގަޒިންގެ ކަވައިން ފެނިގެން ގޮސްފައެވެ.

މިދުވަސްވަރު ދީޕިކާ މަސައްކަތް ކުރަމުން ދަނީ މެގްނާ ގުލްޒާރުގެ ފިލްމު "ޗަޕާކް" ގައެވެ. ފިލްމަކީ އެސިޑް އެޓޭކްގެ ސަވައިވާ އެއް ކަމަށްވާ ލަކްސްމީ އަގަރްވާލުގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމެކެވެ.