ހަސަން ލަތީފް

އޭޝިއާ ޕެސިފިކް ޑިމޮކްރެޓް ޔޫނިއަންގެ ވައިސް ޗެއާމަނަކަށް ހަސަން ލަތީފް އިންތިހާބުކޮށްފި

އޭޝިއާ ޕެސިފިކް ޑިމޮކްރެޓް ޔޫނިއަން (އޭޕީޑީޔޫ)ގެ ވައިސް ޗެއާމަނަކަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު އިންތިހާބުކޮށްފިއެވެ.

އޭޕީޑީޔޫގެ ވައިސް ޗެއާމަނަކަށް ހަސަން ލަތީފު އިންތިހާބުކޮށްފައިވަނީ ސްރީލަންކާގެ ކޮލަމްބޯގައި ބޭއްވި އެ ޔޫނިއަންގެ ބައްދަލުވުމެއްގައެވެ.

އެ ބައްދަލުވުމުގައި އޭޕީޑީޔޫގެ ޗެއާމަން އަދި ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ އިތުރުން އެމްޑީޕީގެ ފަރާތުން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް މުހައްމަދު ޝިފާޒް އަދި ޗެއާޕާސަން ހަސަން ލަތީފު ބައިވެރިވެވަޑައިގެންނެވިއެވެ.

އޭޕީޑީޔޫއަކީ އިންޓަނޭޝަނަލް ޑިމޮކްރެޓިކް ޔޫނިއަންގައި ހިމެނޭ ބައެއް ސިޔާސީ ޕާޓީތަކުގެ މައްޗަށް އެކުލެވޭ ބައިނަލްއަގުވާމީ އެސޯސިއޭޝަނެކެވެ. އޭޕީޑީޔޫގައި ރާއްޖެއިން ހިމެނެނީ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އެވެ.

އެމްޑީޕީގެ އިތުރުން އޭޕީޑީޔޫގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ނިސްބަތްވެވަޑައިގަންނަވާ ބަރަތިޔާ ޖަނާތާ ޕާޓީއާއި ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ނިސްބަތްވެވަޑައިގަންނަވާ ޔުނައިޓެޑް ނޭޝަނަލް ޕާޓީއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީ އަދި ބައެއް ގައުމުތަކުގެ ވެރިކަން ކުރާ ޕާޓީތަކާއި އިދިކޮޅު ބައެއް ޕާޓީތައް ހިމެނެއެވެ.

އޭޕީޑީޔޫގެ ވައިސް ޗެއާމަނަކަށް ހޮވިވަޑައިގެންނެވި ހަސަން ލަތީފު، އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރު ފަހު 2:30 ގައެވެ.