ޚަބަރު

ވެމްކޯއަށް ސަރުކާރުން ހޭދަކުރަންޖެހެނީ، ހިދުމަތް ހޯދާ ފަރާތްތަކުން ގަވައިދުން ފައިސާ ނުދައްކާތީ: އިގްބާލް

މަރިޔަމް ޝަހުދާ

1

ވެމްކޯއަށް ސަރުކާރުން ހޭދަކުރަންޖެހެނީ ހިދުމަތް ހޯދާ ފަރާތްތަކުން ގަވައިދުން ފައިސާ ނުދެއްކުމުގެ ސަބަބުން ކަމަށް ވެމްކޯގެ ފައިނޭންސް މެނޭޖަރ މުއްމަދު އިގްބާލް ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމް ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިގްބާލް ވިދާޅުވީ ވެމްކޯގެ ހިދުމަތަށް ރަޖިސްޓަރ ވެފައިވާ 20،000 ގޭބިސީ ހިމެނޭ އިރު %60 ގޭބިސީއަކީ ގަވައިދުން ފައިސާ ނުދައްކާ، އަދި ދިގު މުއްދަތަކަށް ފައިސާ ނުދައްކާ ގޭބިސީތައްކަމަށެވެ. މިކަމުގެ ސަބަބުން ވެމްކޯގެ އެކި މަސައްކަތްތަކަށް ސަރުކާރުގެ އެހީ ބޭނުންވާކަމަށް އިގްބާލް ވިދާޅުވިއެވެ.

މީގެ އިތުރުން ހިދުމަތް ހޯދާ ކަސްޓަމަރުން ގަވައިދުން ފައިސާ ދައްކާނަމަ ވެމްކޯ އިން ލިބޭ އާމްދަނީ އިން ކުންފުނި ހިންގުމުގެ ހަރަދުތައް ބެލެހެއްޓޭނެކަމަށް އިގްބާލް ވިދާޅުވިއެވެ.

އިގްބާލް ވިދާޅުވި ގޮތުގައި މިއަހަރުވެސް ވެމްކޯއަށް ލިބެންޖެހޭ އެތައް މިލިއަން ރުފިޔާއެއް އެ ކުންފުންޏަށް ނުލިބި އެބަހުއްޓެވެ. އަދި އެ ކުންފުންޏަށް ލިބެންޖެހޭ ފައިސާ ގޭބިސީތަކާއި ކޮމާޝަލް ސާވިސް ޔުނިޓުތަކުން ގަވައިދުން ދައްކާނަމަ ސަރުކާރުގެ ހޭދަކުރުމަކާ ނުލައި ކުންފުނި ހިންގޭނެކަމަށް އިގްބާލް ވިދާޅުވިއެވެ. ނަމަވެސް މިހާރު އެންމެ %40 ގޭބިސީ އިން ގަވައިދުން ފައިސާ ދައްކަމުން ދިއުމުގެ ސަބަބުން މުވައްޒަފުންގެ މުސާރަ ދިނުމަށާއި ކުންފުނި ހިންގުމަށް ދަތިތަކާ ކުރިމަތިވެ ސަރުކާރުގެ އެހީ ހޯދަން ޖެހޭކަން އިގްބާލް ފާހަގަ ކުރެއްވި އެވެ.

ކަސްޓަމަރުން ގަވައިދުން ފައިސާ ނުދައްކާ ސަބަބުތަކާއި، ކުނި އުކުމުގެ ހިދުމަތަށް ރަޖިސްޓަރ ނުކުރާ ފަރާތްތައް އެހެން ކަންތައް ކުރަމުން އަންނަަނީ ކީއްވެތޯ ބެލުމަށް ވެމްކޯއިން ވަނީ މި ހަފްތާގެ އާދިއްތަ ދުވަހު ސާވޭ އެއް ފަށައިފައެވެ.

ވެމްކޯއިން ބުނީ މި ސާވޭ އަކީ ވެމްކޯގެ ހިދުމަތްތައް އިތުރަށް ރަނގަޅުކޮށް، މަސައްކަތްތައް ފުޅާކުރުމުގެ އިތުރުން، މަސައްކަތުގެ އުޖޫރަ ނުދައްކައި ވެމްކޯގެ ހިދުމަތްތައް ލިބިގަންނަމުންދާ ފަރާތްތައް ދެނެގަތުމަށް ކުރިއަށް ގެންދާ ސާވޭއެއް ކަމަށެވެ.

ލޯކަ!

ދެފަރާތުގައިވެސް މަސްއަލަތައް އެބައުޅޭ! ޤަވާޢިދުން ފައިސާ ނުދައްކާ ފަރާތްތައް އުޅޭފަދައިން، ބަރާބަރަށް ފައިސާ ދައްކާ ފަރާތްތަކުގެ ކުނި ވެމްކޯއިން ދުވަހުން ދުވަހަށް އުކައިވެސް ނުދޭ! އެހެންވުމުގެސަބަބުން ސިއްޙީ މަސްއަލަތަކާ ކުރިމަތިލާންޖެހޭ! ކޮންމެ ގެއެއްގެ ނުވަތަ އެޕާޓުމަންޓެއްގެ ދޮރުކުރިމަތި ވަނީ ކުނިގޮނޑަކަށްވެފައެވެ. ކޮންމެގެއަކުން ކުނި ދޮރު މައްޗަށް ނެރެނީ ބުޅަލަށް ކާންދީ ތަން މުޑުދާރުކުރަން ކަމުގައި މިވަނީ ވެފައެވެ.