ޚަބަރު

އެއްވެސް މީހަކު ބަނގުރަލަށް ސަނާ ކިޔައި ހިތްވަރުދީ ހެދުމަކީ ރައްޔިތުން ރުހޭ ކަމެއް ނޫން: އިބްރާހީމް

މަރިޔަމް ޝަހުދާ

އެއްވެސް މީހަކު ބަނގުރަލަށް ސަނާ ކިޔައި ހިތްވަރުދީ ހެދުމަކީ ރައްޔިތުން ރުހޭ ކަމެއް ނޫންކަމަށް ކުރިއައް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަގޮތުން މައްޗަންގޮޅި މެދު ދާއިރާއަށް ވާދަކުރައްވާ ޝެއިޚް އިބްރާހީމް މުހައްމަދު ވިދާޅުވެއްޖެއެވެ.

މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ކެނޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ދެކޮޅަށް ވާދަކުރައްވާ އިބްރާހީމް، މިހެން ވިދާޅުވެފައި ވަނީ ރޭ ތޮއްޑޫގައި ކުރިއައް ދިޔަ ކެމްޕެއިން ޖަލްސާގައި ރައީސް ނަޝީދު ދެއްކެވި ވާހަކަތަކައް ނިސްބަތްކޮށެވެ. ރޭގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ ޗޮކްލެޓާއި ރަލާއި ސިނގިރޭޓުން ވިޔަފާރި ކުރީމާ އިންތިހާއަށް ފައިދާ ބޮޑުވާނެ ކަމަށް ވިދާޅުވެފައެވެ.

ބަނގުރަލުގެ ވިޔަފާރިން ފައިދާ ބޮޑުވާނެކަމަށް ވިދާޅުވެ ރައީސް ނަޝީދު ދެއްކެވި ވާހަކަތަކައް ރައްދު ދެއްވަމުން އިބްރާހީމް ކުރެއްވި ޓުވީޓެއްގައި އޭވާ ވިދާޅުވެފައިވަނީ މާތްﷲ ބަނގުރާ ހަރާމް ކުރައްވާފައިވަނީ އެއިން ލިބޭ ފައިދާއައްވުރެ ގެއްލުން ބޮޑުވީމަ ކަމަށެވެ. މީގެ އިތުރުން މަރުވުމުން ސަލާމަތްކަން އޮތީ މާތްﷲގެ ބަސްފުޅު ބަލައިގަނެގެން ކަމަށް އިބްރާހީމް ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ބަނގުރަލުގެ ވިޔަފާރިން ފައިދާވާނެ ކަމަށް ބުނެ ރައީސް ނަޝީދު ދެއްކެވި ވާހަކަތަކާއި ގުޅިގެން އެތައް ބައެއްގެ ނުރުހުމާއި ފާޑުކިޔުންތައް ވަނީ އެމަނިކުފާނަށް އަމާޒުވެފައެވެ. މީގެ އިތުރުން ސިޔާސީ އެކި އެކި ބޭފުޅުން ގެންދަނީ ނަޝީދުގެ އެ ވާހަކަ ކުށްވެރިކުރަމުންނެވެ.