އިލެކްޝަންސް ކޮމިޝަން

ވޯޓު ކަރުދާހާ މެދު ރައްޔިތުން ހޭލުންތެރިކުރުމަށް ކުރާ މަސައްކަތަށް އެއްބާރުލުން ދޭންޖެހޭ: އީސީ

ޝަހީދާ އަބްދުﷲ ސައީދު

ވޯޓު ކަރުދާހުގައި އިތުރު ފާހަގައެއް ޖަހައިގެން ވޯޓު ބާތިލުވާ ގޮތަށް އިންތިޚާބާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހުރިއްޔާ ތަސްދީގު ކުރެއްވުމާ ގުޅިގެން ރައްޔިތުން ހޭލުންތެރިކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ކުރަމުން އަންނަ މަސައްކަތަށް ހުރިހާ ފަރާތްތަކުންވެސް އެއްބާރުލުން ދޭން ޖެހޭ ކަމަށް އެކޮމިޝަނުން ބުނެފިއެވެ.

އީސީގެ މެންބަރު އަހުމަދު އަކުރަމް ''ވަންއޮންލައިން''އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ވޯޓް ކަރުދާހުގައި ފާހަގައިގެ އިތުރުން އެހެން އެއްވެސް ފާހަގައެއް ނުވަތަ ކުރެހުމެއް ހުރެއްޖެ ނަމަ ވޯޓް ބާތިލުވާނެ ކަމަށް ކަނޑައަޅައި ދިނުމަށް އެކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ތިން ފަހަރެއްގެ މަތިން ހުށަހެޅި ކަމަށެވެ.

އެގޮތުން މިދިޔަ އަހަރު ދެފަހަރު، އަދި މިއަހަރު އެއްފަހަރު މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް ވެސް އަކުރަމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ވޯޓު ކަރުދާހުގައި އިތުރު ފާހަގައެއް ޖަހައިގެން ވޯޓު ބާތިލުވާ ގޮތަށް އިންތިހާބާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުން ކޮމިޝަނުން އެކަމަށް ވަރަށް ބޮޑަށް ތާއީދުކުރާ ކަމަށެވެ.

އަދި އިންތިޚާބުގެ ކުރިން ރައްޔިތުން އެކަމަށް ހޭލުންތެރިކުރަން ޖެހޭނެ ކަމަށާއި ކޮމިޝަނުން ކުރާ މަސައްކަތަށް ރައްޔިތުންނާއި އަދި އެހެނިހެން ފަރާތްތަކުންވެސް އެއްބާރުލުން ދޭން ޖެހޭ ކަމަށް އަކުރަމް ވިދާޅުވިއެވެ.

ވޯޓު ކަރުދާހުގައި ފާހަގައިގެ އިތުރުން ކުރެހުމެއް ނުވަތަ ލިޔުމެއް ލިޔެފިނަމަ އެ ވޯޓު ކަރުދާސް ބާތިލުވާ ގޮތަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ ތަސްދީގުކުރައްވައިފައެވެ. އެ ބިލު މަޖިލީހުން ފާސް ކުރީ މިމަހުގެ ހަތަރުވަނަ ދުވަހުއެވެ.