ފުރާނަދަންދެން

ފުރާނަދަންދެން - 07

އާއިޝަތު ލިޔުޝާ

4

"އަވަހަށް ވަދޭ އެތެރެއަށް" ދޮރު ހުޅުވާލީ އަޒްކާކަން އެނގުމުން މޯހަންދާސް ބުނެލިއެވެ. އަޒްކާ އެތެރެއަށް ބޮޑަށް ދޮރު ހުޅުވާލުމަށްފަހު ހީލައިގެން ހުރެ ވަނެވެ. އޭރު ސޯފާގައި އިނާޝާ އާއި މޯހަންދާސް ތިއްބެވެ. އެނދުގައި އިނީ ނާހިދެވެ.

"ތިތާ އެނދުގައި އިށީނދެބަލަ" އިނާޝާ އަޒްކާއަށް އިޝާރާތްކޮށްލިއެވެ. އަޒްކާ ބަލާލީ ނާހިދަށެވެ. ނާހިދު އެހެން ދިމާލަކަށް ބަލާލަމުން އަޒްކާ އިށީންނަން ތަންދެއްކިއެވެ.

"އަޅުގަނޑު މިއައީ އިނާއްތަ ހޯދަން އެކޮޓަރީ ދޮރުގައި ވަރަށް ތަޅާފަ. އެންމެން މިކޮޓަރީގަ ތިބެދާނޭ ހިތަކަށް ނާރާވިއްޔާ. އަނެއްކާ ކިހިނެއްވީ؟ ހިނިތުންވެލަމުން އަޒްކާ ވާހަކަދެއްކިއެވެ. ނާހިދުދެކެ ވެވުނު ލޯބީގެ ސަބަބުން އޭނާގެ ހިތުގައި އުފެދެމުން އަންނަ ލަކުނުގެ އަސަރު މޫނުމަތިން ހާމަނުކޮށްވޭތޯ އޭނާ ދިޔައީ މަސައްކަތް ކުރަމުންނެވެ.

"މިއަދު ބައްޕަ ބޭނުންވަނީ ތިދެކުދިން އެއްތަނެއްގައި ތިބެގެން ވާހަކަދައްކަން. ތިއީ ބައްޕަގެ ދެދަރިން" މޯހަންދާސް ވާހަކަދައްކަން ފެށިއެވެ. އަޒްކާ އިސްޖަހާލިއެވެ. ނާހިދު އާ ދާދި ގާތުގައި އިންނަންޖެހުމުން އޭނާ އާއި ހެދި ނާހިދަށް އުނދަގޫ ވެދާނެތީ އަޒްކާ އިނީ ކަންބޮޑުވެފައެވެ.

"މި ވާހަކަ ބައްޕަ ދެއްކިއެއް ކަމަކު މި ވާހަކަތަކަކީ މަންމަގެ ވާހަކަތަކެއް. މަންމައަކީ ބަލި މީހަކަށްވެފައި މިވާހަކަތައް ދައްކަން މަންމައަށް އުނދަގުވާނެތީ ބައްޕަ މިދައްކަނީ. ބައްޕަ މިވާހަކަތައް ދެއްކިޔަސް ހީކޮށްލާ މަންމައޭ އެކިޔަނީ. މިވާހަކަތައް ބޮޑަށް އަމާޒުވާނީ ދަރިފުޅަށް. މިވަގުތު އަޒްކާއަކީ ބައްޕަގެ ދަރިއެއް. އެކުއްޖާއަކީ އެހެން ހުރިހާ ކުދިންނާއި އެތައް ގޮތަކަށް ތަފާތު ކުއްޖެއް. އަންހެން ދަރިއެއްގެ ފަރާތުން ބައްޕަ ދެކެން ބޭނުންވާ ހުރިހާ ސިފައެއް އެކުއްޖާގެ ކިބައިގައި އެބަވޭ. މަޑުމޮޅިކަމާއި ލަދުވެތިކަން، ބަސްމަދުކަމާއި ހިތްހެޔޮކަން. މާޒީގައިވީ ކަމެއްވީ. އެކުއްޖާ އެހެރީ މިހާރު ވެދިޔަ ހުރިހާކަމެއް މަތިން ހަނދާން ނައްތާލައިގެން. އެކުއްޖާއަށް ދުނިޔޭގެ ހުރިހާ އުފާވެރިކަމެއް ހޯދަދޭން ބައްޕަމެން ބޭނުން. ބުނަން މިއުޅެނީ ރަނގަޅު ދިރިއުޅުމެއް އެކުއްޖާއަށް ހޯދަދޭން ބޭނުންވާހަކަ. ބައްޕަމެން ނެތަސް ދަރިފުޅު ޖެހޭނެ އަޒްކާގެ ހުރިހާ ޒިންމާއެއް ނަގަން. ޒިންމާއަށް ފަރުވާކުޑަ ނުކުރާތި. އަޒްކާވެސް ވާނެ ކަމެއް ބޭނުންވެއްޖެނަމަ ލަސްނުކޮށް ނާހިދު ކައިރީގައި ބުނަން. ބައްޕައަށް އިނގޭ ތި ދެކުދިންގެ މެދުގައި ވަނީ އެކުވެރިކަން ކަން. އެހެންވީމަ އެއްވެސް ކަމެއް ދެބަސްވެ ދެކުދިންގެ މެދުގައި މައްސަލަތަކެއް ޖެހޭކަށް ބައްޕަ އަދި މަންމަވެސް ނޭދެން. ނާހިދް ދަރިފުޅު ހަނދާންކުރާތި އަޒްކާއަކީ އަންހެންކުއްޖެއްކަން" މޯހަންދާސް ވާހަކަދައްކަމުން ދިޔައެވެ.

މޯހަންދާސް އާއި އިނާޝާގެ ފަރާތުން އުންމީދުވެސް ނުކުރާ ވަރަށް ލޯބި ފެނުމުން އަޒްކާއަށް އޭނާގެ އިހުސާސްތަކުގެ މައްޗަށް ބާރެއް ނުފޯރުވުނެވެ. މޫނުގައި ދެއަތް އަޅާލުމާއެކު އޭނާއަށް ރޮވިއްޖެއެވެ. ހެޑްބޯޑުގައި ލެގިލައިގެން އިން ނާހިދަށް އަޒްކާގެ ރުއިމުގެ އަޑު އިވުމާއެކު ބުރަކަށި ސީދާކޮށްލެވުނު ގޮތެއްވެސް ނޭނގެއެވެ. އަޒްކާގެ މޫނުން ދެއަތްނަގުވާ ކަރުނަތަކުގައި ބޮސްދޭން އެތައްފަހަރަކު އެހިތް އެދެމުން ދިޔައެވެ. އިނާޝާ ތެދުވެގެން އައިސް އަޒްކާ ކައިރީގައި އިށީނެވެ. މަޑުމަޑުން އަޒްކާ މޫނުމަތިން އަތް ނައްޓުވަން އޭނާ މަސައްކަތްކުރިއެވެ. ކުއްލިއަކަށް އަޒްކާ ދެއަތް ނެގުމަށްފަހު އިނާޝާގެ ގައިގައި އޮޅުލައިގަތެވެ. އިނާޝާގެ ކޮނޑުގައި ބޯއަޅާލައިގެން އޮވެ އަޒްކާ ރޮމުން ދިޔައިރު އެމޫނަށް ބަލަހައްޓައިގެން ނާހިދު އިނެވެ.

"އަ.... އަޅުގަނޑު ހިއެއްވެސް ނުކުރަން އިނާއްތައާއި ބޭބެގެ ފަރާތުން ތިދަރަޖައަށް......" ރޮވޭވަރުން އަޒްކާއަށް ޖުމްލަ ރަނގަޅަށް ނުކިޔުނެވެ. ނާހިދު އެނދުން ތެދުވެގެން އެމީހުންނަށް ފުރަގަސްދީގެން ހުއްޓުނީ އަޒްކާ ރޯމަންޒަރު ބަލަން ބޭނުންނުވުމުންނެވެ. އަޒްކާ ރޯއަޑު އެއީ އޭނާ އެންމެ އަހަން ބޭނުންނުވާ އަޑެވެ. އެދެލޮލުން ފައިބާ ކަރުނަތަކީ އޭނާ ފޮހެން ބޭނުންނުވާ އެހެނަސް އޭނާގެ މުށުތެރޭގައި ފޮރުވަން ބޭނުންވާ އަގުބޮޑު ޙަޒާނާތަކެކެވެ.

"އުފާކުރޭ ދަރިފުޅާ.... މީގެފަހުން އިނާއްތައާއި ބޭބެއެއްނޫން. މަންމައާއި ބައްޕަ ކިޔާ......" އަޒްކާގެ އަނެއްފަރާތުން މޯހަންދާސް އިށީނެވެ. ނާހިދު ހުރީ އޭނާގެ މަންމައާއި ބައްޕަ އަޒްކާދެކެވާ ލޯބި ފެނިފައި ކިޔާނެ ބަހެއް ނޭނގިފައެވެ. މޯހަންދާސް އާއި އިނާޝާގެ ވާހަކަތަކުން ކުޑައިރުކޮޅެއްގެ ތެރޭގައި އަޒްކާ ހަމަޔަކަށް އެޅުނެވެ. ދެން ދެކެވެން ފެށުނީ އަޒްކާއާއި ނާހިދުގެ ވަޒީފާގެ ވާހަކަތަކެވެ. އެވާހަތަކުގެ ތެރެއިން އަޒްކާ މިރޭ އޭނާގެ ރައްޓެހިކުއްޖަކު ގެއަށް އަންނާނެ ވާހަކަ ބުނެލިއެވެ. އަދި އެކުއްޖާއާއި އިނާޝާއާއި މޯހަންދާސް ބައްދަލުކުރުވަން ބޭނުންވާ ވާހަކަ ބުނެލިއެވެ. އެދެމަފިރިން އެކަމަށް މަރުހަބާ ކިއިއެވެ. އުފަލެއް ނުލިބުނީ ނާހިދަށެވެ. އޭނާ ހީކުރީ މާހިލްއަށް ދައުވަތު ދިނީ ކަމަށެވެ. އޭނާގެ ހިތުގައި އަޅަމުންދާ ވޭން ސިކުންތަކަށްފަހު ސިކުންތެއް ދަނީ ބޮޑުވަމުންނެވެ. އެންމެފަހަށް މާހިލް ގެއަށް ގެންނަނީއެވެ.

މޯހަންދާސް އާއި އަޒްކާ ވާހަކަދައްކަމުން ކޮޓަރިން ނިކުމެގެން ދިޔުމުން އިނާޝާ އެކޮޓަރީގައި މަޑުކުރިއެވެ. އިނާޝާ ބަލަހައްޓައިގެން އިންގޮތުން އޭނާ ވާހަކައެއްބުނަން ބޭނުންވެފައި އިންކަން ނާހިދު ދެނެގަތެވެ. އިނާޝާ އައިސް ނާހިދުގެ ކައިރިން އިށީނެވެ.

"މަންމާ! ވާހަކައެއް ބުނަންބޭނުންވީތަ؟" ނާހިދު އަހާލިއެވެ. ބަދަލުގައި ހީލަމުން އިނާޝާ ނާހިދުގެ މޫނުގައި ފިރުމާލިއެވެ.

"މަންމައަށް އިނގޭ ނުބުންޏަސް ދަރިފުޅު ވަރަށް ރަނގަޅަށް އަޒްކާ ބަލާނެކަން" އިނާޝާ ލަސްލަހުން ވާހަކަދެއްކިއެވެ. ނާހިދު ވަގުތުން އިސްޖަހާލިއެވެ.

"ދަރިފުޅު ކީއްވެ ދެރަވަނީ. މަންމަ އަބަދުވެސް ދުޢާކުރަން ދަރިފުޅަށް އެލޯބި ދެއްވާތޯ....." އިނާޝާ ބުނެލިއެވެ.

"މަންމާ! މީހުންބުނޭ ފިރިހެނުންނަކީ ވަރަށް ހިތްވަރުގަދަ ބަޔެކޭ. އެފަދަ ހިތްވަރުގަދަ މީހަކަށް އަޅުގަނޑު ނުވަނީ ކީއްވެ؟ އަޅުގަނޑު ހިތަށްވެސް ނާރާ މީހަކުދެކެ މިވަރަށް އަޅުގަނޑަށް ލޯބިވެވިދާނެޔޭ. އެކަމަކު އޭނަ އަޅުގަނޑުދެކެ ލޯތްބެއްނުވޭ. އަޅުގަނޑު ކިހާ ނަސީބުދެރަ ދޯ" ނާހިދުގެ އަޑު ބެދުނެވެ.

"އުންމީދު ކަނޑާނުލާ ދަރިފުޅާ. މި ބަލިހާލަތުން އަރައިނުގަނެވޭނޭ ކިތަންމެ ފަހަރަކު މަންމަގެ ހިތަށް އެރި. އެކަމަކު މަންމަގެ މިބައްޔަށް ކުރިއެރުން ލިބެމުން އަންނަކަން މަންމައަށް އިހުސާސްކުރެވޭ. ތިދެބަފައިންގެ އޯގާތެރިކަމުގެ ސަބަބުންނާއި އެކަލާނގެއަށް ހުއްޓުމެއްނެތި ކުރާ ދުއާތަކުގެ ސަބަބުން. އެކަލާނގެ އެއީ ހީވެސްނުކުރާ ގޮތްގަތަށް ކަންތައްތައް ފަހިކޮށްދެއްވަވާ ރަސްކަލާނގެ" ނާހިދުގެ ދެލޮލުން ވެއްޓުނު ކަރުނަތިކި ފޮހެދެމުން އިނާޝާ ވާހަކަދެއްކިއެވެ. އޭނާގެ ވާހަކަދެއްކުމުގައި އަޅައިގަންނާނެ ގޮތެއް ހުއްޓަސް ތުންފަތް ހަރަކާތްކުރާގޮތުން ބުނަން އުޅޭ އެއްޗެއް ފަހުމްވެއެވެ. އޭނާގެ މައްސަލައަކީ ބައެއްފަހަރު އަޑު ބޭރުނުވާކަމެވެ. ނާހިދު އިނާޝާގެ ގައިގައި އޮޅުލައިގަތެވެ. ފޯނު ބާއްވާފައި ދިޔުމުން އެބަލާ އަޒްކާއައީ އެއްގޮތަކަށްވެސް މިވާހަކަތައް އަޑުއިވިދާނެ ކަމަކަށްނޫނެވެ. ނަމަވެސް މި އެނގުނީ ނާހިދުގެ ހަޔާތުގެ ފޮރުވިފައިވާ ހަޤީޤަތެކެވެ. އަޒްކާއާއި އެހާ ދުރުން ނާހިދު އުޅެނީ އޭނާ ލޯބިވާ ކުއްޖަކު ހުރީމަތާއޭ އަޒްކާގެ ހިތަށް އެރިއެވެ. އޭނާ ކިތަންމެ ވަރަކަށް ހިތްއެދުނަސް އެއީ ލިބެންނެތް ލޯތްބެއްބާއޭ ހިތަށް އެރިއެވެ. ހިތުގައި އަޅަމުންދިޔަ ވޭނަށް ކެތްނުވެ އަޑު ބޭރުވެދާނެތީ އޭނާ އަނގަމަތީގައި އަތްއެޅިއެވެ. ބޭޒާރުވެދާނެތީ ފޯނު އެކޮޓަރީގައި ބާއްވާފައި އަޒްކާ އޭނާގެ ކޮޓަރިއަށް ދިޔުމަށް ދުއްވައިގަތެވެ.

*************************************

ރޭގަނޑުގެ ކެއުމުގައި އަޒްކާގެ އެކުވެރިޔާ ބައިވެރިވާނެކަމަށް ބުނެފައިވާތީ އެގަޑިއަށް ހުރިހާ މީހުން ސިޓިންގްރޫމް ސޯފާގައި ތިއްބެވެ. އިޝާނަމާދުކޮށް އަވަދިވުމުން ނާހިދު ބޭރަށްދާ ވާހަކަ ބުނުމުން ނުގޮސް މަޑުކުރުމަށް މޯހަންދާސް އެންގިއެވެ. އަޒްކާ އެކުވެރިޔާ އަންނައިރު ނާހިދުވެސް އިންނަން މޯހަންދާސް ބޭނުންވިއެވެ. ދެއަތްތިލަ ދެއަތްތިލައާއި ހާކާލަހާކާލާ ނާހިދު އިނީ ހިތްއަވަސްވެފައެވެ. އަޒްކާގެ ލޯބިވެރިޔާ އޭނާގެ ކުރިމައްޗަށް އައިސް އޭނާގެ އަތުގައި ހިފައިގެން ހުންނަ މަންޒަރުބަލަން އޭނާއަށް ކެތްވެދާނެ ހެއްޔެވެ؟ ނަތާޝާގެ ފޯނު އަޒްކާއަށް އައީ އަށްގަޑި ބައިވާން އުޅެނިކޮށެވެ. ފޯނުން ވާހަކަދައްކަމުން އަޒްކާ ދުވެލާފައި ގޮސް ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި ހިނިތުންވެލައިގެން ހުރި ނަތާޝާ ފެނުމާއެކު އަޒްކާ އޭނާގެ އަތުގައި ހިފީ އަވަހަށް ވަންނާށޭ ބުނާކަހަލަ ގޮތަކަށެވެ. ނަތާޝާ އަޒްކާއާއި އެކުގައި ވަދެގެން އައިރު އިނާޝާއާއި މޯހަންދާސް އިނީ ހިނިތުންވެލައިގެންނެވެ. ނާހިދު އިނީ އެމަންޒަރު ނުބަލަން އިސްޖަހާލައިގެންނެވެ. އަޒްކާ ލޯބިވެރިޔާގެ ހިމާޔަތުގައިވާ މަންޒަރު ދެކެން އޭނާ ބޭނުމެއްނުވެއެވެ.

"ނަތާ މިއީ އަހަރެންގެ މަންމަ. ދެން މީނީ ބައްޕަ" މޯހަންދާސްއާއި އިނާޝާ ކައިރީގައި ހުއްޓިލަމުން އަޒްކާ ބުނެލިއެވެ. ނާހިދު އިސްއުފުލާ ބަލާލީ އަޒްކާ އަންހެން ނަމެއް ބުނިއަޑު އިވުމުންނެވެ. އޭރު އަޒްކާ ކައިރީގައި ހުރީ އަޒްކާއާއި ދާދި އެއްވަރެއްގެ އިސްކޮޅެއްގައި ހުރި ހިމަތޮޅި ދޮން އަންހެންކުއްޖެކެވެ. އަޒްކާއާއި ޚިލާފަށް އެކުއްޖާ އިސްތަށިގަނޑު ކުރުކަން ނާހިދަށް ފަހާގަވިއެވެ. ނަތާޝާއަށް ބަލާލުމަށްފަހު ނާހިދު ދެން ބަލާލީ އަޒްކާއަށެވެ. އޭނާގެ މޫނުމަތިން ފެންނަނީ ހައިރާންކަމުގެ އަސަރުތަކެވެ. ޙަޤީޤަތުގައި އޭނާ އިނީ ވިސްނަންވީ އެއްޗެއް ނޭނގިފައެވެ. މާހިލްގެ ބަދަލުގައި އަޒްކާ އަންހެންކުއްޖަކު ގެނައީތީއެވެ. މިހުރިހާ ދުވަހު އަޒްކާ ބޭރުގައި އުޅުނީ ނަތާޝާއާއި އެކީގައި ހެއްޔެވެ؟ ނާހިދު ކައިރިއަށް ހިނިއައެވެ. އޭނާ ބޮލުގެ ފުށްކިބައިގާ ޖަހާލީ އަމިއްލަ ނަފްސަށް މަލާމަތް ކޮށްލަމުންނެވެ.

"މީއަޅުގަނޑުގެ އެންމެ ގާތް އެކުވެރިޔާ ނަތާޝާ....." ނަތާޝާ އަތުގައި ހިފާ ގަޔާ ކައިރިކޮށްލަމުން އަޒްކާ ވާހަކަދެއްކިއެވެ.

"އެހެންތަ؟ ދަރިފުޅު ރައްޓެހި ކޮންމެ ކުއްޖަކުވެސް ވާނީ ދެން ބައްޕަމެންގެ ދަރިއަކަށްތާ. ހިނގާކާން އެންމެފުރަތަމަ" މޯހަންދާސް ހީލަމުން ވާހަކަދެއްކިއެވެ. އިނާޝާ ވާހަކަނުދައްކާތީ ނަތާޝާ ހުރީ ކުރިން ވާހަކަދައްކަން ނުކެރިފައެވެ. ކާމޭޒާއި ދިމާލަށް އެންމެން ހިނގައިގަތުމުން ދެޖީބަށް އަތްޖަހައިގެން ހުރެ ނާހިދުވެސް އެންމެން ފަހަތުން ހިނގައިގަތެވެ. ލޮލުގެ އިޝާރާތުން ނަތާޝާ އަޒްކާއަށް ނާހިދު ދައްކާލާފައި މިއީ ހެއްޔޭ އަހާލިއެވެ. އަޒްކާ ބޯޖަހާލިއެވެ.

"ކޮބާ ނަތާޝާގެ މައިންބަފައިން؟" މޯހަންދާސް އަހާލިއެވެ. ނަތާޝާ އަޒްކާއަށް އޮޅުންފިލުވާދިން ގޮތަށް އޭނާގެ އާއިލާއާއި ބެހޭ ހުރިހާ މައުލޫމާތެއް މޯހަންދާސްއަށް އޮޅުންފިލުވައިދިނެވެ.

"ދަރިފުޅު ތީނީ އުފަލުންތަ؟" މޯހަންދާސް އަޒްކާއަށް ބަލާލަމުން އަހާލިއެވެ.

"ލައްބަ. މިއީ މިހާތަނަށް އަޅުގަނޑަށް ލިބުނު އެންމެރަނގަޅު އެކުވެރިޔަކީ. މިދިޔަ ރޭތަކުގައި އަޅުގަނޑު ބޭރުގައިވެސް އުޅުނީ ނަތާއާއި އެކީގައޭ ދޯ ނަތާ!" އަޒްކާ ނަތާޝާއަށް ދޯ ދެމުން ވާހަކަދެއްކިއެވެ. ނަތާޝާ ވަގުތުން ބޯޖަހާލިއެވެ. ހިމޭންކަމާއެކު ކާންއިން ނާހިދު އަޒްކާއަށް ބަލާލިއެވެ. އެވަގުތު އެއީ އަޒްކާވެސް ބަލާލި ވަގުތެވެ. ކުރިން އަޒްކާ އިސްޖަހާލުމާއެކު ނާހިދު އެއްތުންފަތުން ހީލިއެވެ. އެމަންޒަރު ނަތާޝާއަށް ފެނުނެވެ.

"ބައްޕަމެން ވަރަށް އުފާވެއްޖެ ދަރިފުޅަށް ނަތާ ކަހަލަ ރަނގަޅު އެކުވެރިޔަކު ލިބުނީމަ" މޯހަންދާސް ބުނެލިއެވެ.

"ދަރިފުޅާ ނާހިދު؟ ނަތާއާއި ދަރިފުޅުވެސް ވާނެއްނު އެކުވެރިވާން" މޯހަންދާސް ބުނެލިއެވެ.

"އާނ... ނަތާ ކިހިނެއްތަ؟ ދެން އެކުވެރިވެވިފައޭ ދޯ މިތިބީ..." ހީލަމުން ނާހިދު ވާހަކަދެއްކިއެވެ. ނަތާޝާ ބޯޖަހާލިއެވެ.

*************************************

ކެއުން ނިންމާލުމަށްފަހު ނަތާޝާ ގެއަށްދާން ނިކުތެވެ. ނަތާއާއި އެކު އަޒްކާ ނިކުންނަން ދިޔަ ވަގުތު އޭނާއަށް ބަލަމުން ނާހިދު ސިޑިން އަރައިގެން ދިޔައެވެ.

"މަޑުކޮށްބަލަ. މަގޭ ޓެސްޓް ރިޒަލްޓް ނަގައިފިންތަ؟" ކާރާއި ދިމާލަށް ދިޔަ ނަތާޝާ އަތުގައި ހިފާލަމުން އަޒްކާ އަހާލިއެވެ.

"ނަގައިފިން. އިންނާނެ ބަލަން މަންމައާއި ހަވާލުކޮށްފަ. އަނެއްކާ އެޕޮއިންޓްމަންޓް ހައްދައިގެން އެހެން ޑޮކްޓަރަކަށް ދައްކަން އުނދަގު ދޯ ވާނީ. މިރޭ އަޒްކީއަށް ޖަވާބެއްދޭނަން އިނގޭ"

ނަތާޝާ ކާރަށް އަރަންދެން ބަލަން ހުރުމަށްފަހު އަޒްކާ ގެއަށް ވަންނަން އެނބުރިލިއެވެ. އެވަގުތު އޭނާގެ ކުރިމަތީގައި އައިސް ހުއްޓުނު މީހާ ފެނިފައި އޭނާގެ ހަތަރެސްފައި ފިނިވެގެން ދިޔައެވެ. ފަހަތަށް ފިޔަވަޅެއް އަޅާލެވުނީ ގަތްބިރެއްގެ ސަބަބުންނެވެ. ނަތާޝާ ކޮބާތޯ ފަހަތް ބަލާލިއިރު މާދުރަށް ކާރު ދުއްވާލައިފިއެވެ.

"ހާދަ ލޯތްބޭ! އަޒްކާ.......... މިހާރު ކިހިނެއްތަ؟" އެމީހާ އަޒްކާއާއި ކައިރިއަށް ފިޔަވަޅު އަޅަމުން އަހާލިއެވެ. ޕޭވްމަންޓުން އަޒްކާ ފޭބުމާއެކު އެމީހާ އަޒްކާ އަތުގައި ހިފާ ގަޔާއި ގާތަށް ދަމާލިއެވެ. އެވަގުތު އަޒްކާ ގޮސް ޖެހުނީ އެމީހާގެ މޭމަތީގައެވެ. އެހިސާބުން ހިނގަމުން ދިޔަ ގިނަމީހުންގެ ނަޒަރު އެދެމީހުންނަށް ހުއްޓެމުން ދިޔުމުން އަޒްކާ ލަދުގަންނަން ފެށިއެވެ. ކުއްލިއަކަށް އެމީހާގެ ފަހަތުގައި ހުއްޓުނު ނާހިދު ފެނުމުން އަޒްކާއަށް ހީވީ ހަށިގަނޑުގައި ހިފާފައިވާ އަލިފާނަށް ފެންއަޅާ ނިއްވާލިހެންނެވެ.

"ނާހިދް!!" އަޒްކާ ދުވެފައިގޮސް ނާހިދުގެ ހަށިގަނޑުގައި އޮޅުލައިގަތެވެ. އަޒްކާއަށް ހިމާޔަތްދިނުމަށްފަހު ނާހިދް ބަލާލިއިރު އެމީހާ ފެންނަންވެސް ނެތެވެ. އެމީހާގެ މޫނު ނުފެންނަނީސް ގެއްލުނީތީ ނާހިދު އަމިއްލަ ނަފްސުދެކެ ރުޅިއައެވެ.

"ދަންނަ މީހެއްތަ އެއީ" އަޒްކާ ގޮވައިގެން ގެއަށް ވަންނަމުން ނާހިދް އަހާލިއެވެ.

"އާނ!!!" އަޒްކާ ބުނެލިއެވެ. އަޒްކާގެ ހަށިގަނޑުގައި ކުޑަ ތުރުތުރުލުމެއް ހުރިކަން އެނގުމުން ނާހިދު އޭނާގެ އަތުން އަޒްކާގެ އުނަގަނޑުގައި ވަށާލިއެވެ. ހިތަށް ލިބިފައިވާ ބިރުވެރިކަން ފިލާނުދާތީ ނާހިދްގެ އެއްވެސް ބީހުމަކަށް ސަމާލުކަން އޭނާއަށް ނުދެވުނެވެ. ގެއަށް ވަދެ ސޯފާގައި އަޒްކާ ބޭންދުމަށްފަހު ނާހިދު އައީ ބަދިގެއަށް ވަދެ ތައްޓަކާއި، ފިނިފެން ފުޅިއެއް ހިފައިގެންނެވެ. ނާހިދް ދިއްކޮށްލި ފެންތަށި އެއްނޭވައިން އަޒްކާ ބޯލިއެވެ. ތަށި ކުރިމަތީގައި ހުރި ކުޑަ މޭޒުމަތީގައި ބެހެއްޓުމަށްފަހު އަޒްކާ އޭނާގެ ދެއަތްތިލަ ގެނެސް ދެފައިގެ ފަލަމަސްގަނޑުގެ ދެފަރާތުން މަސްގަނޑުގެ ދަށަށްލާ ފޮރުވާލިއެވެ. ވިސްނުމަކަށް ގެއްލެން ކުޑައިރުކޮޅެއްވެސް ނުނެގިއެވެ. އިސާހިތަކު މީގެ ދުވަސްތަކެއް ކުރީގެ ހަނދާންތަކެއް އޭނާގެ ހަފަރާތުން ވަށާލިއެވެ. އޭނާގެ ދެލޮލުން ކަރުނަ ނީރާލިއިރު އަލުން އެދުވަސްތައް އިޢާދަވާން އުޅޭހެން ހީވިއެވެ. އޭނަ ހޭވެރިކަމެއްވީ ކައިރީގައި ނާހިދް އިށީނުމުންނެވެ.

"ކާކު އެއީ؟" ނާހިދް އަހާލިއެވެ.

"އެއީ.... އެއީ.... މިހާރަކު ނަމެއް ހަނދާނެއްނެތް. އެމީހާ އޭރުގައިވެސް އުޅުނީ އަހަރެން ގައިގަ އަތްލަންވެގެން. ނަރުހުން ނެތް ގަޑީގަ ވަދެފަ ވަރަށް ހަޑިއެއްޗެހި ކިޔާނީ. އަދި ބުނާނެ ތިމަންނައަށް އިނގެޔޭ އަޒްކާ މޮޔައެއްނޫންކަން. އެކަމު ބޭނުމެއްނޫނޭ މިތަނުން ފޮނުވާލާކަށް....." އަޒްކާ ނާހިދަށް އޮޅުންފިލުވައިދިނެވެ.

"ފޭވަރއެއް ކޮށްދީފާނަންތަ؟" ނާހިދު ބުނެލިއެވެ. އަޒްކާ ނާހިދްގެ މޫނަށް ބަލާލިއެވެ.

"ބުނޭ" އަޒްކާ ބުނެލިއެވެ.

"އެއްވެސް ކަމެއްގައި އަޒްކީ އެކަނި މަގުމައްޗަށް ނުނިކުމެފާނަންތަ؟" ނާހިދް ބުނެލިއެވެ. އަޒްކާ އެމޫނަށް ބަލާލުމާއެކު ނާހިދް ބަލާލީ ދުރަށެވެ.

"ކީއްވެ؟؟"

"އެއީ އަޒްކީއަށް މަގުމަތީގައި ރައްކާތެރިކަމެއް ނެތީމަ. އެހެންނޫނީ ބޭރަށް ނިކުންނަ ގަޑީގައި އެހާ ރީތިނުވެފާނަންތަ؟" ނާހިދު ބުނެލިއެވެ. ދެރަވެފައި އިނަސް ނާހިދް އެހެންބުނީމަ އަޒްކާއަށް ހެވުނެވެ.

"ކިހިނެއްވީ؟ މަށަށް މަޖާ އެއްޗެއް ބުނެވުނީތަ؟" ނާހިދް އަހާލިއެވެ.

"ނޫން.... އެކަމު މަގުމައްޗަށް ނުނިކުމެ ކިހިނެއް އުޅޭނީ. އަބަދު ކިހިނެއް ގޭގައި އިންނާނީ. ދެން ތިބުނީ މާ ރީތިވެގެންނޭ އަހަރެން ނިކުންނަނީ. އެއީ ކީއްވެ އެހެން ބުނީ" އަޒްކާ އަހާލިއެވެ. އެހާ ކައިރީގައި ނާހިދު އިނުމުން އޭނާގެ ހިތް ވަނީ ހަމަޔަކަށް އެޅިފައެވެ.

"އެއީ މަގުމަތިން ހިނގާ ފިރިހެނުންގެ ނަޒަރު އަޒްކީއަށް އަމާޒުވާން އަހަރެން ނޭދޭތީވެ" އަޒްކާގެ ދެލޮލަށް ބަލަހައްޓައިގެން އިނދެ ނާހިދު ބުނެލިއެވެ.

"ކީއްވެ؟؟ އަހަރެން ނާހިދަށް އެހާ މުހިންމުވީ ކޮންއިރަކު؟" އަޒްކާ އަހާލިއެވެ.

"ހޮސްޕިޓަލުން އެންމެފުރަތަމަ އަޒްކީ ފެނުނު ދުވަހު އަހަރެންނަށް އަޒްކީ ޙާއްސަވެއްޖެ" ނާހިދު ބުނެލިއެވެ. އޭނާގެ ދެލޯ އެންމެހިނދު ކޮޅަކަށްވެސް އަޒްކާގެ ދެލޮލުން ނުނެއްޓެއެވެ.

"ދެން ކީއްވެތަ އެހެން ފިރިހެނުންގެ ނަޒަރު އަހަރެންނަށް ހުއްޓޭތީ ނާހިދު ކަންބޮޑުވަނީ" އަޒްކާ އަހާލިއެވެ. ނާހިދު އެއްޗެއް ނުބުނެ އިރުކޮޅަކު ހިމޭނުންއިނެވެ.

"އެއީ... މިހާރުން ފެށިގެން އަޒްކީ ތިއީ އަހަރެންގެ ޒިންމާގެ ދަށުގައިވާ ކުއްޖަކަށްވާތީ" ނާހިދު ބުނެލިއެވެ.

"ހެހެހެ.... އެހެންތަ! ޑޯންޓް ވޮރީ... ﷲ އިރާދަކުރެއްވިއްޔާ އަހަރެން މަގުމަތީގައި ކިތަންމެ ގިނަ ވަގުތަކު އުޅުނަސް އަހަރެންނަށް ދެރަގޮތެއް ނުވާނެ" އަޒްކާ ބުނެލިއެވެ. އޭނާ ތެދުވެގެން ސިޑިއާއި ދިމާލަށް ހިނގައިގަތީ ނާހިދުގެ ފުށުން އޭނާ އެދުނު ޖަވާބު ނުލިބުމުންނެވެ.

"އެއީ އަހަރެން އަޒްކީދެކެ ލޯބިވާތީ. އެއީ އަހަރެންގެ ހުއްދައަކާއިނުލާ އަޒްކީ ހަށިގަނޑުގައި ވައިރޯޅިއެއްވެސް ބީހެން އަހަރެން ނެދޭތީވެ. އެއީ އަޒްކީއަށް ތަކްލީފެއް ލިބެން ނެދޭތީވެ. އެއީ އަޒްކީގެ ތިދެލޮލުން ކަރުނަދެކެން އަހަރެން ނޭދޭތީވެ. އެއީ އަހަރެންގެ ހިތުގެ ހަމަޖެހުން އަޒްކީއާއި ގުޅިފައިވާތީ..... އަހަރެން އަޒްކީ ކާމިޔާބު ކުރާނަން. ތިލޯބި އަހަރެންނަށް ލިބޭނެ. އެދުވަހަކަށް އަހަރެން އިންތިޒާރުވެސް އެބަކުރަން......" ނާހިދު އޭނާގެ އަމިއްލަ ނަފްސާއި ވާހަކަދެއްކީ ސިޑިން އަރައިގެން އަޒްކާ އަށް ބަލަން ހުރެއެވެ.

"އަހަރެންނަށް އިނގޭ އަޒްކީ ޖަވާބަކަށް ވެއިޓް ކުރިކަން.... ހެހެހެ... ރިއަލީ ލަވް ޔޫ މަޗް....." ހީލަމުން ނާހިދް ބުނެލިއެވެ.

*************************************

ދަންވަރުގެ ވަގުތެވެ. ހަށިގަނޑަށް އުނދަގޫ ތަކެއްވާތީ އަޒްކާއަށް ނުނިދިގެން ކޮޓަރި ތެރޭގައި ދެކޮޅަށް ހިނގަންފެށިއެވެ. ބަނޑުހައިވާކަން ވެސް އެނގުނީ އޭގެ އިރުކޮޅެއް ފަހުންނެވެ. އޭނާ ކޮޓަރިއަށް ނިދަން ވަނީވެސް ވަރަށް ރަނގަޅަށް ކައިގެންނެވެ. އޭނާ ކޮޓަރިން ނިކުމެގެން ސިޑީގެ ހަރުފަތްތައް ގިރާކޮށް ބަދިގެއާއި ދިމާލަށް ދިޔައެވެ. ކާއެއްޗެހި ތެލިތަކުގެ މަތި ނަގަމުން ދިޔައީ އެއްޗެއް ކެއުމަށް ހިތްއެދޭ ވަރުންނެވެ. އައިސްއަލަމާރީ ކައިރީގައި ހުއްޓުމަށްފަހު ފަތުރާލާފައިވާ އޭނާގެ އިސްތަށިގަނޑު މައްޗަށް ނަގާ އެއްކޮށްލާފައި ހުޅިއެއް ޖަހާލިއެވެ. އަލަމާރި ހުޅުވާލީ ފިނި ފެންފުޅިއެއް ނެގުމަށެވެ. ނަމަވެސް އޭގެތެރެއިން އެއްބައި ކަނޑާލާފައިވާ ސްޕްގެޓީ ޕެކެޓެއް ފެނުމުން ވަގުތުން ސްޕެގެޓީ ކާހިތްވިއެވެ. ގޭގައި އެވަގުތު ތިބޭނީ ނާހިދާއި މީކާއަށް ވެފައި އެއިން އެއްވެސް މީހަކަށް އުނދަގުކުރަން ނުގޮވާ އެކަނި ސްޕެގެޓީ ކެއްކުމާއިގެން އޭނާ އުޅުނެވެ.

ހުސްފުޅި ހިފައިގެން ސިޑިން ފައިބަމުންދިޔަ ނާހިދުގެ ނޭފަތުގައި އައިސް ޖެހުނު ވަހަކުން އެތެރެއަށް ނޭފަތް ދަމާލެވުނެވެ. އޭނާގެ ފިޔަވަޅުތައް އަވަސްކޮށް ތިރިއަށް ފޭބިއިރު ބަދިގޭ ލައިޓް ޖައްސާފައި ހުރިކަން އެނގުނެވެ. މިގަޑީގައި މީކާ ކޯއްޗެއް ކައްކަނީބާއޭ ހިތާ ބަދިގޭ ދޮރަށް އެރިއިރު އުނދުން ކައިރީގައި ފުރަގަސްދީގެން ހުރި އަޒްކާ ފެނި އޭނާގެ ތުންފަތް މައްޗަށް ވެރިވީ ހިނިތުންވުމެކެވެ. ފިޔަވަޅުގެ އަޑެއްވެސް އިއްވާނުލާ އޭނާ އައިސް ހުއްޓުނީ އަޒްކާގެ ފަހަތުން ވަރަށް ގާތުގައެވެ.

"ހާދަ މީރުވަހެއް" އަޒްކާގެ ކަންފަތްދަށަށް ގާތްވެލުމަށްފަހު ނާހިދު ބުނެލިއެވެ. އަޒްކާ ސިހިގެންދިޔަ ވަރުން އަތުގައި އޮތް ސަމްސާ ވެއްޓުނެވެ. އޭނާ ބިރުގަތްވަރުން ނޭވާ ހަމަޔަކަށް އަޅުވަން ދުރުގައި ހުރިއިރު ނާހިދު ހުރީ ހިންޏާވެގެން ކޮންޓްރޯލް ނުވެފައެވެ. އަޒްކާގެ މޭ ހީވަނީ ފޫއަޅުވާލާފައި ނިކުންނަން އުޅޭހެންނެވެ. އޭނާއަށް ވީގޮތް ފެނި ނާހިދު ހެމުންދާ މަންޒަރު ފެނުމުން އަޒްކާގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ.

"ނުޖެހޭދޯ ހޭކަށް" ހިތްހަމަނުޖެހުމުގެ ތެރެއިން އަޒްކާ ބުނެލިއެވެ. ވަގުތުން ނާހިދު އޭނާގެ ހިނިގަނޑު މަތަކުރިއެވެ.

"ހޭއި.... ވަރަށް ބޮޑަށް ސޮރީ.... ދެން މީހަކު ރުޅިއައިސް ރޯވަރުކަމެއްތަ މީ" އަޒްކާގެ ދެލޮލުން ވެއްޓުނު ކަރުނަތިކި ފެނިފައި ނާހިދު ބުނެލިއެވެ.

"ދެން ވަރަށްބޮޑަށޭ ސިހުނީ..... މިދަންވަރުގަ ހީކުރާނެތަ ނާހިދް ނުނިދާ ހޭލާ އުޅެފާނޭ" ވެއްޓިފައި އޮތް ސަމްސާ ނަގައިގެން އަލުން އުނދުން ކައިރިއަށް ޖެހިލަމުން އަޒްކާ ބުނެލިއެވެ.

"އަހަރެން ވިއްޔާ ނުނިދާ ހޭލާ މިއުޅެނީ ފެންބޮވައިގެން. މިރޭ މީކާ ފެން ނުވައްދާ. އަޒްކީ ތިއުޅެނީ ކުޑަކަމުން މިގަޑީގަވެސް ކާންވިއްޔާ..." ނާހިދް ބުނެލިއެވެ.

"ބަނޑުހައިވީމަ ކާނީއެއްނު. މިގަޑީގަ ބަނޑުހައިވާނީ ހެލްތީ ކުދިން. ނާހިދް ބަނޑުހައިނުވަނީ އަންފިޓްވީމަ" ނާހިދަށް ދޫ ނެރެލަމުން އަޒްކާ ބުނެލިއެވެ.

"ތިއީ ޖޯކެއްތަ. އެހެންވިއްޔާ ބުނެފާނަން. އައި ޑޯންޓް ލައިކް ޖޯކްސް..." ނާހިދް ބުނެލިއެވެ.

"ވަޓްއެވަރ.... ކީކޭތަ ބުނީ ކަންފަތް ކައިރީގައި. މިހާރަކު ހަނދާނެއްނެތް" އުނދުނުގެ ގިނި މަޑުކޮށްލަމުން އަޒްކާ ބުނެލިއެވެ.

"އަހަރެން ބުނީ ހާދަ މީރު ވަހެކޭ ދުވީ" ނާހިދު ބުނެލިއެވެ. އޭނާ އަދިވެސް ހުރީ އަޒްކާ ކައިރީގައި ކެބިނެޓުގައި އަތް އަޅުވާލައިގެން ހުއްޓިގެންނެވެ.

"އެހެންތަ! ނުވެސްދޭނަން ކިތަންމެ މީރު ވަހެއް ދުވިޔަސް" އަޒްކާ ބުނެލިއެވެ.

"ކޯޗެއް" ނާހިދު ނިތަށް ރޫއަރުވާލަމުން އަހާލިއެވެ.

"މަގޭ އަމިއްލަ ރެސިޕީއަކަށް މިހެދި ސްޕެގަޓީ" އަޒްކާ ބުނެލިއެވެ. އަދި ތަށި ހަރުގަނޑުން ތައްޓެއް ހިފައިގެން އައިސް ސްޕެގެޓީ އަޅަން ފެށިއެވެ.

"މަށަކީ ތިކަހަލަ އޮއިލީ އެއްޗެހި ކައިގެން އުޅޭ މީހެއްނޫން. އަދި އެވެސް މިގަޑީގަ. އެހެންނޫނަސް ތި ހިއެއްނުވޭ މީރުވާނެހެން" ނާހިދު ބުނެލިއެވެ.

"ދެން ބަނޑުހައިވީމައޭ... އަސްލު ކާކަށް ނޫނޭ އައީ. ފެންބޯން އުޅެނިކޮށް މިފެނުނީމަ ކާހިތްވީ" އަޒްކާ މޭޒު ކައިރީގައި އިށީންނަމުން ބުނެލިއެވެ.

"އެކަމު މީހާ ހުރެގެން މިހާރު ތިހިރަ ފޮށްޓަކަށް ބަދަލުވަނީ. މީހާގެ ސިފަ ގެއްލިއްޖިއްޔާ އިންނާނެ މީހަކުވެސް ނުވާނެ" އަޒްކާގެ ކުރިމަތީގައި އިށީންނަމުން ނާހިދު ވާހަކަދެއްކިއެވެ. ވަގުތުން އަޒްކާ ނާހިދަށް ބަލައިލިއެވެ. އޭނާ ކާހިތްކެނޑުނެވެ. ތަށި އަތުން ދުރުކޮށްލުމަށްފަހު މޭޒުގައި ބޯއަޅާލިއެވެ. ބުނެވުނު އެއްޗެއް ރޭކާލުމާއެކު ނާހިދު ތެދުވެގެން ގޮސް އަޒްކާގެ ޖެހިގެން ހުރި ގޮނޑި ދަމާލާފައި އިށީނެވެ.

"އަދިވެސް ބޮޑެއްނުވޭތަ؟ އަހަރެން ސަމާސާއަކަށޭ އެހެން ބުނީ" ދާދި ގާތުން ނާހިދުގެ އަޑު އިވުމުން އަޒްކާ ބޯހިއްލާލިއެވެ.

"ނުރޮމޭ. އެކަމު މަޖަލަކަށް ބުންޏަސް ނާހިދު ތިބުނީ ހަމަ ހެޔޮކޮށް. މިހާރަކަށް އައިސް މާގިނައިން ކެވެނީ. ހަމަ އެހާ ވަރަށް ބަނޑުހައިވެސް ވަނީ. ބަޓް ނެކްސްޓް ޓައިމް އައި ވިލް ކޮންޓްރޯލް. އިންޝާﷲ" އަޒްކާ ބުނެލިއެވެ.

"އަހަރެންނަށް އެންމެފުރަތަމަ ފެނުނުއިރު އަޒްކީ ހީވަނީ މޫނުމަތިން ލޭދަމާލާފައި ހުރި މާކަނަލެއްހެން. އަދި ކިރިޔާއެއްނު އަންހެނަކަށް ތިވަނީ..... އޭރު ހުންނާނީ ފިލާގަނޑެއްހެން. އަޅައިގަންނާނެ ތަނެއްވެސްނެތް" ނާހިދް ބުނެލިއެވެ. ވަގުތުން ނާހިދުގެ މޭމަތީގައި އަޒްކާ ތަޅައިގަތެވެ. އޭނާގެ މޫނުމައްޗަށް ހީވީ ލޭގަނޑެއް ޖަމާވެފައިވާ ހެންނެވެ. ލަދުގަތްވަރުން ނާހިދަށް ބަލާލަންވެސް ނުކެރުނެވެ.

(ނުނިމޭ)