ކޮލަމް

ސިނާންގެ ކޮލަމް: ގައުމަށްވުރެ ބޮޑު ރައްޔިތުންގެ މަޖިލީހުގެ ސައިޒް ކުޑަކުރުން

ސިނާން އަލީ

5

ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ މަހު މުސާރައަކީ މަހަކު ގާތްގަނޑަކަށް 7.3 މިލިއަން ރުފިޔާ އެވެ. މިއީ ހަމައެކަނި މުސާރައާއި އެލަވަންސްތަކަށް ކުރާ ހޭދަ އެވެ. ކުރިޔަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި މިހާރަށް ވުރެ ދެ މެންބަރުން އިތުރު ވާނެ އެވެ. އެއާ އެކު މަހު މުސާރައާއި އިނާޔަތްތައް އަނެއްކާވެސް އިތުރުވެގެން ދާނެ އެވެ. ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ މަހު މުސާރަ ހުންނާނީ އެވްރެޖުކޮށް މަހަކު 7.4 މިލިއަން ރުފިޔާގަ އެވެ. މާނައަކީ އަހަރު 88 މިލިއަން ރުފިޔާ އެވެ. އެހެން ކަމުން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަސް އަހަރުގެ ދައުރު ނިމޭ އިރު، މުސާރަ އާއި އެލަވަންސަށް އެކަނި ވެސް ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 443 މިލިއަން ރުފިޔާ ހޭދަކުރަން ޖެހޭނެ އެވެ.

ސުވާލަކީ މިހާ ބޮޑު ހޭދައެއްް ނުކޮށް ދިވެހީންނަށް ބޭނުންވާފަދަ ރައްޔިތުންގެ މަޖިލީހެއް ނުހިންގޭނެތޯ އެވެ؟ ނުވަތަ ދިވެހި ރައްޔިތުންގެ އަޑު މަޖިލީހުގައި އުފުލަން 87 މެންބަރުން ނެތި އެކަން ނުވާނެތޯ އެވެ؟ މީ ދިވެހީން މިއަދު ފުންކޮށް ވިސްނައިލާން ޖެހޭ ސީރިއަސް މައްސަލައެކެވެ.

މިހާރު އޮންނަ ގޮތުން ނަމަ، އާބާދީގެ ކޮންމެ 5000 ރައްޔިތުން ތަމްސީލުކުރުމުގެ ނަމުގައި މަޖިލީހުގައި މެންބަރަކު ހުންނަން އެބަ ޖެހެ އެވެ. އެމީހާ މަޖިލީހުގައި ރައްޔިތުން ތަމްސީލު ކުރިޔަސް ނުކުރިޔަސް ހެވެވެ. ދައުރެއް ނިމިގެންދާ އިރު، ދާއިރާގެ ރައްޔިތުންގެ އަޑަށް ވުރެ ތިމާ ނިސްބަތްވާ ސިޔާސީ ޕާޓީ އާއި ތިމާގެ މަސްލަހަތު އޮންނަ ސިޔާސީ މީހުންގެ ވާހަކަދައްކާ މެންބަރުން ގިނަ އެވެ. އެމީހުންގެ ކަމަކީ މަޖިލީހުގެ ތަޅުމަށް ވަދެއްޖެ ނަމަ ސިޔާސީ އެޖެންޑާގެ ވަށައިގެން ފިކުރު ހިންގުމެވެ. މަޖިލީހުން ބޭރަށް ނިކުތަސް އުޅުއްވަނީ އެކަމުގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ތަންކޮޅެއްކުރިން އަޅުގަނޑު ކައިރީ ބުނި ގޮތުގައި، އޭނާ މަޖިލީހަށް ކޮންމެ ފަހަރަކު ވެސް ހޮވެނީ އެތައް މިލިއަން ރުފިޔާއެއް ހޭދަކޮށްގެންނެވެ. އެހެންވީމާ އެއޮތީ ރައްޔިތުންނަށް އަދާކުރަން ޖެހޭ އަގު އަދާކުރެވިފަ އެވެ. ދެން މަޖިލިސް ތަޅުމުގައި ދައްކާ ވާހަކައަކާ ވޯޓުދޭ ގޮތަކާ ދާއިރާގެ ރައްޔިތުން ބެހޭކަށް ނުޖެހޭނެ އެވެ. ރައްޔިތުންނަށް ދައްކަން ޖެހޭ އަގެއް އޮތް ނަމަ އިންތިޚާބުގެ ކުރީން ދައްކައި ނިންމަނީ އެވެ. ބާކީ ފަސް އަހަރު މެންބަރަށެވެ. މެންބަރަށް ހައްގު މިންވަރު ހޯދުމަށް އެ ފަސް އަހަރު ބޭނުންކުރަނީ އެވެ.

ރައްޔިތުންގެ މަޖިލީހަށް މީހަކު ހޮވުމަށް އެވަރެޖުކޮށް ދެމިލިއަނާއި ފަސް މިލިއަނާ ދެމެދުގެ އަދަދެއް ހޭދަކުރާ ކަމަށް ވެއެވެ. މިގޮތަށް ހިސާބު ޖެހުމުން އެނގެނީ މަޖިލީހުގެ ގޮނޑިއެއްގައި އިށީނުމުގެ ކުރީން މެންބަރުގެ ފަސް އަހަރުގެ މުސާރައަށް ލިބޭނެ އަދަދު އޭނާ އަތުން އެޑްވާންސްކޮށް ހޭދަވާ ކަމެވެ. އެކަމަކު ފަސް އަހަރުގެ މުއްދަތުގެ ތެރޭގައި، ޒަރޫރީ ބޭނުން ތަކުގައި މާލޭގައި އައިސް ހުންނަ ދާއިރާގެ ކޮންމެ ރައްޔިތަކަށް މަދުވެގެން ރުފިޔާ ހާހެއް ރާއްޖެއިން ބޭރަށްދާ ދާއިރާގެ ރައްޔިތު މީހާއަށް މަދުވެގެން 100 ޑޮލަރު ނަމަވެސް ދިއްކޮށް ނުލާ މެންބަރަކު މަދެވެ. މި ހިސާބުތައް ޖެހުމުން، އެނގި ހާމަވާ ހަމައެކަނި ކަމަކީ މަޖިލިސް މެންބަރަކު އޭނާ މަޖިލީހަށް ހޮވެން ކުރާން ޖެހޭ ހޭދަ އާއި ދައުރުގެ ތެރޭގައި ދާއިރާއަށް ފަރުދީ ގޮތުން ކުރާ ހޭދަ ލިބޭ އާމްދަނީއާ ހުރިހާ ގޮތަކުން ވެސް ނުބައްދަލުކަމެވެ. މީ ފެންނާން އޮތް ހަގީގަތެވެ. ބަލާނެ މުއައްސަސާއެއްް ހުރި ނަމަ ބަލަންވީ އެވެ. ނޭނގޭ ކަމެއް ނެތެވެ. އެއީ ހައްގު މުއްސަނދިކަންތޯ ނޫނީ ނުހައްގު މުއްސަނދިކަންތޯ ބުނާކަށް އަޅުގަނޑު ނެތީމެވެ.

އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ ބާރުތައް އެމީހުން އަމިއްލައަށް ނަގައިގެން އެތިބީ، އެހެން ހުރިހާ ބާރެއް އެމީހުންގެ ކުރިމަތީ ކުޑަކަކޫ ޖަހަން ޖެހޭ ވަރަށެވެ. ވެރިކަން ކުރުމުގެ ބާރާއި އަދުލު އިންސާފުގެ ބާރުވެސް މަޖިލިސް ކުރިމަތީ، ކުޑަކަކޫ ޖަހައިގެން ތިބެން ޖެހެނީ އެހެންވެ އެވެ. މަޖިލިސް މެންބަރުންގެ އިޚުލާސްތެރިކަން ހުރި މިންވަރަކީ އެމީހުން ހަދާ ހުރިހާ ގާނޫނަކުން އަމިއްލައަށް ހިމާޔަތާއި ރައްކާތެރިކަން ހޯދައި މަޖިލީހުން ނިކުތުމަށް ފަހު ވެސް މުސާރަ ލިބޭނެކަމުގެ ކަށަވަރުކަން އެތިބީ ހޯދައިގެންނެވެ. ކޮންމެ ގޮތަކަށް އުޅުނަސް އަދި ކޮންމެ ވާހަކައެއް ދެއްކިޔަސް މަގާމު ނުގެއްލޭނެ ފަދަ ބާރުވެރިކަން ލިބޭ ގާނޫނުތައް އަމިއްލައަށް ހަދައިގެން ތިބި އިރު، ރައީސުލް ޖުމްހޫރިއްޔާ ވެސް ހުންނަވަން މި ޖެހެނީ ދެންމެ ދެންމެ ވަކިކޮށްފާނެ ކަމުގެ ބިރަށް މަޖިލިސް މެންބަރުންނަށް އާދޭސް ދަންނަވަ ދަންނަވަ އެވެ. ވަޒީރުންނަށް ވެސް ޖެހެނީ އިތުބާރު ނެތް ކަމުގެ ވޯޓު ނަގައިފާނެތީ، މަޖިލިސް މެންބަރުން އެދޭހާ ކަމެއް ކޮށްދޭށެވެ. އަދުލު އިންސާފުގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގެ ބާރުވެސް އޮތީ މަޖިލީހަށް ކަމުން، ޖުޑިޝަރީއަށް ވެސް ސަލާމަތެއް ނެތެވެ. ޖުމުލަކޮށް ބުނާ ނަމަ، މުޅި ސިސްޓަމުގެ ހަލާކަކީ ރައްޔިތުންގެ މަޖިލީހެވެ. މަޖިލިސް މެންބަރުން މަޖިލީހަށް ވަންނަން ކުރާން ޖެހޭ ހޭދަ އާއި ދައުރު ތެރޭގައި އަމިއްލަ ޖީބުން ކުރާން ޖެހޭ ހޭދަ ލިބޭ އާމްދަނީއަށް ވުރެ ބޮޑު ކަމަށް ވާއިރު، އެ މެންބަރު މަޖިލީހުގެ ސްލޮޓު ކަށަވަރު ކުރުމުގެ އަސާސް ބިނާވެފައި އޮންނަނީ އިންވެސްޓްމެންޓް ކަވަރު ކުރުމަށާއި އިތުރު ފައިދާ ހޯދުމަށެވެ. އެހެން ކަމުން މަޖިލިސް ވަށައިގެން އެނބުރޭ ހުރިހާ ކަމެއް އެތުރިފައި ހުރީ ގައުމުގެ ހުރިހާ ސިސްޓަމެއް ފުނޑާލައި، މުޅި ގައުމުވެސް އެމީހުންގެ ކުރިމަތީ ކުޑަކަކޫ ޖަހައިގެން އޮންނަން ޖެހޭނެ ގޮތަށެވެ. މީ ހަގީގަތެވެ. ގަބޫލުކުރާ ބަޔަކު ކުރަންވީ އެވެ.

މި ސިސްޓަމުގައި ގައުމު ހިންގުމަކީ ސަލާމަތެއް އޮތް ގޮތެއް ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވެ އެވެ. މީ އިއްޔެއަކު މިއަދަކު ވެގެން އުޅޭ ކަމެއް ނޫނެވެ. ރައީސް މައުމޫނުގެ ވެރިކަމުއްސުރެ މިކަން އޮތީ ފެށިފަ އެވެ. އެކަމަކު މިހާރު މިކަން ހައްދުން ނެއްޓިއްޖެ އެވެ. މީގެ އާޚިރު ނަތީޖާއަކަށް ވާނީ، ދިވެހީންގެ މި ލޮބުވެތި ގައުމުގެ ހުރިހާ ނިޒާމެއް އަދި މުއައްސަސާތަކެއް ފެއިލްވެ، މުޅި ގައުމު ބަނގުރޫޓުވުމެވެ. ހަމައަކަށް އަޅުވަން ހުރި މުއައްސަސާތައް ކަސްތޮޅުގައި ތިބުމުގެ ނަތީޖާއަކަށް ވާނީ ދިރިދިރިއޮތް ގައުމެއްގެ ހުރިހާ ގުނަވަނެއް ވާވުމެވެ. މި ހުރިހާކަމެއް ވެސް ގޮސް ހުއްޓެނީ އެހެން ބަޔަކާ ނޫނެވެ. ރައްޔިތުންގެ މަޖިލީހާއެވެ.

މިކަންކަން ހުއްޓުވައި ގައުމު ހަމަ މަގަށް އަޅުވަން އަޅާން ޖެހޭ ފިޔަވަޅުތަކުގެ ފެށުމަކަށް ވާންވީ، ގައުމުގެ ސައިޒާ ނުބައްދަލު ރައްޔިތުންގެ މަޖިލިސް ކުޑަކޮށްލުން ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެ އެވެ. ދެބައިކުޅަ އެއްބަޔަށް ކުޑަކޮށްލިޔަސް އެއީ މައްސަލައަކަށް ނުވާނެ އެވެ. އަޅުގަނޑު މަޝްވަރާ ކުރި، ކަމުގެ ތަޖުރިބާކާރުން ބުނާ ގޮތުގައި މި ރާއްޖޭގެ ރައްޔިތުން އެމައްޗަށް އަމަލުކުރާން ހަދަން ޖެހޭ ގާނޫނުތައް ހެދުމާއި ގެންނާން ޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް ކުރުމަށް 30 ވަރަކަށް މެންބަރުން ތިއްބަސް ފުދޭނެ އެވެ. އެއީ ގާތގަނޑަކަށް ކޮންމެ 13 ހާސް ރައްޔިތަކަށް މެންބަރެކެވެ. ނުވަތަ އާބާދީގެ ކޮންމެ 10 ހާހަށް މެންބަރެއްގެ މަގުން ގޮނޑި ހަމަޖައްސައި، 40 ގޮނޑިއަށް ވެސް ހެދިދާނެ އެވެ. މި އަދަދަށް ގޮނޑި މަދުކުރާ އިރު، ނިސްބަތުން ބަހާލައި ހުރިހާ ރައްޔިތުން ތަމްސީލު ވާނެ ގޮތަކަށް އެކަން ކުރާނެ ނިޒާމެއް ނިންމާނީ އެކަމާ ގުޅޭ ހުރިހާ މުއައްސާއެއް ގުޅިގެންނެވެ. ރަނގަޅު ނިޒާމެއް އޮވެގެން ހިނގާ ނަމަ ކޮންމެ 5000 ރައްޔިތަކަށް މަޖިލީހުގެ މެންބަރަކު ނެތި އެ ރައްޔިތުންގެ އަޑު މަޖިލީހުގައި ނުއުފުލޭނެ ކަމަށް ބުނާ ވާހަކައަކީ ހަމަބުއްދީން ވިސްނާ އެއްވެސް ދިވެހި ރައްޔިތަކު މިއަދު ގަބޫލުކުރާ ވާހަކައެއް ނޫނެވެ.

ދިވެހީންނަަށް ބޭނުންވަނީ ގައުމުގެ ސައިޒުގެ ރައްޔިތުންގެ މަޖިލީހެކެވެ. މިއަދު ރާއްޖޭގެ މަޖިލީހަކީ ދުނިޔޭގެ ބައެއް ގައުމުތަކުގެ ނިސްބަތުން އަޅައި ކިޔާ އިރު، ދުނިޔޭގެ ރެކޯޑަކަށް ވެސް ވެދާނެ އެވެ. އެންމެ ކައިރީން ބަލާ ނަމަ އިންޑިއާގެ ރައްޔިތުންގެ މަޖިލިސް (ލޯކްސަބާ)ގެ ޖުމުލަ މެންބަރުންގެ އަދަދަކީ 552 އެވެ. އިންޑިއާގެ އާބާދީއަކީ ގާތްގަނޑަކަށް 1.4 ބިލިއަން އެވެ. ރާއްޖޭގައި މި އޮތް ގޮތަށް މަޖިލިސް ބަހައިފި ނަމަ އިންޑިއާގެ ރައްޔިތުންގެ މަޖިލީހުގެ އެތައް ހާސް މެންބަރުންނެއް ތިބޭނެ އެވެ. ޔޫއެސްގެ އާބާދީއަކީ ގާތްގަނޑަކަށް 326 މިލިއަން އެވެ. މަޖިލީހުގައި ވޯޓުދެވޭ މެންބަރުންގެ އަދަދަކީ 535 އެވެ. ޔޫއެސްގައި ވެސް ރާއްޖޭގެ ނިސްބަތުން މަޖިލިސް ބަހައިފި ނަމަ، ތަޅުމުގައި އެތައް ހާސް މެންބަރުންނެއް ތިބޭނެ އެވެ.

ދުނިޔޭގެ ގައުމު ތަކުގައި، މަޖިލީހުގެ ސައިޒު ބިނާ ކުރުމުގައި އެންމެ ބޮޑަށް ބަލާ އެއް ފެކްޓާ އަކީ، އެގައުމެއްގެ އަމިއްލަ ފުދުންތެރި ކަމާއި އިގުތިސާދީ ގޮތުން ގައުމު އޮންނަ ހާލަތެވެ. ރައްޔިތުން ތަމްސީލު ކުރެވޭނެ މިންގަނޑަކަށް ބަލައިގެން މަޖިލީހު ގޮނޑީގެ އަދަދު ނިންމާ އިރު އޭގެ ނީޑް ނުވަތަ ބޭނުންތެރިކަން އޮތް މިންވަރަށް ބަލައި އެންމެ ހެޔޮވަރު މިންވަރަކަށް މަޖިލިސް ލިމިޓް ކުރުމަކީ ގައުމަށް އެންމެ ފައިދާބޮޑު ގޮތަށް ވާނެއެވެ.

މި ހުރިހާ ސަބަބަކަށް ބަލައި، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ސައިޒު ކުޑަކުރުމަކީ މިހާރު ކޮންމެހެން ވެސް ކުރާ މަޖުބޫރުވެއްޖެ ކަމެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެ އެވެ. މީ ފަސޭހަ ކަމަކަށް ނުވެދާނެ އެވެ. އެންމެ ބޮޑު ސަބަބަކީ މިކަން ކުރާން ބަލާ އިރު ވެސް މައިގަނޑު ހުރަސް ކުރިމަތިކުރުވާނީ ހަމަ ރައްޔިތުންގެ މަޖިލިސް ތެރެއިން ކަމަށް ވާތީ އެވެ. އެކަމަކު އަޅުގަނޑު ދެކޭ ގޮތުގައި ރައްޔިތުން ނުކުމެ އަޑު އުފުލައިގެން ވިޔަސް މިކަން ކުރާން ވެއްޖެ އެވެ. ގައުމަށް ހެޔޮ އެދޭ އެންމެން ވެގެން މިކަށް ކޮށްދެއްވާށެވެ. މިއީ ގައުމަށް މިހާރު ކުރިމަތިވެފައިވާ ވަރަށް ގިނަ މައްސަލަތަކުގެ ބޮޑު ހައްލަކަށް ވާނެކަމާ މެދު ޝައްކެއް ނެތެވެ.