ފުވައްމުލަކު ސިޓީގައި މިއަދު މެންދުރުފަހު 2:15 ހާއިރު ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާ ވެއްޖެއެވެ.
ފުލުހުން ބުނީ ފުވައްމުލަކު ފުނާޑު އަވަށުގެ ހައިވޭ ރެސްޓް ކައިރިން ދުއްވާފައި ދިޔަ ދެ ސައިކަލުޖެހި ހިނގި އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވެފައިވާކަމަށެވެ.
ތިން މީހުންނަށްވެސް ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ.
އަދި އެކްސިޑެންޓް ހިނގިކަމުގެ މައުލޫމާތު ލިބުމާއެކު ފުލުހުން އެސަރަހައްދަށް ދިޔައިރު ތިން މީހުންވެސް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށާއި އޭގެ ތެރެއިން އެއް ސައިކަލު ދުއްވަން އިން ސްރީލަންކާގެ މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
އެގޮތުން އޭނާގެ ކަނާތް ފަރާތު އަތާއި ފައި ބިނދިފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އަދި އަނެއް ސައިކަލު ދުއްވަންއިން 18 އަހަރުގެ މީހާ އާއި އެސައިކަލުގެ ފަހަތުގައި އިން 24 އަހަރުގެ މީހާއަށްވެސް އެކިވަރުގެ އަނިޔާ ލިބިފައިވާކަމަށާއި އޭނަގެ އަތުގައި ލައިސަންސް އޮންނަ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.