"ޝާނާ" އުފާވެރި ހިނިތުންވުމަކާއި އެކު ޑރ. ކަމާލް ޝާނާއަށް ގޮވާލިއެވެ. އަދި ވަރަށް ގާތް މީހެއް ގޮތަށް ކައިރިއަށް އައިސް ހުއްޓުނެވެ.
"ބައްޕަގެ ހާލު މިހާރު ވަރަށް ބޮޑަށް ރަނގަޅު އަހަންނަށް ޝުކުރު އަދައެއް ނުކުރާނަންތަ؟" އަނެއްކާވެސް ވާހަކަ ދެއްކީ ޑރ. ކަމާލް އެވެ.
ކިތަންމެ ވާހަކަ ދައްކަން ބޭނުންވިޔަސް ޝާނާއަށް ވާހަކަ ދައްކަން އުނދަގޫވިއެވެ. އޭނާގެ ހަޔާތުގައި ދެންމެ ރޯވި ހުޅުގަނޑު ފަހަތުން އޭނާ އަށް ފެންނަ ކަހަލަ އެވެ. އެހުޅުގަނޑުން އަންނަ ދިލަ ހޫނުގެ އަސަރު ވަނީ އޭނާގެ ހިތާއި ހަށިގަނޑަށް ކޮށްފައެވެ.
"ޝުކުރިއްޔާ" އެހެން ބުނުމަށްފަހު އޭނާ ހިނގައިގަތީ ބައްޕަގެ ކައިރިއަށެވެ.
"މަރީނާ، މަރީނާ " ލުތުފީގެ އަޑުގައިވީ ހަރުކަށިކަމެވެ.
"އޯތް ބަލަ ތަނެއްގަ ރޯވީތަ ތިހާ ބާރަށް ތި ހަޅޭއް ލަވަނީ" ފިހާރައިން އައސް ގެއަށް ވަން މަރީނާއަށް ބުނެވުނެވެ.
"ނޫނޭ މަރީނާއަށް ގޮވާ ގޮވާ ހަބަރެއް ނުވީމަ ތަންކޮޅެއް ބާރަށް ގޮވާލެވުނީ، ކޮބާ ކަމާލް އަދިވެސް ގެއަށް ނާންނަނީތަ. ހާދަ ބުރަކޮށޭ އެސޮރު މަސައްކަތް އެކުރަނީ، މިއަދު ވައްހާބާ ދިމާވި ވަރަށް އުފަލުން ހުރީ ކަމާލް އޭޑީކޭ ހޮސްޕިޓަލްގަ މަސައްކަތް ކުރާ ވާހަކަ ބުނީމަ ކައިވެނީގެ ކަންތައް އަވަސް ކުރަން ކަމާލް ގާތު އެދުމަށްވެސް ބުނި، މަރީނާއަށް ހީވާ އެއްޗެއް އަޅެ ނިކަން ބުނެބަލަ. ސޯފާގައި ލެގި ލަމުން ލުތުފީ ވާހަކަ ދެއްކި ގޮތުން ހީވަނީ އޭނާ އެކަމާ ވަރަށް ބޮޑަށް ވިސްނާފައިވާ ހެންނެވެ.
"ވައްހާބުގެ ދަރިފުޅާ ގުޅިގެން އުޅޭތާ މިހާރު ދެ އަހަރު މިވީ، އެކަމަކު އަދިވެސް ކަމާލް ކައިވެންޏެއް ކުރާ ކަހަލަ ވިސްނުމެއް ގެންގުޅޭ ހެނެއް ހިޔެއް ނުވޭ ތިވާހަކަ ލުތުފީ ދައްކާލަން އަހަންނަށް ފެނޭ، ތިކައިވެންޏާ އަހަރެން ވަރަށް ގަބޫލު" މަރީނާ ބުންޏެވެ.
ރޭގަނޑުގެ ހަމަހިމޭންކަން ދޭދަރުގެއަށް ވެރިވެފައިވީއިރު ވަށައިގެން ބަލާލިކޮންމެ ދިމާއަކުން ހީވަނީ މަރުގެ ހަމަހިމޭންކަން ވެރިވެފައިވާ ފަޅުގެއެއްހެނެވެ. ކުއްލިއަކަށް ކޮޓަރިއެއްގެ ދޮރު މަޑުމަޑުން ހުޅުވިއްޖެއެވެ. ގޭތެރޭގައި ދިއްލާފައި ހުރި ފަނޑު އަލީގެ ތެރެއިން އެއީ ކާކުކަން ސާފުވާ ވަރެއް ނޫނެވެ. އެމީހަކު ނިކުމެގެން އެދަނީ ގަމީހުގެ ގޮށްތައް ރަނގަޅުކުރަމުން ހޭވިފައިވާ ބޮލުގެ އިސްތަށިގަނޑުވެސް ރަނގަޅުކުރަމުންނެވެ. ދާރިޔާގެ ކޮޓަރިން ނިކުތުމަށްފަހު އެމީހާ މިސްރާބު ޖެހީ އަމީނާގެ ކޮޓަރިއާ ދިމާއަށެވެ.
ޒައުލް ހުރީ އެމީހަކު އެކުރާ ކަމަކަށް ރަނގަޅަށް ފާރަވެރިވެ ބަލާށެވެ. އެމީހަކު ވަން އިރު އޭނާ ކޮޓަރި ތެރޭ ހުރެފައި ދަތި ދޭތެރެއަކަށް ވަދެ ނިވާވީއެވެ. އެމީހާ މަޑުމަޑުންވަދެ އަމީނާގެ ބޭސް ފުޅިއަށް ޖީބުން ނެގި ގުޅަ ބޭސްތަކެއް އަޅައިލުމަށްފަހު ކައިރީގައި ހުރި ބިއްލޫރި ފެން ޖަގަށް ކޮންމެސް އެއްޗެއް އަޅައިލީއެވެ. މިވަގުތު އެމީހަކާ ކުރިމަތިލުމަށްވުރެ އެކުރި ކަމެއްގެ ހަގީގަތް ރަނގަޅަށް ބަލާފައި ނޫނީ އެއްޗެއް ބުނުން ބުއްދިވެރި ނޫންކަމަށް އޭނާއަށް ވިސްނުނެވެ.
ފަހަތުން އައިސް މީހަކު އޭނާގެ އަތުގައި ހިފައި ދަމައިގަތުމުން ރާނިޔާ ނުވެއްޓުނީ ކިރިޔާއެވެ. އެކަމަކު އޭގެ ކުރީގައި އެމީހެއްގެ އަތުން އޭނާ ހިފެހެއްޓިއެވެ. ޒަކްވާންގެ ނަޒަރު އޭނާގެ ލޮލާ ސީދާވުމުން ރާނިޔާ ފެންކަޅިވިއެވެ. އޭނާ ދައްކަން ބޭނުން ކިތަންމެ ވާހަކައެއް އެބަހުއްޓެވެ. އެކަމަކު އެވާހަކަތައް ދެއްކުމުން ޒަކްވާން އެވާހަކަތައް ގަބޫލު ނުކުރާނެކަން އޭނާއަށް ޔަގީނެވެ.
"ރާނި އައިއޭމް ސޮރީ އައި އޭމް ރިއަލީ ސޮރީ" ރާނިޔާގެ ދެލޮލުން ވިދަވިދާ ހުރި ކަރުނަތައް އޭނާގެ ކޯތާފަތް މައްޗަށް އޮހިގަތް މަންޒަރު ބަލާކަށް ޒަކްވާނަކަށް ކެތެއް ނުވިއެވެ. އެޔާއެކު ޒަކްވާންގެ އަތުން ރާނިޔާ ވަށާލާ މެޔާ ގާތްކޮށްލިއެވެ. އެންމެ ހިނދުކޮޅަކަށްވެސް ދެމީހުން ދުރަށްދާން ބޭނުން ނުވާ ކަހަލަ އެވެ.
"ހެލްޕްމީ އައި އޭމް އިން ޓްރަބަލް" ރާނިޔާއަށް ބުނެލެވުނެވެ.
"ކިޔާދީބަ ޕްލީސް އައިވިލް ނެވާ ލީވްޔޫ އައި ޕްރޮމިސް، އޭރުގެ ރާނި އާއި ދޭތެރޭ ގޯސްކޮށް ދެކެވުނީ މޮމް ދެއްކި ވާހަކައަކުން އެކަމަކު މިހާރު އައިޑޯންޓް ހޭޓް ބަޓް އައި ޑޯންޓް ޓްރަސްޓް ހާ، އައިނޯ ބިހައިންދް ދަ ސީންގަ ހުންނާނީ މޮމް ކަން ރައިޓް" ޒަކްވާން ބޭނުންވީ ރާނިޔާގެ ހިތުގައި ކުރިން އޭނާއަށް ދީފައި އޮތް ޖާގަ އަލުން އަނބުރާ ހޯދާށެވެ.
"އަހަރެން ދުވަހަކުވެސް ތި އާއިލާގެ ތެރެއަށް ވަންނާކަށް ބޭނުމެއް ނޫން، ޒަކްވާންގެ ހަޔާތަށް އަންނަން މަސައްކަތް ކޮށް ކޮށް ވަރުބަލި ވެއްޖެ ، އެކަމް ޒަކްވާން މަންމަ ދުނިޔޭގައި ހުއްޓާ ދުވަހަކުވެސް އަހަރެން ޒަކްވާންގެ މީހަކަށް ވާން ހިޔާލެއްވެސް ނުކުރާނަން، އަހަރެން މަތިން ހަނދާން ނައްތާލާ" ރާނިޔާއަށް އެހިތްވަރު ލިބުނީ ކިހިނެއް ކަމެއް އޭނާއަކަށް ވެސް ނޭނގުނެވެ. އެކަމަކު ރާނިޔާ އެދިން ޖަވާބު އޭނާ އަށް ހައްގުކަން ޒަކްވާން އަމިއްލައަށް ގަބޫލުކުރެއެވެ.
" ބައްޕަގެ ހުރިހާ ހަރަދެއް ޖަމާލު ކުރަމުންދަނިކޮށް ދަރިފުޅު ތިކަހަލަ މަޅިއެއް ކަރަށް މެހީ ކީއްވެ، ދަރިފުޅު އެންމެ ފަހަރަކުވެސް ވިސްނާލިންތަ މީހާގެ އަބުރަކީ ކިހާ މުހިންމު އެއްޗެއްކަން، ޖަމާލުގެ ހެޔޮކަމުގެ އަގު އަހަރެން އަދާ ކުރާނީ ކިހިނެއް އެކަމަކު ދަރިފުޅު މިއަދު ތިކުރި ކަމަކުން ދެން ޖަމާލްއާ ކުރިމަތިލާނެ ހިތްވަރެއްވެސް ބައްޕަ އަކަށް ނުލިބޭނެ ......
"ބަބަބަބައްޕަ ބައްޕަ"'
" އާނ ބައްޕަ ތިހުރިހާ މަންޒަރެއް ބެލިން ނަސީބެއްނު އަހަރެން މަރު ނުވިކަން، ދަރިފުޅު އެވަރުގެ ބޮޑު ކަމެއް ކުރީ ކީއްވެ ވަޒީފާއެއް ލިބެންދެން ކެތް ކޮށްލި ނަމަ، މީހުންގެ ތެރޭގަ ފަޟީހަތްވެ މުޅި މީހާ ރަށަށް ގިނަވެ ބޭޒާރުވުމުން މީހުން ދަރިފުޅު ބަލައިގަންނާނީ ކޮން ނަޒަރަކުން، މީހުންގެ ނަޒަރުގަ ތީ މަކަރުވެރިއެއް، އެކަމަކު ދަރިފުޅު ފައި އިނދޭ ފުރައިންސުރެ މަންމައަކާ ނުލައި ދަރިފުޅު އަތުގަ ހިފައިގެން ހިނގީ މި ބައްޕަ، ދުވަހަކުވެސް ދަރިފުޅު ތިހާ ކަތި ފިޔަވަޅެއް އަޅާފާނެ ކަމަކަށް ބައްޕަ ހިތަށްވެސް ނާރާ....... އިތުރަކަށް ނިޒާރަކަށް ވާހަކައެއް ނުދެއްކުނެވެ.
ބައްޕަގެ ދެފައިގައި ހިފައި ޝާނާ ރޮއެގަތެވެ. ކުޑަކުއްޖެއް ފަދައިންނެވެ. އެވަގުތު މީހަކު އެތަނަށް އައިސް އޭނާއަށް ގޮވާލި އެވެ. ޒައުލް އެވެ.
(ނުނިމޭ)