އަމީތާބް ބަޗަން

ބާރފް ގައި އަމީތާބް އާއެކު އިމްރާން ހަޝްމީ

އަމީތާބް ބަޗަން ވަނީ ދެ ފިލްމެއްގައި ލޯޔަރެއްގެ ބައި މިހާތަނަށް ކުޅެފައެވެ. އެއީ "ޕިންކް" އާ "ބަދްލާ" އެވެ. މި ދެފިލްމުގައިވެސް އަމީތާބްގެ ކޯ އެކްޓަރަކީ ތާޕްސީ ޕަންނު އެވެ.

ފަހުގެ ހަބަރުތައް ބުނާ ގޮތުގައި ދެން އަމީތާބް ފެނިގެންދާނީ ޖަޖެއްގެ ރޯލުންނެވެ. ބާރފް ނަމަކަށް ކިޔާ އެ ފިލްމުގައި އަމީތާބާއެކު ކޯ އެކްޓަރުގެ މަގާމުގައި ފެނިގެންދާނީ އިމްރާން ހަޝްމީ ކަމަށްވެސް ވެއެވެ.

ފިލްމަކީ ރުމީ ޖެފްރީ ޑައިރެކްޓްކުރާ ފިލްމެކެވެ. ރުމީ ވަނީ މީގެ ކުރިން "ގޯޑް ތުސީ ގްރޭޓް ހޯ" ވެސް ޑައިރެކްޓް ކޮށްފައެވެ. އަމީތާބް އާއި އިމްރާންގެ އިތުރުން ފިލްމުގައި އަންނު ކަޕޫރު އަދި ސައުރަބް ޝުކްލާވެސް ފެންނާނެކަމަށް ހަބަރުތައް ބުނެއެވެ.

ފިލްމުގެ ޝޫޓިން މިއަހަރުގެ މެދެެއްހާ ހިސާބު ފަށާނެ ކަމަށްވެސް ވެއެވެ.

އިމްރާން އެންމެ ފަހުން ކުޅެފައިވަނީ "ޗީޓް އިންޑިއާ" އެވެ. އަދި އަމީތާބް ގެ "ބަދްލާ" ރިލީސް ކުރުމަށްފަހު ދެން އެންމެ އަވަހަށް ފެނިގެން ދާނީ އާލިޔާ ބަޓް އަދި ރަންބީރު ކަޕޫރާއެކު "ބްރަހްމަސްތްރާ" އިންނެވެ.