އުމުރަށް ތިޔަ ނަމުގައި

އުމުރަށް ތިޔަ ނަމުގައި (3 ވަނަ ބައި)

(އޮކްޓޯބަރ 4 އާއި ގުޅޭ)

މޭޒުމަތީގައި އޮތް ސީވީ އާއި ފޮޓޯ ގަނޑު ފެނި އާރިޔާގެ އަތުގައި ހުރި ކޮފީތަބަށް އަތުން ދޫވީ ބޭއިޙްތިޔާރުގައެވެ. އިރާދައިގަ މިއަދު އާރިޔާ އަށް ލައްވާނީ ނަސީބުތޯ ބަދު ނަސީބުތޯ ދެނެވޮޑިގެންވާނީ ކަލާންގެއެވެ. ދޮރު ހުޅުވާލާފައި އެތެރެއަށް އެވަނީ ޒައުލް އެވެ.

ބަންޑުންވެފައިވާ ކޮފީތަބަކާއި ފޯނެއްގައި ހުރި ދާރިޔާ ފެނި ޒައުލް އަށް ލިބުނީ ނުތަނަވަސް ކަމެކެވެ. އެއްޗެއް ބުނަން އަނގަ ހުޅުވާލުމުގެ ކުރީގައި ދާރިޔާ ފޯނު ބާއްވާފައި އާރިޔާ އަށް ގޮވާލިއެވެ.

"ހާދަ ބޮޑަށް ތި ސިހުނީ" އާރިޔާގެ ކުރިމައްޗަށް ވާކަހަލަ ގޮތަކަށް ހުއްޓިހުރެ ދާރިޔާ ބުނެލިއެވެ.

"އަޅުގަނޑު.. އަޅުގަނޑު" އާރިޔާ އަކަށް އިތުރަކަށް ވާހަކަ އެއް ނުދެއްކުނެވެ.

"އެއީ ކަމެއް ނޫން، ދާރިޔާ މޮމް މިގަޑީގަ މުހިންމު ކަމަކުތޯ!" ޒައުލް އަވަހަށް ވާހަކަ ދެއްކީ އާރިޔާގެ ހަރަކާތްތަކަށް ވަމުންދާގޮތް ފެނި އެމައުސޫމުކަމުގެ ޖަޒުބާތުތައް އައިސް އޭނާ ވަށާލުމުންނެވެ.

ވަގުތަކީ މާލިކު އެތަނަށް އައިސް ވަން ދަނޑިވަޅުކަމުން އެއްމެން ހަމަހިމޭންވިއެވެ.

މާލިކުގެ މޫނުގައިވީ ނުތަނަވަސްކަންފެނި އާރިޔާ އަވަހަށް ނިކުމެގެންދިޔައީ އެތަނުން އޭނާ ދާން ޒައުލް އިޝާރާތް ކުރުމުންނެވެ. ދާރިޔާ އެތަން ސާފުކޮށްފައި އައިސް ސޯފާގައި އިށީނދެލީ މާލިކުގެ ނުތަނަވަސް ކަން އޭނާ އަށް މާކުރިން އެނގުނު ނަމަވެސް ޒައުލް އަށް އެކަން ސިއްރު ކުރުމުގެ ގޮތުންނެވެ.

ޒައުލް ސުވާލުކުރުމުންވެސް މާލިކު އަށް މާބޮޑަށް ވާހަކަދެއްކޭ ގޮތެއް ނުވިއެވެ. ހަގީގަތުގައި މަންމަ އަކާއި ނުލާ ޒައުލް ބޮޑުކުރުމުން ޒަކްވާން އަށްވުރެ މާލިކުގެ ހިތުގައި ޒައުލް އަށް އޮތް ލޯބި މާ ބޮޑެވެ.

އެހެނަސް ހަގީގަތް އެނގިއްޖެނަމަ ޒައުލް ގެ މާފު ދުވަހަކުވެސް މާލިކުއަށް ނުލިބޭނެކަން މާލިކުއަށް އެނގެއެވެ. ހަގީގަތް ޒައުލް އަށް އޮޅުވާލަން އޭރު މާލިކުއަށް ކުރިމަތިވީ މަޖުބޫރީ ހާލަތު މިއަދު ކިޔާދޭނެހާ ހިތްވަރެއް މާލިކުގެ ނެތެވެ. ދާރިޔާ އެއިންތިޒާރު ކުރަނީ މާލިކުގެ ކިބައިން އެކަން ޒައުލް އަށް އަންގާނެ ގޮތެކެވެ. އެހެނަސް މިވަގުތު އާރިޔާ އަކީ ކާކުކަން ބެލުމުގެ ޝައުގު އޭނާގެ ހިތުގައި މާބޮޑެވެ.

* * * * * * * * * * * * * *

"ޓްރައިޓު އަންޑަސްޓޭންޑް ރާނިޔާ" ޒަކްވާން އެހެން ބުނިއިރު ރާނިޔާ ތެދުވެގެން ހިނގައިގަންނަނީއެވެ.

ރުޅިއައިސްފައި ހުރި ރާނިޔާ މިވަގުތު ޒަކްވާންގެ އެއްވެސް ވާހަކައެއް އަޑުއަހާކަށް ބޭނުމެއް ނުވިއެވެ. އޭނާއަށް އިޙްތިރާމް ނުކުރާ މީހެއްގެ ބަހަކަށް ދިރިއުޅުމުގައި ކުރިއަށް އަޅާ އެއްވެސް ފިޔަވަޅެއް ފަހަތަށް އަޅާކަށް ރާނިޔާ ބޭނުމެއް ނޫނެވެ.

ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރާއިރު މީހުންގެ ފަރާތުން ލިބޭ ފުރައްސާރަތަކާއި އިންޒާރުތަކަށް ފަސްޖެހުމެއްނެތި ސާބިތުކަމާއި އެކު މަދު ދުވަސްކޮޅެއްގެ ތެރޭގައި އޭނާއަށް އެހާ އުހަށް ދެވުނީ ދެގޮތެއް ނުވެ ސާބިތު ކަމާއި އެކު ހުރުމުންނެވެ. އެހެނަސް އަންހެނަކަށް ވީތީ މީހުންގެ ފަރާތުން ކުރާ ޖިންސީ ފުރައްސާރަތަކަކީ ނިމުމެއްނެތް އުދާސްތަކެކެވެ.

ނަފްސަކީ ވިޔަފާރި ކުރެވޭނެ އެއްޗެކޭ ހިތަށް އަރާ ފައިސާއިން ދުނިޔެ ގަންނަން އުޅޭ ޖާހިލުންގެ ބަހަށް އޭނާ ތަބާނުވަނީ ޖެހިލުންނުވާތީކީ ނޫނެވެ. ކާރަށް އަރަނިކޮށް ޒަކްވާން އައިސް އަތުގައި ހިފެހެއްޓިނަމަވެސް އެއަތް ފޮޅާލުމަށްފަހު ކާރުގެ އެތެރެއަށް ދެމިގަތް އިރު ރާނިޔާގެ ކޯތާފަތްވަނީ ތެންމާލާފައެވެ.

ބައެއްގެ ތެރޭގައި އެހާ ބޭއަދަބު ކުޑަކޮށް ޒަކްވާން އޭނާ އާއި ގައިގޯޅިވާން މަސައްކަތްކުރީ ކޮންމެ މަގްސަދެއްގައި ނަމަވެސް އެކަމަކީ މާފުކުރެވޭނެ ކަމެއް ނޫނެވެ. ޝަރީއާ އެންޑް ލޯގެ ފަހު އަހަރު ކިޔަވަމުންދާ ރާނިޔާ ޒަކްވާން އާއި ދިމާވީ ޒަކްވާންގެ ކާފަ އުޘްމާންގެ މަރާ ގުޅޭގޮތުން މައުލޫމާތު ހޯދަން އުޅުމުގެ ތެރޭގައެވެ. އެފަހުން 5 އަހަރުވީއިރު ދެމީހުންގެ ތެރެގައި އުފެދުނު ގާތްކަން ލޯތްބަށް ބަދަލުވީ ވައިރޯޅިއަށްވެސް ސިއްރުންނެވެ.

ރާނިޔާގެ ޓެކްސީ ފަހަތުން ދާން ސައިކަލަށް އެރި ޒަކްވާންގެ ފޯނު ރިންގުވާން ފެށިއެވެ. ކިތަންމެ ރުޅިއަޔަސް މަންމަގެ ކޯލެއް ވީމާ ނަގަން މަޖުބޫރުވިއެވެ.

ރާނިޔާ ފަހަތުން ނުގޮސް މަންމަ އެބުނާ ތަނަކަށް ދިއުން މިވަގުތު އޭނާ އަށް މަޖުބޫރުވިއެވެ. ބާރަށް ދުއްވާފައި ދިޔައީ މުހިންމު ކަމެކޭ މަންމަ ބުނާނީ ވަރަށް ބޮޑުކަމެއް ވީމާ ކަން އެނގިގެންނެވެ. އެހެނަސް ތަންކޮޅަކަށް ދުއްވާފައި ދިޔަތަނާ ހިސާބުގަނޑަށް ބޮނޑިވެފައި އޮތް މީހުންގަނޑު ގެ ތެރެއަށް ބޯދިއްކޮށްލަން މަޖުބޫރުވިއެވެ.

މާރާމާރީއެއް ހިނގާ މީހެއްގެ ގަޔަށް ވަޅިޖެހީއެވެ. އެވަގުތު އެތަނުގައި މަންޒަރު ލައިވްކޮށްދޭން ހުރީ ދެންމެ އޭނާގެ ކުރިމަތިން ރޮމުން ދިޔަ ރާނިޔާ އެވެ.

ޒަކްވާން އަށް ދަތްކުނޑި ވިކާލެވުނެވެ. އެވަރަށް އަމުރުކުރީމަވެސް ރާނިޔާ މަސައްކަތަށް ނިކުތީމައެވެ. އެހެނަސް ވަގުތަކީ އިހްސާސްތައް ބޭރު ކުރަން ރަނގަޅުދަނޑިވަޅެއް ނޫންކަން އެނގުމުން ދޫބަނދުކޮށް ގެއަށް މިސްރާބު ޖެހިއެވެ.

ޒަކްވާން ވަނުމާއެކު އާރިޔާ އާއި ބެހޭގޮތުން އެނގުނު ސިއްރު ދާރިޔާ ކިޔާދިނެވެ. ޒަކްވާން އެވާހަކަ ގަބޫލު ނުކުރި އެންމެ ބޮޑު ސަބަބަކީ ޒައުލް އާއި އެކުއްޖާޔާ ގުޅުމެއް އޮންނަކަމަށް ދާރިޔާ ބުނުމުންނެވެ. މަންމަގެ ހިތް ކަޅު ނަމަވެސް ޒަކްވާންގެ ހިތުގައި ޒައުލް އަށް އޮތް ލޯބި ވަރަށް މަތިވެރިއެވެ.

ބޮޑު ކޮޓަރި ތެރެއިން އަމީނާގެ ހަޅޭކުގެ އަޑާއިއެކު ޒަކްވާން އަށް ދުއްވައި ގަނެވުނެވެ. ދާހިތްލާ ފޯވެފައި ހުރި އަމީނާ ދެލޯ އުނގުޅަ އުނގުލާފައި ރޮނީއެވެ.

"އަހަރެންގެ ލޯ.... އަހަރެންގެ ދެލޯ އަހަންނަށް ތަންތަން ފެންނަނީ ފުސްކޮށް މާތް ކަލާކޯ މިއީ ކޮންފަދަ އިމްތިހާނެއް."

"މާމާ މާމާ ކީކޭ، އަވަހަށް މިއައިނު އަޅާބަލަ" ހާސްވެފައި ހުރެ ޒަކްވާން ގުޅީ މާލިކު އަށެވެ.

"އައިނު އެޅިޔަސް ނުފެނެޔޭ ދަރިފުޅާ މާމަ ބޭނުމެއްނޫން ދަރިފުޅުމެން ނުފެނި ނިމިގެންދާކަށް" އަމީނާގެ އަޑުގައިވީ ވޭނީ ރާގެކެވެ. ދާރިޔާގެ ތުންފަތުގައި ނަށާލީ ވިހަގަދަ ހިނިތުންވުމެކެވެ. (ނުނިމޭ)