މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ ހަތަރު މީހުން، ފުލުހުންގެ ސްޓޭޝަނެއް ނުހުންނަ ރަށެއް ކަމަށްވާ ގދ. ނަޑެއްލާގައި ފިލައިގެން އުޅެނިކޮށް ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، މާރާމާރީގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން އެ ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ މިރޭ 1905 ހާއިރު ކަމަށެވެ.
ފުލުހުން ބުނީ ރޭގެ 0115 ހާއިރު ގދ. ފަރެސްމާތޮޑާގައި އެރަށު މާތޮޑާ އަވަށު 21 އަހަރުގެ ޒުވާނަކަށް ހަތަރު މީހަކު ވެގެން މާރާމާރީ ހިންގާފައިވާ ކަމަށެވެ.
އެ 21 އަހަރުގެ ޒުވާނަކީ މާތޮޑާ އަވަށަށް ނިސްބަތްވާ މީހެއް ކަމަށާއި މާރާމާރީ ހިންގި ހަތަރު މީހުންނަކީ ފަރެސް އަވަށަށް ނިސްބަތްވާ ހަތަރު މީހުން ކަމަށް ފުލުހުން ބުންޏެވެ.
އެމީހުން މާރާމާރީ ހިންގުމަށްފަހު ފިލާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ބުނީ އެ ހާދިސާގައި އަނިޔާވި ޒުވާނާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާ ކަމަށެވެ.