ސެމްސަންގްގެ އެންމެ ފަހުގެ ފްލެގްޝިޕް ފޯނު ގެލެކްސީ އެސް10 މިރޭ ރާއްޖޭގައި ލޯންޗުކުރުމަށް ދިރާގުން ނިންމައިފި އެވެ.
ދިރާގުން ބުނީ އާންމުންނަށް ހުޅުވާލައިގެން މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ އިވެންޓު ކުރިއަށްދާނީ ބްރިޖު ވިއު ޕްލެޓްފޯމުގައި ކަމަށެވެ. އެ އިވެންޓުގައި ސެމްސަންގް އިލެކްޓްރޯނިކްސް ރީޖަނަލް ބްރާންޗްގެ އިސްވެރިން ބައިވެރިވާނެ ކަމަށް ދިރާގުން ބުނެއެވެ.
ދިިރާގުން ބުނީ މިރޭގެ އިވެންޓުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ގުރު ނަގައި ނަސީބުވެރި ފަރާތަކަށް ސެމްސަންގްގެ އާ ފްލެގްޝިޕް ފޯނެއް ލިބުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
ގެލެކްސީ އެސް10 އާއި އެސް10 ޕްލަސްގެ ފޯނުތައް މިރޭގެ އިވެންޓުގައި ދައްކާލާއިރު އެ ފޯނަކީ ސްމާޓްފޯނު ޓެކްނޮލޮޖީއަށް އިންގިލާބީ ބަދަލުތަކެއް ގެންނަ ފޯނުތަކެއް ކަމަށް އެ ކުންފުނިން ބުނެއެވެ.
އެގޮތުން ފޯނުގައި ދުނިޔޭގައި ފުރަތަމަ ފަހަރަށް އަލްޓްރަސޮނިކް އޮން ސްކްރީން ފިންގަރޕްރިންޓް ޓެކްނޮލޮޖީ ބޭނުންކޮށްފައިވެއެވެ. އޭގެއިތުރުން ވަޔަލެސްކޮށް ފޯނު ޗާޖު ޝެއާކުރުމާއި ވަރުގަދަ އާ ސްކްރީން އަދި މޮޅު ކެމެރާގެ ހިދުމަތްވެސް އެ ފޯނުން ލިބިގެންދާނެ ކަމަށް ސެމްސަންގުން ބުނެއެވެ.