ވިޔަފާރި

މޯލްޑިވްސް މާކެޓާސް ފޯރަމް ނިމިއްޖެ

މަރިޔަމް ޝަހުދާ

ކޯޕަރޭޓް މޯލްޑިވްސް އެކަޑެމީގެ ފަރާތުން ކުރިއަށް ގެންދާ މޯލްޑިވްސް މާކެޓާސް ފޯރަމް ގެ ދެވަނަ އެޑިޝަން ނިމިއްޖެއެވެ.

ގައުމީ ޔުނިވަރސިޓީގެ ބިޒްނަސް ސްކޫލް އޮޑިޓޯރިއަމްގައި މި ފޯރަމް ކުރިއަށްގެންގޮސްފައި ވަނީ އިއްޔެ އެވެ. މިފޯރަމަކީ ރާއްޖޭގެ މާކެޓިން ދާއިރާއަށް އަމާޒުކޮށް ކުރިއަށް ގެންދިޔަ ފޯރަމެކެވެ. އެގޮތުން ރާއްޖޭގެ މާކެޓިން ދާއިރާގައި މަސައްކަތް ކުރާ 200އަށް ވުރެ ގިނަ މީހުންވަނީ އިއްޔެގެ ފޯރަމްގައި ބައިވެރިވެފައެވެ.

ފޯރަމް ފެއްޓެވުމުގެ ރަސްމިއްޔާތުގައި ކޯޕަރޭޓް މޯލްޑިވްސްގެ ސީއީއޯ އިލްޔާސް ހަނީފް ގެ އިތުރުން ގައުމީ ޔުނިވަސިޓީގެ ބިޒްނަސް ސްކޫލްގެ ޑީން އަބްދުލް ރަހްމާން މުބާރިކު ވަނީ ވާހަކަ ދައްކަވައިފައެވެ.

މި ފޯރަމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވި މިނިސްޓަރ އޮފް ހަޔާ އެޑިއުކޭޝަން ޑރ. އިބްރާހީމް ހަސަން ވަނީ މަތީ ތައުލީމަށް މިފަދަ ފޯރަމްތަކުގެ މުހިއްމުކަމާގުޅޭ ގޮތުން ވާހަކަ ދައްކަވައިފައެވެ. މީގެ އިތުރުން ކޯޕަރޭޓް މޯލްޑިވްސް އެކަޑެމީން ޒުވާނުންގެ ކުރިއެރުމަށް މިފަދަ ފޯރަމްތައް ހިންގާތީ މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

މާކެޓާސް ފޯރަމްގައި ވަނީ ވިޔަފާރީގެ މާކެޓިން ދާއިރާގެ ބޭފުޅުން ވާހަކަ ދައްކަވައި، އެ ބޭފުޅުންގެ ތަޖުރިބާ ހިއްސާ ކުރައްވައިފައެވެ. މި ފޯރަމުގައި ބައިވެރިވި ބޭފުޅުންނަށް ވަނީ އީކޮމާސް، އިންޓަރނޭޝަނަލް އިވެންޓް މެނޭޖްމަންޓް، ސޯޝަލް މީޑިއާ އެޑްވަޓައިޒިންގް، ބްރޭންޑިންގް އައިޑިއާސް އަދި އިވޮލިއުޝަން އޮފް ޑިޖިޓަލް މާކެޓިން އާ ގުޅޭ ގޮތުން މައުލޫމާތު ފޯރުކޮށްދީފައެވެ.