ކުޅިވަރު

މޮނާކޯގެ މޭނޭޖަރަކަށް ހެންރީ؟

ފްރާންސްގެ މޮނާކޯގެ މެނޭޖަރު ލިއޮނާޑޯ ޖާޑިމް މަޤާމުން ދުރުކުރުމަށްފަހު، އެ ކުލަބުގެ މެނޭޖަރަކަށް ހަމަޖެއްސުން އެންމެ ގާތީ ކުރިން އިނގެރޭސިވިލާތުގެ އާސެނަލް އަށާއި ފްރާންސްގެ ޤައުމީ ޓީމަށް ކުޅެފައިވާ އަދި މިހާރު ބެލްޖިއަމްގެ އެސިސްޓެންޓް ކޯޗެއްގެ މަޤާމުގައިހުރި ތިއެރީ ހެންރީ ކަމަށް ގިނަ ރިޕޯޓްތައް ބުނަންފަށައިފިއެވެ.

ލީގުގައި ނެރެމުންދާ ދަށް ނަތީޖާ އާއި ގުޅިގެން މޮނާކޯއިން އަންނަނީ މިހާރުގެ މެނޭޖަރު ޖާޑިމް މަޤާމުން ދުރުކުރަން ވިސްނަމުންނެވެ. އުމުރުން 44 އަހަރުގެ ޕޯޗުގަލް އަށް ނިސްބަތްވާ ޖާޑިމް ވަނީ ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ކުލަބަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފައެވެ. އެގޮތުން 2000 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ފްރާންސް ލީގު 2017 ވަނަ އަހަރު ހޯދައިދިން އިރު، 2016/17 ސީޒަންގައި ވަނީ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލަށްވެސް ގެންގޮސްދީފައެވެ.

ޒުވާން އެތައް ކުޅުންތެރިންނެއް ކްލަބް ލެވެލްގައި ނެރެދީފައިވާ ޖާޑިމްގެ އެންމެ ބޮޑު ކާމިޔާބަކީ މިހާރު ޕީ.އެސް.ޖީ އަށް ކުޅެމުން އަންނަ ކިލިއަން އެމްބާޕޭ އާއި، އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ތޯމަސް ލެމާއާއި، މެންޗެސްޓާރ ސިޓީއަށް ކުޅެމުން އަންނަ ބަނާޑޯ ސިލްވާ އާއި ބެންޖަމިން މެންޑީފަދަ ކުޅުންތެރިން ޓޮޕް ލެވެލްއަށް ނެރުމެވެ. މިސީޒަނުގައި މޮނާކޯއިން ވަނީ ނިމިގެންދިޔަ ވޯލްޑްކަޕްގައި ރަޝިއާއަށް މޮޅު ކުޅުމެއް ދެއްކި ޒުވާން މިޑްފީލްޑަރު އެލެގްޒެންޑަރ ގޮލޮވިން އާއި ވެސްޓް ބްރޮމް އަށް ކުޅެމުން އައި ބެލްޖިއަމްގެ ނޭސާ ޗެޑްލީ ގެނެސްފައެވެ.

ހެންރީ ވަނީ ނިމިގެންދިޔަ ވޯލްޑްކަޕްގައި ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒްގެ ދަށުން ރަނގަޅު ނަތީޖާތަކެއް ނެރެފައެވެ. އެގޮތުން ގްރޫޕް ސްޓޭޖްގައި އިންގްލެންޑް ބަލިކުރިއިރު، ދެވަނަ ބުރުގައި ފަހަތުން އަރާ ތިން ގޯލް ކާމިޔާބުކޮށް ޖަޕާން ކަޓުވާލިއިރު، ކުއާޓާ ފައިނަލުގައި ވަރުގަދަ ބްރެޒިލްވެސް ވަނީ ކަޓުވާލާފައެވެ. ބެލްޖިއަމް ކެޓީ ސެމީގައި ހެންރީގެ ފްރާންސް އަތުން 0-1 އިން ބަލިވެގެންނެވެ.

ހެންރީ ވަނީ ކުޅުންތެރިއެއްގެ ގޮތުގައި ކްލަބް ލެވެލްގައާއި ޤައުމީ ލެވެލްގައި ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން، ވޯލްޑް ކަޕް، ޔޫރޯ، ކޮންފެޑެރޭޝަން ކަޕް، ޗެމްޕިއަންސް ލީގު، އިނގެރޭސި ޕްރިމިއަރ ލީގު، އެފްއޭ ކަޕް، ސްޕެނިޝް ލަލީގާ، ފީފާ ކްލަބް ވޯލްޑްކަޕް، ކޮޕަ ޑެލް ރޭ، ޔޫއެފާ ސުޕަރކަޕް ހޯދާފައެވެ. އަދި އޭނާވަނީ ޔޫޕަރްގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަޤާމު ދެ ފަހަރު، ޕްރިމިއަރ ލީގު އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަޤާމު ހަތަރު ފަހަރު، ޕްރިމއަރ ލީގު މޮޅު ކުޅުންތެރިޔާގެ މަޤާމު ދެފަހަރު، ފްރާންސްގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ފަސްފަހަރު، ކޮންފެޑެރޭޝަން ކަޕް އެންމެ މޮޅު ކުޅުނތެރިޔާގެ މަޤާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަޤާމުވެސް ހޯދާފައެވެ. ހެންރީއަށް ނުލިބޭ ހަމައެކަނި އެވޯޑަކީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑެވެ. 2003 ވަނަ އަހަރު އޭނާއަށް ދެވަނަ ލިބުނު އިރު، 2006 ގައި ލިބުނީ ތިން ވަނައެވެ.

މޮނާކޯއަށް ރަނގަޅު ނަތީޖާއެއް ނުނެރެވިގެންއުޅޭ ސަބަބުތަކުގެ ތެރޭގައި ޓީމުގައި ތިބި މޮޅެތި ކުޅުންތެރިން ވިއްކާލުންވެސް ހިމެނެއެވެ. އެންމެފަހުން ޓްރާންސްފާ ބާޒާރުގައިވެސް އެޓީމުންވަނީ ކެޕްޓަން ފަބީނިއޯވެސް ލިވަޕޫލް އަށް ވިއްކާލާފައެވެ. އަދި ރާޝިދު ގެޒާލް ލެސްޓާރ ސިޓީއަށް ވިއްކާލިއިރު ޕޯޗުގަލްގެ ތަޖުރިބާކާރު މިޑްފީލްޑަރު ޖާއޯ މޯޓީނިއޯ ވަނީ ވުލްސްއަށް ވިއްކާލާފައެވެ.
މޮނާކޯ މިވަގުތު އޮތީ 9 މެޗުން ލިބުނު 6 ޕޮއިންޓާއެކު ޓޭބަލްގެ ފަހަތުން ތިންވަނައިގައެވެ.