ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސް

މިނިސްޓަރު ޔުމްނާއާއި ޝިދާތާ ވިމް ކޮކޯ ޝީކް "ރަން ވިތް އަސް 2019"ގައި ބައިވެރިވެވަޑައިގެންފި

މުހައްމަދު އައުޒަމް

ވިމް ކޮކޯ ޝީކް "ރަން ވިތް އަސް 2019"ގައި މިނިސްޓަރު އޮފް އާޓްސް ކަލްޗާރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން އާއި މިނިސްޓަރު އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސް ޝިދާތާ ޝަރީފް ބައިވެރިވެވަޑައިގެންފިއެވެ.

ވިމް ކޮކޯ ޝީކް "ރަން ވިތް އަސް 2019" ބައިވެރިވެވަޑައިގެން އެ ރަން ޝަރަފުވެރި ކޮށްދެއްވާފައި ވަނީ ވެސް މިނިސްޓަރު ޔުމްނާ މައުމޫން އާއި މިނިސްޓަރު ޝިދާތާ ޝަރީފްއެވެ.

ދުވުމުގެ އެހެން ބައިވެރިންނެކޭ އެއްފަދައިން މިނިސްޓަރު ޔުމްނާ މައުމޫން އާއި މިނިސްޓަރު ޝިދާތާ ޝަރީފް ވަނީ ތިން އޮބްސްޓިކަލް ކަޑައްތު ކުރެއްވުމަށްފަހު 3.75 ކިލޯމީޓަރު ފުރިހަމަކުރައްވައިފައެވެ.

ވިމް ކޮކޯ ޝީކް "ރަން ވިތް އަސް 2019"އަކީ ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ބައިވެރިން ދުވި ރަން އެވެ. މިރަންގައި 7000އަށް ވުރެ ގިނަ ކަނބަލުންވަނީ ބައިވެރިވެފައެވެ.

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސް (ވިމް)އިން އިންތިޒާމުކޮށްގެން މިދިޔަ އަހަރު ބޭއްވި އޮބްސްޓިކަލް ރަން ވިމް ކޮކޯ ޝީކް "ރަން ވިތް އަސް 2018" ވެސް ވެގެން ގޮސްފައި ވަނީ ރެކޯޑަކަށެވެ. މިދިޔަ އަހަރުގެ ރަންގައި 5000 އަށްވުރެ ގިނަ ކަނބަލުން ބައިވެރިވެފައިވެ އެވެ.

މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުގެ ރަން އަކީވެސް އޮބްސްޓިކަލް ރަން އެކެވެ. ކޮކޯ ޝީކް "ރަން ވިތް އަސް 2019" އޮބްސްޓަކަލް ދުވުމުގެ އޮބްސްޓަކަލްތައް ހާއްސަކޮށްފައިވަނީ މިއަހަރުގެ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ ޝިއާރު ކަމަށްވާ "ބެލެންސް ފޯ ބެޓަރ ލައިފް"އާ ގުޅޭ ގޮތަށެވެ. 3.75 ކިލޯ މީޓަރުގެ މިދުވުމުގެ ކޮންމެ ކިލޯމީޓަރެއް ކަޑައްތު ކުރާއިރު އޮބްސްޓިކަލްއެއް ގިރާ ކުރަން ޖެހެއެވެ.

ހަމައެކަނި ކަނބަލުންނަށް ދުވެވޭ ވިމް ކޮކޯ ޝީކް "ރަން ވިތް އަސް 2019"ގައި މިއަހަރު އުމުރުން ދެމަހުން ފެށިގެން 67 އަހަރާ ދެމެދުގެ އުމުރުފުރައިގެ ކަނބަލުން ވަނީ ބައިވެރިވެފައެވެ.

މިއަހަރުގެ ރަންއަށް ސަރުކާރުގެ މިނިސްޓްރީތަކާއި އެހެން އިދާރާތަކުން ވެސް ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވާކަމަށް ވިމް އިން ފާހަގަކުރެ އެވެ. އެގޮތުން މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސް އާއި މިނިސްޓްރީ އޮފް ޓުއަރިޒަމް އާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ އިތުރުން މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އިން ވަނީ ވިމް ކޮކޯ ޝީކް "ރަން ވިތް އަސް 2019" އެންޑޯސް ކޮށްފައެވެ.

"ރަން ވިތް އަސް 2019"ގެ ޕްލެޓިނަމް ސްޕޮންސަރަކީ ކޮކޯ ޝީކް އެވެ. ސިލްވަރ ސްޕޮންސަރުންނަކީ ލައިފް ސަޕޯރޓް، އެލިޔާ އިންވެސްޓްމަންޓް، ކުމާރިކާ ހެޔާ ޕްރޮޑަކްޓްސް އަދި އެފްއެސްއެމްއެވެ. ސްޓައިލް ޕާޓްނަރަކީ ނޯޓް ކޮސްމެޓިކްސްއެވެ. ނިއުޓްރިޝަން ޕާޓްނަރަކީ ކެލޮގްސް ބްރޭންޑްއެވެ.

ކޮކޯ ޝީކް "ރަން ވިތް އަސް 2019"ގެ ހޯސްޓިން ޕާޓްނަރަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އެވެ. މިއަހަރުގެ ރަންގެ މެޑިކަލް ޕާޓްނަރަކީ އޭޑީކޭ ހޮސްޕިޓަލް އެވެ. އަދި ވެލްނެސް ޕާޓްނަރުގެ ގޮތުގައި ވެލްނެސް ސެންޓަރ ބައި ނިޝީ ވަނީ ހަމަޖައްސައިފައެވެ. މީގެ އިތުރުން މިއަހަރުގެ ރަންގެ ޕްރިންޓިން ޕާޓްނަރަކީ ޕްރިންޓް ލެބް އެވެ. ފޮޓޯގްރަފީ ޕާޓްނަރަކީ ހާފްކޯޓްސްއެވެ. ބެވަރޭޖް ޕާޓްނަރަކީ މިނިޓްމެއިޑެވެ.

ކޮކޯ ޝީކް "ރަން ވިތް އަސް 2019"ގެ ސަޕޯޓިން ޕާޓްނަރުންގެ ގޮތުގައި ގާލްގައިޑް އެސޯސިއޭޝަންގެ އިތުރުން އުނިމާ ގްރޭންޑް ވަނީ ހަމަޖައްސައިފައެވެ. އަދި ފުލުހުންނާއި އެމްއެންޑީއެފުން ވެސް މި ހަރަކާތަށް ފުރިހަމަ އެއްބާރުލެއްވުން ދެއްވާފައިވާ ކަމަށާއި އެ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރާކަމަށް ވިމްއިން ބުންޏެވެ.

އަންނަ އަހަރު ބާއްވާ "ރަން ވިތް އަސް 2020" މިއަށްވުރެ ވެސް ގިނަ ބައިވެރީންނާ އެކު މިފަހަރަށް ވުރެ ވެސް ފުރިހަމަކަމާ އެކު ބޭއްވުމަށް މަސައްކަތް ކުރާނެ ކަމަށް ވިމްއިން ބުނެ އެވެ.

ކޮކޯ ޝީކް "ރަން ވިތް އަސް 2019"ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.