އުމުރަށް ތިޔަ ނަމުގައި

އުމުރަށް ތިޔަ ނަމުގައި (9 ވަނަ ބައި)

އާމިނަތު އަޒްލާ

ފެބްރުއަރީ 22 އާއި ގުޅޭ)

ގޮނޑުދޮށަށް ބީއްސާލި ރާޅާއެކު ސިހިފައި ފަހަތަށް ޖެހިލެވުނުއިރު ޝާނާއަށް ފަހަތުގައި ހުރި މީހަކު އޭނާއާ ކައިރިވާތަން ކުރިމަތިން ފެންނަން ހުރި ހިޔަނިން ފެނުނެވެ. އެއީ ޖަމާލެއް ނޫނެވެ. ޒައުލް އެއްވެސް ނޫނެވެ. އަންހެނެކެވެ. ދެވަނަ ފަހަރަށް އެމީހާ ގޮވާލުމުން ޝާނާއަށް އެމީހާއާ ކުރިމަތިލާން މަޖުބޫރިވިއެވެ. އެވަގުތު އެމީހަކު އައިސް އޭނާ ކައިރީގައި އިށީނދެލިއެވެ. ރާނިޔާ އެވެ.

" އަހަރެން އެންމެ ފުރަތަމަ ބޭނުންވަނީ މާފަށް އެދެން "ރާނިޔާ ވާހަކަދެއްކީ ލަދުވެތިކަމާ އެކީ މަޑުމައިތިރިކޮށެވެ.

"އަހަރެން އެގޮތަށް ކަންތައް ކުރީ މަޖުބޫރު ވެގެން. ހިއެއް ނުވޭ ދާރިޔާގެ ކިބައިން އަހަންނަށް ދުވަހަކުވެސް ސަލާމަތް ވެވޭނެހެނެއް، މިއޮތީ ޝާނާ ގެ ފޯނު." އިސްދަށަށް ޖަހާލުމަށްފަހު ރާނިޔާ ހިމޭންވިއެވެ. އަދި އަތުގައި އޮތް ބޮޑު ފޮތް ގެނެސް މޭގައި ޖައްސާ ބާރުކޮށްލިއެވެ. ދެލޯ މަރާލުމާއެކު ރާނިޔާއަށް ހަށިފުރާ ދިގު ނޭވާއެއް ބޭރުކޮށްލެވުނެވެ. އެއް އަތުން ކަރުގައި އަތްލެވުނީ އެކަރަށް ފެތެމެދުން ދާ މަޅިއަށް ވާންވެދާނެކަމުގެ ބިރާއެކުއެވެ. ހިޔާލާ ފިކުރުގެ ކަނޑަށް ގެބެން ފެށުމުގެ ކުރީން އޭނާ އެތަނުން ދާން ބޭނުންވިއެވެ.

" ރާނިޔާ ... އަހަރެން ހޮސްޕިޓަލަށް ގެންގޮސްދީފާނަންތަ. .ބުރަކަމަކަށް ނުވަންޏާ އަހަރެން ހޮސްޕިޓަލާ ހަމައަށް ގެންގޮސްދީބަ ޕްލީޒް" ޝާނާއަށް ވާހަކަދެއްކުނީ ގިސްލަމުން އަޅައަޅައިގެންނެވެ.

އެއަޑުގައިވާ ރިހުން އިވި ރާނިޔާގެ ހިތުގައި ބޭއިހްތިޔާރުގައި ޝާނާއަށްޓަކައި އެތަކެއް ކުލުނާއި ހަމްދަރުދީއެއް އުފެދިގެންދިޔައެވެ. އާނ އެކެވެ. އެއަންހެން ކުއްޖާ އަކީވެސް އަހަރެންފަދަ ނިކަމެތި ކުއްޖަކީމެވެ. އެހާލަތު އޭނާއަށް މަޖުބޫރުވެފައިވާ މިންވަރު ރާނިޔާއަށް ޝާނާގެ މޫނުމަތިން ދެނެގަނެވުނެވެ.

"ވާހަކަ އެއް އަހާލަންތަ، އަހަންނަށް ބުނެދީފާނަންތަ ތިވެގެން އުޅޭގޮތް ދާރިޔާގެ މިޝަން ކާމިޔާބު ކުރުމުގެ ކުރީގައި އަހަންނަށް ތިވެގެން އުޅޭ ގޮތެއް ކިޔާދީ އޭރުން މިކަމުގަ އަހަންނަށް އެހީއެއް ވެވިދާނެ އޭނަ ކުރާ ހުރިހާ ނުބައި ކަމެއްގަ އޭނަގެ ނިވާފަތްގަނޑަކަށް އަހަރެން ގެންގުޅޭނެ، ޝާނާ ޕްލީޒް މީވަރަށް މުހިންމު ވަގުތެއް ދާރިޔާއާ ކުރިމަތިލާން އަހަރެން ބޭނުން، އަހަރެން ބޭނުމެއް ނޫން ޒަކްވާންގެ ލޯބި އަހަރެންގެ އަތުން ބީވެގެންދާކަށް، އާދޭ އަހަރެން ހޮސްޕިޓަލަށް ގެންގޮސްދީފާނަން، އަހަންނަކީ ވަރަށް ގާތް މީހެއް ގޮތަށް ދެކިފާނަންތަ، އަހަރެންމީ ވަރަށް އެކަނިވެރި މީހެއް، ދާރިޔާގެ ރޭވުންތައް އަދިވެސް އޮތީ ކުރިއަށް އަހަރެން ބޭނުން އަހަރެމެން ދެމީހުން މިކަމުން ސަލާމަތްވާން" އަވަސް އަވަހަށް ރާނިޔާ ވާހަކަދެއްކީ ދެފަރާތަށް ބަލަމުންނެވެ.

ޒައުލްއަށް ކޮޓަރިއަށް ވަދެވުމާއެކު މުޅިހަށިގަނޑުގައި ނޭނގޭ ތުރުތުރެއް އުފެދި ހުރިދިމާއަށް ދެކަކުލުގެ ބާރުގެ މައްޗަށް ތިރިވިއެވެ. އޭނާގެ ހަޔާތުގައި މި އެޅުނީ ކޮންކަހަލަ ރޮނގެއް ހެއްޔެވެ؟ އިންތިހާއަށް ލޯބިވި މައުސޫމް މޫނެއްގެވެރި އެއަންހެން ކުއްޖާއަށްޓަކައި އޭނާ ހުރީ ފިދާވާންވެސް ތައްޔާރަށެވެ. ޖަޒްބާތުގެ އޮއިވަރު އައިސް އޭނާ ވަށާލިއެވެ. ނުރޯން މަސައްކަތްކުރި ނަމަވެސް އޭނާ މިހާރު ހީވަނީ ކުޑަކުއްޖެއްހެންނެވެ. އަޑުން އަޑުނަގައި ރޯއިރު ހީވަނީ އެއޮށްބޮޑު މީހާ ރޫޅިދާނެހެންނެވެ. އޭނަ އެންމެ ދެރަވަނީ އެހިތް އޭނަގެ އަތުން ބީވެގެން ދިޔަލެއް ފަސޭހަކަމުންނެވެ. މީ ކޮންފަދަ އިމްތިހާނެއް ހެއްޔެވެ؟

އޭނާގެ ހިތުގައި ސިފަވަމުންދަނީ ޝާނާގެ ހަނދާންތަކެވެ. އަޅެކީއްވެހެއްޔެވެ؟ އޭނާއަށް އަބަދުވެސް ޝާނާގެ ކަޅުކުލަ ގަދަ ދިގު އިސްތަށިގަނޑުގެ ތެރެއިން އެރީތި ދޮންމޫނު ފެންނައިރު ހީވަނީ އަލިވެގެންވާ އިރެއްހެންނެވެ. އެއިރަށް އިތުރު އަލިކަމާއި ފުރިހަމަކަން ގެނެސްދެނީ ކުދިއަންނާރު އޮއްތަކެއްފަދަ ދަތްތައް ދައްކާލުމާއެކު މަޑު ފިޔާތޮށި ކުލައިގެ ފިނިފެންމާ ފިޔައެއްފަދަ ދެތުންފަތުން ދޭ ހިނިތުންވުމެވެ. ޒައުލްގެ ހިތުގައި ޝާނާގެ ކޮންމެ އަދާއެއްވަނީ ބިންވަޅުނެގިފައެވެ. ދުވަހަކުވެސް މިވަރަކަށް އަންހެން ކުއްޖަކު ބޭނުންވެގެން އެހިތް ނުގޮވައެވެ. ހިތުގެ މުރާދު ފުރިހަމަވުމުން ހިތްހަމަޖެހުން ލިބެންވީ ވަގުތު ދުނިޔެ އޭނާ އާ މިކުރަނީ ކޮންފަދަ ސަމާސާއެއް ހެއްޔެވެ. ބޮލުގައި ދެއަތް އަޅައި އޭނާ އެނދުމައްޗަށް ވެއްޓިގަތެވެ.

ހަލަބޮލިވެފައިވާ ހޮސްޕިޓަލްގެ ތެރެއަށް ވަދެގެން ދިޔަ ޝާނާއަށް އެތަންވީ މަރުގެ ހަމަހިމޭންކަން ވެރިވެފައިވާ ތަނަކަށެވެ. ބައްޕަ އޮތް އެނދުގެ ކައިރިއަށް ގޮސް ހުއްޓިހުރެ ހިތްފުރެންދެން ރޯން އޭނާ ބޭނުންވިއެވެ.

"ޕޭޝަންޓްގެ ހާލު ވަރަށް ސީރިއަސް މިވަގުތު ވީ އައިސީޔޫއަށް މޫވްކުރެވިފައި"، ބެޑް ނަންބަރު 23ގެ ކައިރިއަށް ހުއްޓުނުތަނާ ނަރުހަކު އައިސް އެހެން ބުނުމުން ޝާނާ އިތުރަށް ފިނިވެގެން ދިޔައެވެ.

ރޮމުން ގިސްލަމުން ބައްޕާއޭ ކިޔާ ގޮވަމުން އޭނާ ދެކަކޫ މައްޗަށް ތިރިވިއެވެ. ނުރޯން ކިތަންމެ މަސައްކަތެއް ކުރިނަމަވެސް އޭނާއަށް ބާރަށް ރޮވެން ފެށިއްޖެއެވެ. ރާނިޔާ އައިސް އޭނާ ކޮޅަށް ނަގަން މަސައްކަތް ކުރިނަމަވެސް ޝާނާގެ ހިތަށް ކޮށްފައިވާ އަސަރުން މިވަގުތު އޭނާ މަސަލަސް ނުކުރެވޭނެކަން ރާނިޔާއަށް އެނގެއެވެ.

"އަހަރެން ބައްދަލުކޮށްލަން ބޭނުން، ހަމަ މިހާރު މިގަޑީގަ" ޒައުލްގެ އަޑުގައި ވީ ރުޅިވެރިކަމުން ރާނިޔާގެ ހިތް ކުދިކުދިވެގެން ދިޔައެވެ. އެކަމު ކުރާނީ ކީއްހެއްޔެވެ. މިއަދު ދުނިޔެއާ ކުރިމަތިލުން ނޫންގޮތެއް އޭނާއަކަށްވެސް ނެތެވެ. ހަފަރާތުން ބޯމަތިކޮށްފައިވާ ކަޅުވިލާތަކުން އަންނަ ވާރޭގެ ބޮޑެތި ތިކިތަކުން ބިމުގައި ފެންވަޅު ހެދޭހެން އެއިން ކޮންމެ ކަމަކުން އޭނާގެ ހިތް ޒަހަމް ކުރުވަމުންދިޔައެވެ. އެއްޗެކޭ ނުބުނެ ރާނިޔާ މަޑުކޮށްލިއެވެ. ފޯނުކަނޑާލުމަށްފަހު ޝާނާ އެކީގައި ހޮސްޕިޓަލްގައި ހުރި ކަމަށް ބުންޏެވެ.

ޒަކްވާން އަވަހަށް ރާނިޔާއާ ބައްދަލު ކުރުމަށް ބޭރަށްދާން ކޮޓަރިން ނިކުތެވެ. އޭރު އޭނާގެ ކޮޓަރީގެ ކުރިމައްޗަށްވާ ގޮތަށް އޮތް ހަނި ގޯޅި ކުރިމަތީގައި މާލިކު ދެކޮޅުދެކޮޅަށް ހިނގަ ހިނގާ ހުއްޓެވެ. ޒައުލްގެ ރުއިމުގެ އަޑު އެ ގޯޅިތެރޭގައި ހުންނައިރު ކިތަންމެ ރަނގަޅަކަށްވެސް މާލިކުއަށް އިވެއެވެ. ޒައުލްގެ ކޮޓަރިއަށް ވަދެވޭތޯ ޒަކްވާންވެސް އެތައް ފަހަރަކު މަސައްކަތް ކޮށްފިއެވެ. އެހެންކަމުން ޒަކްވާން ބެލީ ވެގެން އުޅޭގޮތް ރާނިޔާ ކައިރިން އޮޅުން ފިލުވުމަށްފަހު ޒައުލްގެ ހިތާމަތަކަށް ލުޔެއް ލިބޭނެ މަގެއް ފަހި ވޭތޯއެވެ. މާލިކު ހުރީ ޒައުލް އަމިއްލަ ހަށިގަނޑަށް ގެއްލުމެއް ދީފާނެތީ އިންތިހާއަށް ކަންބޮޑުވެފައެވެ. ޔަގީންވާ ކަމަކީ އެއްކަމެކެވެ. އެއީ މިރޭ ކިއްކުރަން ހެއްޔެވެ މާދަން ވެސް ޒައުލް ކޮޓަރީގެ ދޮރެއް ނުހުޅުވާނެއެވެ.

"ބައްޕާ އެބައަންނަން ރާނިޔާއާ ބައްދަލުކޮށްލާފަ، އަހަރެން ބޭނުން ދޮންބެގެ ހިތާމަތަކަށް ލުޔެއް ލިބެން ދުވަހަކުވެސް ދޮންބެ އަންހެން ކުއްޖެއް ދެކެ އެހާ ލޯތްބެއް ނުވޭ އަހަންނަށް ހަމަ ޔަގީން އެގޮތަށް ކަންތައް ކުރުމުގެ ފަހަތުގައި އެއަންހެން ކުއްޖާއަށް ކޮންމެވެސް މަޖުބޫރީ ކަމެއް ކުރިމަތިވެފައިވާ ކަމަށް، އަޅެ ނޫންތަ ބައްޕަ އަކަށް ހިއެއް ނުވޭތަ... އަހަރެންގެ ހިތް ބުނަނީ އެހެން ޒަކްވާން ވާހަކަދެއްކީ މާލިކުގެ ހާސްކަމަށް ލުޔެއް ލިބޭތޯއެވެ. ނަސީބަކުން އޭނާގެ ވާހަކަތަކަށް މާލިކު ވަރަށް އަވަހަށް އެއްބަސްވިއެވެ. މީގެ ކުރިން މާލިކުއަށް ހުރީ ޝާނާ ދެކެ އިންތިހާއަށް ރުޅި އާދެވިފައެވެ. އެހެންނަމަވެސް ޒައުލް އެބުނި އެއްޗަކާމެދު މާލިކު ރަނގަޅަށް ވިސްނާލިއެވެ. އާނ އެކެވެ. މީ ކަންނުވެ ނަންވާ ޒަމާނެކެވެ. ފައިސާވެރިންގެ މުށުތެރޭގައި މައުސޫމު އަންހެން ކުދިން ގެންގުޅޭ ޒަމާނެކެވެ. އެހެން ކަމަށް ވަންޏާ ޝާނާއަށް ކުރިމަތިވެފައިވަނީ ކޮންފަދަ މަޖުބޫރީ ކަމެއް ބާވައެވެ. ޒައުލްގެ ހިތާމަތަކަށް ލުޔެއް ދޭން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން މާލިކު ބޭނުންވިއެވެ. އަދި ޒައުލް ގާތު އަވަހަށް ދިއުމަށް ބުންޏެވެ. ދިއުމުގެ ކުރިން މާމަގެ ކޮޓަރިއަށް ވަދެލަން ޒަކްވާން ބޭނުންވިއެވެ. ބިއްދޮށަށް ވާގޮތަށް އެނބުރި އޮތް އަމީނާގެ ހަށިގަނޑު އަނަރޫފަވެފައިވާ މަންޒަރު ފެނި ޒައުލްގެ ލޮލުން ކަރުނަ ފޭދުނެވެ. އޭނާ ގޮސް މަޑުމަޑުން އަމީނާގެ މަގަތުން އެނދުގައި އިށީނދެލިއެވެ. ކޮންމެ ކަމެއް ކުރުމުގެ ކުރިންވެސް ދާރިޔާއާ މާލިކުއަށް ވުރެ ބޮޑަށް އޭނަ މާމަގެ ލަފަޔަށް އެދެއެވެ. އެއީ އަމީނާ އިންތިހާއަށް އުފާވާ ކަމެކެވެ.

އައިސީޔޫ ރޫމްގެ ދޮރާދިމާއަށް ބަލަހައްޓައިގެން ހުރި ޝާނާއަށް ހީވަނީ ދެންމެ ދެންމެ ބައްޕަ ކަފުނަށް ލާން ނެރެފާނެހެންނެވެ. އޭނާގެ ދުނިޔެއަށް މަރުގެ ހިމޭންކަން އައިސްފައިވާ ކަހަލައެވެ. ކުއްލިއަކަށް އައިސީޔޫ ރޫމްގެ ދޮރު ހުޅުވިއްޖެއެވެ. އެތަނުން ނިކުތް ޑރ. ކަމާލްގެ ނަޒަރު ފުރަތަމަވެސް ހުއްޓުނީ ޝާނާއާ ދިމާއަށެވެ. ޝާނާއަށްވެސް އެތަނުން ނިކުމެގެން އެއަންނަ މީހެއްގެ މޫނަށް ބަލައިލެވުނެވެ. އެއާއެކު އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ޝާނާގެ ހިތް އިތުރަށް ތެޅިގަތެވެ.

(ނުނިމޭ)