ދިވެހި ރާއްޖޭގައި އިސްލާމް ދީނު ކުރިއަރުވައި ދީނީ ރޮނގުން ގިނަ މަސައްކަތްތަކެއް ކުރުމަށްޓަކައި ސައުދީ އަރަބިއްޔާ ސަރުކާރުގެ އިސް ވަފުދެއް ރާއްޖެ ވަޑައިގެންފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެ ދަތުރުފުޅަކީ ސައުދީ ސަރުކާރުގެ އިސްނެގުމުގެ މަތީން ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އެ ދަތުރުފުޅުގައި ސައުދީ ސަރުކާރުން ވަޑައިގެން ވަފުދުގައި އެގައުމުގެ އިސްލާމިކް މިނިސްޓަރުގެ ނައިބު ޑރ. އަބްދުﷲ މުހައްމަދު އަލް ސަމެލް ހިމެނިވަޑައިންނަވައެވެ.
އެ ދަތުރުފުޅުގެ އަމާޒަކީ ރާއްޖެއާއި ސައުދި އަރަބިއްޔާއާ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހި ކުރުމާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި މިސްކިތްތައް އެޅުމާއި މަރާމާތު ކުރުމާއި ހަރުކަށި ފިކުރުތަކުން ރާއްޖޭގެ މުޖްތަމަޢު ސަލާމަތް ކުރުމާއި ދީނަށް ހުރި ތަފާތު ގޮންޖެހުން ތަކަށް ހައްލު ހޯދުމުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
އެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ސައުދީ ސަރުކާރުގެ އިސް ވަފުދު އެނބުރި ގައުމަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުގައެވެ.