ކޮލަމް

ޔަޘްރިބުގެ އުދަރެސް އިސްލާމީ ފަތިހަކަށް ދޮންކޮށްލުން - 2

އަބްދުﷲ ފާރޫގް ހަސަން

1

ޢައުސުވަންހަޔާއި ޚަޒުރަޖުވަންހަޔަށް ސިޔާސީގޮތުން ލިބުނު ބަލިކަށިކަމާއި، އިޤްތިޞާދީ ގޮތުން އެދެވަންހަ އަނަރޫފަވެގެންދިޔަލެއް ބޮޑުކަމުން އެބައިމީހުންގެ ހިތްތަކުގައިވަނީ ޔަހޫދީންގެ މަތިވެރިކަމާއި ތިމާމެންގެ ނިކަމެތި ކަމުގެ އިހްސާސް އުފެދިފައެވެ. ޔަހޫދީންގެ ދީނާމެދުވެސް ގަދަރުއުފެދިފައެވެ. އެދީނަކީ ތިމާމެެންގެ ދީނަށްވުރެ މަތިވެރި ދީނެއްކަމުގެ ވިސްނުން އަށަގެންފައެވެ. ޔަހޫދީން އެބައިމީހުންގެ އިލްހާމީފޮތް އޮޅުވައި ބަދަލުކުރިފަދައިން އެބައިމީހުންގެ ދީނުގެ ރޫފަވެސް އޮތީ ހުތުރުކޮށްފައެވެ. އެހެންކަމާއެކުވެސް އެބައިމީހުންގެ ދީން ބުދަށް އަޅުކަންކުރުމަށްވުރެ ހާސްބައި ރަނގަޅެވެ. ޔަހޫދީން ދައުވާކުރާ ތައުހީދަކީވެސް ޚާލިސް ތައުހީދެއް ނޫނެވެ. އެކަމަކުވެސް އިސްވެދެންނެވިފަދައިން ޝަރީކުކުރުމާއި ބުދަށް އަޅުކަންކުރުމަށްވުރެ އެބައިމީހުންގެ އެތައުހީދު ޙައްޤާ ގާތްކަންބޮޑެވެ. އެހެންކަމުން އައުސުވަންހަޔާއި ޚަޒުރަޖުވަންހައިގެ މީހުންގެ ހިތްތައްވަނީ ތައުހީދުގެ ފަރާތަށް ލެނބޭންފަށައިފައެވެ.

ނަޞާރާއިންނެކޭ އެއްފަދައިން ޔަހޫދީންވެސް ތިބީ އެބައިމީހުންގެ ދީނީ ފޮތްތަކުގައި އެނަބީބޭކަލެއްގެ އުފާވެރި ޚަބަރު އައިސްފައިވާ ނަބިއްޔާ ފާޅުކުރެއްވުމަށް އިންތިޒާރުކޮށްކޮށެވެ. އެހެންކަމުން ޔަހޫދީން އެބައިމީހުންގެ އަވަށްޓެރި ބުދު ދީނުގެ އައުސުވަންހައާއި ޚަޒުރަޖުވަންހައިގެ އަރަބީން ބިރުގަންނަވަމުން ގެންދިޔައެވެ. އެމީހުންބުނެ އުޅުނެވެ. "ނިކަން ވިސްނައިގެންތިބޭށެވެ. ދާދި އަވަހަށް ނަބީބޭކަލަކު ފާޅުކުރައްވައިފާނެއެވެ. އެބޭކަލަކު ފާޅުކުރައްވާނެ ދުވަސްވަރު ވަރަށް ގާތްވެއްޖެއެވެ. އަހަރެމެން އެބޭކަލަކަށް ތަބާވާނޫއެވެ. އެބޭކަލަކާ ބައިވެރިވެގެން ތިޔަބައިމީހުން ހަލާކުކޮށް ނައްތައިލާނޫއެވެ. ޢާދުބާގަ އާއި ޘަމޫދު ބާގައިގެމީހުން ހަލާކުވިފަދައިންނެވެ. "

ބުޢާޘު ހަނގުރާމައާވިދިގެން ދާޚިލީ ގޮތުންނާއި ޚާރިޖީގޮތުން ޔަޘްރިބުގެ މުޖުތަމައަށް ފޯރި މިދެންނެވި އަސަރުތަކުގެ ސަބަބުން އިސްލާމީ ތަހްރީކުޤަބޫލު ކުރުމަށާއި، އެތަހްރީކުގެ މަރުކަޒަކަށްވުމަށް ޔަޘްރިބުގެ މަސްރަހު އޮތީ ތައްޔާރުވެފައެވެ. ހަމައެފަދައިން ބުޢާޘު ހަނގުރާމައިގެ ސަބަބުން އިސްލާމީ ތަހްރީކަށް ގޮންޖެހުމެއްވެސް ކުރިމަތިވިއެވެ. އެކަމަށްވެސް އަލިއަޅުވައިލުމަކީ ބޭނުންތެރި ކަމެއްކަމުގައި ދެކެމެވެ.

ބުޢާޘު ހަނގުރާމަ ވެފައިވަނީ ވަރަށް ދިގުލީ ހަނގުރާމައެއްކަމުގައެވެ. ދެފަރާތުގެވެސް ހިންމަތްތެރިކަން ނެތިގެންގޮސް ކެތްތެރިކަން ކޮޅުންލި ހަނގުރާމައެއްކަމުގައެވެ. އެހެންކަމުން އައުސުވަންހައާއި ޚަޒުރަޖުވަންހައާއި ދެވަންހަވެސް ލޮޑުވެގެން އެންމެފަހުން ހަނގުރާމަ ހުއްޓާލައި ދެފަރާތް ސުލްޙަވިއެވެ. އެއަށްފަހު ދެބައިމީހުންގެ އެކުވެރިކަމާއި އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި ރަސްކަލަކު އިސްކުރާން އެއްބަސްވިއެވެ. ދެފަރާތުން އެއްބަސްވީ ޚަޒުރަޖުވަންހައިގެ ބޮޑުންކުރެން އަބްދުﷲ ބިން އުބައްޔު ބިން ސަލޫލު ރަސްކަމަށް އިސްކުރުމަށެވެ. އެގޮތުން އޭނާގެ ބޮލުގައި ތާޖުބެހެއްޓުމުގެ ރަސްމިއްޔާތަށް ތައްޔާރުވާންފެށިއެވެ. މަދީނާގައި އިސްލާމީ ތަހްރީކު ހިނގައިގަނެ މުހާޖިރުން މަދީނާއަށް ވަޑައިގަންނަވާން ފެއްޓެވީ އެދުވަސްވަރުއެވެ. އިސްލާމްދީނުގެ ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމަވެސް މާގިނަ ދުވަސްތަކެއް ފާއިތުވެނުދަނީސް ވަނީ މަދީނާއަށް ފައިންޕުޅު ބީއްސަވައިފައެވެ. އެހައިތަނުން އައުސުވަންހަޔަށާއި، ޚަޒުރަޖުވަންހަޔަށް ރޫޙާނީ، ސިޔާސީ، ދީނީ، އިޖްތިމާޢީ، އިޤްތިޞާދީ ވަރުގަދަ އިންޤިލާބެއް އަތުވެއްޖެއެވެ. ހަމައެއާއެކު މަދީނާގައި އިސްލާމީ ދައުލަތެއްގެ ބިންގާވެސް އެޅިއްޖެއެވެ. ނަތީޖާއަކަށްވީ އަބްދުﷲ ބިން އުބައްޔު ބިން ސަލޫލު ރަސްކަމަށް އިސްކުރުމުގެ ހަރަކާތްހުއްޓުމެވެ. އޭނާ ދެކެމުންއައި ރަސްކަމުގެ ހުވަފެން ބިލާހަކަށްވުމެވެ. މިއީ އަބްދުﷲ ބިން އުބައްޔު ބިން ސަލޫލަށް އޭނާގެ މަރުދުވަހާ ހަމަޔަށްވެސް ހަނދާން ނައްތައިނުލެވުނު ހިތިހިތާމައެކެެވެ. މަދީނާގައި ނިފާގުގެ ޙަރަކާތް އުފަންވެ އަބްދުﷲ ބިން އުބައްޔު ބިން ސަލޫލު މުނާފިޤުންގެ ރައިސަކަށްވީ އެ ޙާދިޘާގެ ސަބަބުންނެވެ.

އިތުރު ހިތްވަރުފުޅާއި އަޒުމުފުޅުގައި

ކައުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޠާއިފުގެ ދަތުރުފުޅާބެހޭގޮތުން އަޅުގަނޑު ލިޔުނު ލިޔުމެއްގައިވެސް ދަންނަވައިފައިވާނޭ ފަދައިން އިތުރު ސާހިބާގެ ލޮބުވެތި ބޮޑުބޭބޭފުޅު އަބޫޠާލިބުގެފާނާއި، އެމާތްސާހިބާގެ ނިއަނެތި އަނބިކަނބަލުން އުއްމުލް މުއުމިނީން އައްސައްޔިދާ ޚަދީޖަތުލް ކުބުރާ ރަޟިޔަﷲ އަންހާ އަވަހާރަވުމަކީ އެމާތްސާހިބާގެ ޙަޔާތްޕުޅަށް ހިޔަނިއެޅި ހިތާމަވެރި އިންޤިލާބެކެވެ. އަބޫޠާލިބުގެފާނު އަވަހާރަވެ ހާޝިމުވަންހައިގެވެރިކަން އަބޫލަހަބަށް ލިބުމަކީ ވަގުކަލޭގެއަށް ފަނޑިޔާރުކަން ލިބުމެވެ. އޭނާވަނީ ކައުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަ އާއިލާގެ ޙިމާޔަތުން މަހްރޫމުކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މައްކާގެ އަހްލުވެރިންގެ އަނިޔާއާއި ދުއްތުރާތައްވަނީ އިންތިހާޔަށް ބޮޑުވެފައެވެ. ނަމަވެސް އިތުރު ސާހިބާ ގެންދެވީ އެމާތްސާހިބާގެ ދަޢުވަތުގެ ހަރަކާތް ހައްތާވެސް ވަރުގަދަކުރައްވަމުންނެވެ. އިތުރު ކުރައްވަމުން ވަރުއަރުއްވަމުންނެވެ. މައްކާ އާއި މައްކާގެ ކައިރީގެ އެކި ހިސާބުތަކުގައި ބޭއްވޭ މަހާސަމާތަކަށާއި، ބާޒާރުތަކަށް ވަޑައިގެން އިހުނަށްވުރެވެސް ވަރުގަދަ ޖޯޝަކާއެކު ދީނަށްގޮވައިލެއްވުމުގެ ހަރަކާތްތައް ހިންގަވަމުންގެންދެވިއެވެ. އަރަބިކަރައިގެ ކަންކޮޅުތަކުން ހައްޖަށް އަންނަ މީހުންނާ ބައްދަލުކުރައްވައި ދީނަށްގޮވައިލެއްވުމުގައި ވެސް ހީވާގިފުޅުކަން އިތުރުކުރެއްވިއެވެ. ފަރީއްކުޅުއްވުމަކަށް ރޭނގަޑުގެ އަވަހާރަޕުޅު ލެއްޕެވުމަކަށް ދުވާލުގެ ވަރުބަލިފުޅު ފިލުއްވެވުމަކަށް މަޑުކުރެއްވުމެއްނެތި މަސައްކަތްޕުޅުގައި ވަގުތު ހޭދަކުރައްވަމުން ގެންދެވިއެވެ. އިތުރުސާހިބާގެ ހިތްޕުޅުގައި އުފެދިފައިވާ ޢިލާހީ އިޝްޤުވަނީ އޭގެ އެންމެ އުހަށް އުފުލިފައެވެ. އިތުރު ސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަޔަށް މުޝްރިކުންގެ ފަރާތުން ކުރިމަތިވަމުންދާ އަނިޔާތަކާއި، އިހާނެތިކަން ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާއިރު ހަޔާތްޕުޅުގެ ބައިވެރިޔެއްގެ އެހީފުޅުންވެސް މަހްރޫމުވެ ވަޑައިގެންފައިވާތީ ސަހާބީންވެސް ތިއްބެވީ ނުހަނު މޮޅިފުޅުންނެވެ. ނިހާޔަތަށް ފިކުރުފުޅު ބޮޑުވެފައެވެ. ނަމަވެސް ސަމުގާގެ މާގަނޑު ގަހާޔަށް ހުއްޓިފައި ހުންނަފަދައިން އިތުރުސާހިބާގެ ވިސްނުންފުޅު ހުއްޓިފައިވަނީ އެންމެކަމެއްގެ މައްޗަށެވެ. އިސްލާމީ އިންޤިލާބު ކޮންމެވެސް ގޮތަކުން ކާމިޔާބު ކުރެއްވުމުގެ މައްޗަށެވެ. މިނިވަންކަމާއި، އުޚުއްވަތާއި، ހަމަހަމަ ކަމުގެ ނިއުމަތް އިންސާނިއްޔަތަށް ހޯއްދަވައިދެއްވުމުގެ މައްޗަށެވެ.

ކައުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ މަޤްޞަދު މާތެވެ، މަތިވެރިޔެވެ. އަޒުމުފުޅު ވަރުގަަދައެވެ. އިސްލާމީ ދައުވަތު ކުރިއެރުއްވުމަށް ފިކުރުފުޅު ހިންގަވައި، އަމަލީމަސައްކަތްޕުޅު ކުރިޔަށްގެންދެވީ އެންމެ ހަލުވިބާރުމިނުގައެވެ. އެމާތްސާހިބާގެ ހިތްޕުޅުވަނީ އެމާތްސާހިބާގެ އިންޤިލާބީ ދައުވަތު ކާމިޔާބުވާނެކަމުގެ ޔަޤީންކަމުން ފުރިފައެވެ. ޝައްކެއްނެތެވެ. އިންޤިލާބީ ހަރަކާތްތެއްގެ ކާމިޔާބީގެ ސިއްރަކީ މަޤްޞަދު ކާމިޔާބުވުމާމެދު އޮންނަ ޔަޤީންކަމެވެ.

އިތުރުސަހާބީންވެސް އެބޭކަލުންގެ ދައުވަތުގެ މަސައްކަތްޕުޅު ނުހަނުބަރާބަރަށް ކުރިޔަށް ގެންދެވިއެވެ. މައްކާގެ މަސްރަހު އޮތްގޮތުން ފާޅުގައި ހަރަކާތްތެރިވެވަޑައިނުގެންނެވުނު ކަމުގައިވިޔަސް އެބޭކަލުންގެ މަސައްކަތްޕުޅު އަޑިއަޑީން ވަރުގަދަކުރައްވަމުން ގެންދެވިއެވެ. އެބޭކަލުންގެ ގާއިދު ޞައްލަﷲ ޢަލައިހިވަސައްލަމަ ފަދައިން އެބޭކަލުންގެ ވެސް ހަޔާތްޕުޅުގައި އޮތީ އެންމެ މަޤްޞަދެކެވެ. ވީހައިވެސްއަވަހަކަށް އިންސާނީ ހަޔާތަށް އިސްލާމީ އިންޤިލާބު ގެންނެވުމެވެ. ބުދަށް އަޅުކަންކުރުމާއި ޝިރުކާއި، ހުއްދަނޫންފައިދާ ހޯދުމުގެ ނިޒާމު އިންދިރާސްކޮށްލެއްވުމެވެ. އޭގެ ބަދަލުގައި އިސްލާމްދީނުގެ ރަހްމަތާއި އަމަން އަމާންކަމުގެ ނިޒާމު ޤާއިމުކުރެއްވުމެވެ.

އެބޭކަލުންގެ މަސައްކަތްޕުޅަށްވެސް ފާޅުކަންބޮޑު ކާމިޔާބީތަކެއް ލިބިވަޑައިގަންނަވަމުންނެއް ނުދެއެވެ. ނަމަވެސް އެބޭކަލުން އަޑިއަޑީން ހިންގަވަމުން ގެންދެވި އިންޤިލާބީ ހަރަކާތުންވެސް އަޑިއަޑީން ނަަތީޖާތަކެއް ހާޞިލުވަމުންދިޔައެވެ. ބިމުގެ އަޑީން ހިނގަމުންދާ ސައިލެއް އިމާރާތްތަކުގެ ބިންގާ ދޯހަޅިކޮށްލާފަދައިން ޤުރައިޝުންގެ އިޖްތިމާއީ ނިޒާމާއި، އިޢުތިޤާދީ ނިޒާމުގެ ބިންގާ މަޑުމަޑުން ދޭސީ ކުރުމުގައި މުހިންމު ދައުރެއް އަދާކުރިއެވެ. އެހެންކަމުން އިސްލާމީ ދައުވަތުގެ މުސްތަޤްބަލުގެ ކާމިޔާބީގައި ސަހާބީންގެ ތަހްރީކުގެ ދައުރު ވަރަށް ފުޅާ ކަމުގައި ޤަބޫލުކުރާންޖެހެއެވެ.

ސަހާބީންނަކީ އިސްލާމީ އިންޤިލާބުގެ ތެދުވެރި ބައިވެރީންނެވެ. އިޚްލާސްތެރި މެމްބަރުންނެވެ. އެބޭކަލުން އިސްލާމީ ތަހްރީކުގައި ބައިވެރިވެވަޑައިގަންނަވަމުން ގެންދެވީ ނުހަނު ފޯރި އާއި ޖޯޝާއެކުގައެވެ. އެބޭކަލުންގެ ރީތި ޚުލުޤުފުޅާއި، އެބޭކަލުންގެ މަޤްސަދާ މެދު އެ މާތް ހިތްޕުޅުތަކުގައި އޮތް ހަންހާރަވެތިކަމުން ޤުރައިޝުން ހިތްތަކަށްވެސްދިޔައީ އަސަރުފޯރަމުންނެވެ. އެހެންކަމުން ޤުރައިޝުންގެ ހިތްތަކުގައި އެބައިމީހުންގެ ޝިރުކުގެ ޢަޤީދާގެ ސައްޙަކަމާމެދު އައީ ޝައްކުއުފެދެމުންނެވެ. އެޝައްކު ހިމެނުނީ އެބައިމީހުންގެ އަޤީދާ ވަޅޯކޮށް އޭގެ އާރާއި ބާރު ކަނޑުވައިލި ސަބަބެއްކަމުގައެވެ.

(ނުނިމޭ)