ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އއ. އަތޮޅު އުކުޅަސް ކައުންސިލު މެމްބަރުންނާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ރައީސް އެރަށު ކައުންސިލުގެ މެމްބަރުންނާ މިއަދު މެންދުރުފަހު ބައްދަލުކުރައްވާފައިވަނީ ރައީސް އޮފީހުގައެވެ.
އެ ބައްދަލުވުމުގައި ކައުންސިލުން ރަށުގެ ތަރައްގީއަށް ރާވާފައިވާ މަސައްކަތްތަކާއި ރަށުގެ އިގްތިޞާދީ ނަފާ އިތުރުކުރުމަށް ރާވާފައިވާ ކަންތައްތަކުގެ މައުލޫމާތު ރައީސް ސޯލިހަށް އެރުއްވިއެވެ.
އަދި އެގޮތުން މިއަހަރުގެ މިއަހަރުގެ އޮގަސްޓު 26 އިން 28 އަށް ބްރެޑްފޯރޑް ޔުނިވަރސިޓީގެ ފަރާތުން އުކުޅަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރނޭޝަނަލް އާޓިފިޝަލް އިންޓެލިޖެންސް ކޮންފަރަންސް ބޭއްވުމަށްޓަކައި ރަށުގައި ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުންވެސް ވަނީ މައުލޫމާތު ހިއްސާކުރައްވައިފައެވެ.
އެ ބައްދަލުވުމުގައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި، އުކުޅަހުގެ ތަރައްގީއަށް އެރަށު ކައުންސިލުން ވަމުންދާ ހިއްސާ ފާހަގަކުރައްވައި، ރަށް ކުރިއެރުވުމުގައި މިހާރަށްވުރެވެސް ބޮޑަށް އިސްނަގައިގެން މަސައްކަތް ކުރެއްވުމަށް އުކުޅަހު ކައުންސިލަށް ހިތްވަރު ދެއްވިއެވެ.