މިއަހަރުގެ ޖުލައި މަހުގެ 19 އިން އެމަހުގެ 28 އަށް މޮރިޝަސްގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ފަރާތުން ރަސްމީކޮށް ދައުވަތު އަރުވައިފައެވެ.
އެމަނިކުފާނަށް މިއަދު މިދައުވަތު އެރުވީ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ މެންބަރުންނާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު މިއަދު ކުރެއްވި ބައްދަލުވުމުގެ ތެރެއިންނެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މިބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ މެންބަރުން ވަނީ އެބޭފުޅުން ބޭނުންފުޅުވާ ބައެއް މުހިންމު ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވައި، އެ ކޮމިޓީގެ މަސައްކަތްތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވައިފައެވެ.
މިގޮތުން، މިއަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ ފަރާތުން 10 ކުޅިވަރެއްގައި ބައިވެރިވާނެ ކަމުގައި މެންބަރުން ހާމަކުރެއްވިއެވެ.
މީގެއިތުރުން 2023 ވަނަ އަހަރު ރާއްޖޭގައި އިންޑިއަން އޯޝަންސް އައިލެންޑް ގޭމްސް ބޭއްވުމަށް ފުރުސަތު ލިބިފައިވާތީ އެކަމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މެންބަރުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި އޮލިމްޕިކް ކޮމިޓީގެ މެންބަރުން ވަނީ އޮލިމްޕިކް ކޮމިޓީއަށް ބިމެއް ކަނަޑައަޅުއްވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދިވަޑައިގެންފައެވެ.