ދުނިޔެ

ދުނިޔޭގެ އެއްމެ ކުރު މަންމަ އުމުރުން 44 އަހަރުގައި މަރުވެއެޖެ

މުހައްމަދު އައުޒަމް

މަދުން ނޫނީ ނުފެންނަ ޖެނިޓިކް މައްސަލައެއްގެ ސަބަބުން އިސްކޮޅުގައި ދެ ފޫޓު ހަތަރު އިންޗި ހުންނަ ސްޓޭސީ ހެރަލްޑް މަރުވީ އަޖައިބު ކުރުވަނިވި ހަޔާތެއް ފުރިހަމަ ކޮށްފައެވެ. ސްޓޭސީ އަށް ދިމާވި ސިްހީ މައްސަލަތަކުގެ ސަބަބުން އޭނާގެ ހެދިބޮޑުވުމަށް ބޮޑެތި އަސަރުތަކެއް ކުރިއެވެ.

ފުއްޕާމޭ ފުރިހަމައަށް ނުއުފެދުމުގެ ސަބަބުން ނޭވާލުމުގެ މައްސަލަތައް ކުރިމަތިވަމުން ދިޔައެވެ. އަދި ކަށިތައް ބަލިކަށިވުމުން ބޮޑެތި އުނދަގޫތަކާ ކުރިމަތިލިއެވެ. މިކަމުގެ ސަބަބުން ދަތި އުނދަގޫ ހަޔާތެއް އޭނާ ފުރިހަމަކުރަން ޖެހުނެވެ.

ސްޓޭސީގެ އާދަޔާ ހިލާފު ދިރިއުޅުން ސިފަކުރެވިގެން ދިޔައީ މުޢުޖިޒާތެއް ގޮތުގައެވެ. ޑޮކުޓަރުން އޭނާގެ ސިއްޙީ ހާލު ތަންނުދޭތީ ދަރިޔަކު ނުހޯދުމަށް ވެސް ލަފާދިނެވެ. ސްޓޭސީ ބަނޑުބޮޑު ވެއްޖެނަމަ އެތެރެހަށީގެ ގުނަވަންތަކަށް ނުރައްކާވާނެ ކަމަށް ޑަކުޓަރުން ދިޔައީ ބުނަމުންނެވެ. ބަނޑުތެރޭގައިވާ ދަރިފުޅު މާބޮޑުވެއްޖެނަމަ ސްޓޭސީގެ ފުއްޕާމެޔާއި ހިތް ފިތުމުގެ ނުރައްކާ ބޮޑުކަމަށް ޑަކުޓަރުން ބުނެފައިވެއެވެ.

ސްޓޭސީ އަށް ތިން އަހަރުތެރޭ ތިން ދަރީން ލިބިފައިވާއިރު ދޮށީ ދެކުދިން ވިހެއުމުގައި އުނދަގޫ ތަކެއް ނުޖެހުނެެވެ. ނަމަވެސް 2010 ވަނަ އަހަރު އެންމެ ހަގުކުއްޖާ ވަނީ ހާލުދެރަވެގެން އެންމެ އަށް ހަފުތާ ތެރޭ ސިޒޭރިން ހަދައިގެން ބަނޑުން ނަގަން ޖެހިފައެވެ. ސްޓެސީ އަށް މިކަމުގެ ދަތި އުނދަގޫ ތަހައްމަލުކުރަން ޖެހުނެވެ.

ސްތޭސީއަށް ޖެހިފައިވާ ޖެނެޓިކް މައްސަލަ އޭނާގެ ކުދިންނަށް ވާރުތަވެދާނެ ކަމަށް ލަފާކުރެވުނެވެ. އަދި ޓެސްޓުތަކުން ދެއްކިގޮތުން އެންމެ ދޮށީ ދަރި މަލަޗީ ގެ ހަށިގަނޑުން އަލާމާތް ތައް ފެނުނެވެ. މަލަޗީ ބޮޑުވަމުން އަންނަވަރަކަށް އުނދަގޫ ކުރިމަތިވާނެ ކަމަށް ޑަކުޓަރުން ލަފާކުރެއެވެ.
ސްޓޭސީގެ އުނދަގޫ ހަޔާތާ އަސަރުން ފުރިގެން ވާދުވަސްތަކުން އޭނާއަށް ލިބިފައި ވަނީ އާދަޔާ ހިލާފު ހިއްވަރެކެވެ. އަދި އޭނާގެ ދަރިން ވެސް އެހިއްވަރު ލިބިގަންނާނެކަމަށް އޭނާވަނީ ބުނެފައެވެ.