ޚަބަރު

ދެ ފަނޑިޔާރުންނާއި ހަސަން ސައީދުގެ މައްޗަށް އުފުލި ރިޝްވަތުގެ ދައުވާ ވެސް ބާތިލްކޮށްފި

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ކުރީގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު މައްޗަށް އުފުލި ރިޝްވަތު ހިފިކަމުގެ ދައުވާ ބާތިލްކޮށްފިއެވެ.

އަބްދުﷲ ސައީދާއި އަލީ ހަމީދު އަދި ހަސަން ސައީދު ރިޝްވަތު ހިފިކަމުގެ ހެކި ދައުލަތުން ހުށަހަޅާފައިނުވާތީ އެ ތިން ބޭފުޅުންނަށް ކުރާ ދައުވާ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް ވަނީ ބާތިލްކޮށްފައެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމާއި އަބްދުﷲ ސައީދާއި އަލީ ހަމީދު އަދި ހަސަން ސައީދަށް ރިޝްވަތު ދިން ކަމުގެ ހެކި ދައުލަތުން ހުށަހަޅާފައިނުވާތީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ވަނީ ސިޔާދަށް ކުރާ ދައުވާ ވެސް ބާތިލްކޮށްފައެވެ.

އަބްދުﷲ ސައީދާއި އަލީ ހަމީދު އަދި ހަސަން ސައީދަކީ ފެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ތިން ބޭފުޅުންނެވެ. އަބްދުﷲ ސައީދާއި އަލީ ހަމީދު އަދި ހަސަން ސައީދު ހައްޔަރުކޮށްފައިވަނީ އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާއެކު ވެރިކަން ވައްޓާލަން އުޅުމާއި ރިޝްވަތުގެ ތުހުމަތުގައެވެ.

އެ ތުހުމަތުތައްކޮށް މައްސަލައިގެ ތަހުގީގު ފެށީ، ސިޔާސީ ލީޑަރުންތަކެއް ދޫކޮށްލަން ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ސޮއި ކުރައްވައި އަމުރެއް ނެރުއްވުމާ ގުޅިގެންނެވެ. އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ހައްޔަރުކުރުމާއެކު، ސުޕްރީމް ކޯޓުގެ އަނެއް ތިން ފަނޑިޔާރުން ވަނީ ސިޔާސީ ލީޑަރުން ދޫކޮށްލަން ކުރި އަމުރު ބާތިލްކޮށްފައެވެ.

މިއަހަރުގެ ފެބްރުއަރީ މަހު ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް)ގެ ހިދުމަތް ސުޕްރީމް ކޯޓުން ކަނޑާލަން އަބްދުﷲ ސައީދު އެންގެވި މައްސަލައިގައި އަބްދުﷲ ސައީދު ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިމަހުގެ އަށްވަނަ ދުވަހު ހުކުމްކޮށްފައިވާ އިރު، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ބުނެ ކުރި ދައުވާގައި އަބްދުﷲ ސައީދާއި އަލީ ހަމީދު، އެއް އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށްލުމަށް ހުކުމެއް އައިސްފައިވެއެވެ.

ޤާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވުމާ ގުޅިގެން ހަސަން ސައީދު ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ. ހަސަން ސައީދުގެ މައްޗަށް ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ފެބުރުއަރީ މަހުގެ ހަތަރުވަނަ ދުވަހުގެ ފަތިހުން ފެށިގެން ރިޝްވަތުގެ މައްސަލައެއްގެ ތުހުމަތުގައި ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން، ފުލުހުން އޭނާ ހޯދުމަށް ކުރި މަސައްކަތުން އޭނާ ފެނިފައި ނުވާތީއާއި، އޭނާ ހޯދާކަން އެނގިހުރެ ފުލުސް އޮފީހަށް ހާޒިރުވެފައި ނުވާތީ ކަމަށް ބުނެއެވެ.