ފުރާނަދަންދެން

ފުރާނަދަންދެން - 06

3

"އާނ... އެއީ އޭނަގެ ފިރިމީހާ. ދެން އެއީ އޭނާގެ ދަރިފުޅު. އޭނަ އެދެމީހުން ދެކެ ވަރަށް ލޯބިވާނެ. މިދުވަސް އޭނައަށް ދެކެންޖެހުނީވެސް އެދަރިފުޅަށްޓަކައި. އޭނަ ޤުރުބާންވީ. އެކަމަކު މި ފިރިހެނާ އެކަމާއި އަމީދެކެ ރުޅިއައީ. ދަރިފުޅު އަތުލާފައި މި ދުނިޔެއަށް އަމީ ގިނަކޮށްލީ. ދެން މިހާރު މިވާހަކަ ދެއްކިޔަސް ވާނެ އެއްވެސް ފައިދާއެއްނެތް" ކުއްލިއަކަށް ފަރީޝާ ސިހުނީ އޭނާ އަތުގައި އޮތް ފޮޓޯ އަމީޒާ އަތުލުމުންނެވެ. އަދި އަޅައިވެސްނުލައި ކުރިން އިންތަނުގައި އިށީނެވެ.

"އޭނައަށް ހީވީކަންނޭނގެ ފަރީ އެފޮޓޯ ގެންދަން އުޅޭހެން. ކޮންމެ ގޮތެއް ވިޔަސް މިހާރު މަޑުމަޑުން ކުދިކުދި ބަދަލުތައް އަންނަމުންދަނީ" އެތަނުން ނިކުންނަން ދަމުން ނާޒިމާ ވާހަކަދެއްކިއެވެ.

"އަދި ﷲ އިރާދަކުރެއްވިއްޔާ އަންނާނަން. ކޮންމެދުވަހަކު ވެސް އަންނަން ބޭނުން. މާލޭގައި ހުރެފައި އަންނަންވީމަ ބައެއްފަހަރު ވަރަށް ދަތިވޭ" ފަރީޝާ ވާހަކަދެއްކިއެވެ.

"އާނ... މިކޮޅަށް ގުޅާލައްވައިގެންވެސް ހާލު އޮޅުންފިލުވޭނެ. މިހާރު އަމީޒާގެ ހާއްސަ ސެޝަން ކުރިއަށްގެންދާ ގަޑި މިޖެހުނީ. ވަރަށް އުފާވެއްޖެ ބައްދަލުވީތީ" ނާޒިމާއާ ސަލާންކޮށްލުމަށްފަހު ފަރީޝާއާއި ފަޒާ ރަށުތެރެއަށް ނިކުތެވެ. ފެނުނު މަންޒަރުތަކުންނާއި އިވުނު އަޑުތަކުން ފަޒާއަށް ހުރީ ވަރަށް އަސަރުކޮށްފައެވެ.

********************************

ޤަވައިދުން ކުލާސްތަކަށް ދާންފެށުމުން ގޭގައި މަޑުކޮށްލަން އަޒްކާއަށް ލިބެނީ މަދު ވަގުތުކޮޅެކެވެ. ރަނގަޅަށް ނިދި ނުލިބޭތީ އަބަދުހެން ހުންނަނީ ބޮލަށް ބަރުވެފައެވެ. ބުރަކަށީގައި ރިއްސާ ވާހަކަ ބުނުމުން އެއްފަހަރު އިނާޝާ އަޒްކާގެ ބުރަކަށީގައި ވޮލިނީ ހާކައިދިނެވެ. އެހުރިހާ ކަމަކަށްވުރެ ވެސް ބޮޑަށް އަޒްކާގެ ހިތް މަރުވަނީ ނާހިދު ނުފެންނާތީއެވެ. އަދި މިހާރު ނާހިދު ކޮންމެ ދުވަހަކު ގުރައިދުއަށް ދާންފެށުމުން ތިންދުވަސް ހަތަރު ދުވަސް ވަންދެން ނުފެނިވެސް ހުރެއެވެ.

އައިޖީއެމްއެޗްގެ ކެންޓީނުން ނިކުމެގެން އަޒްކާ އައީ އޭނާއަށް ލިބުނު އާ އެކުވެރިޔާ ނަތާޝާއާ އެކުގައެވެ. ނަތާޝާއަކީ އަޒްކާއާ އެއް އުމުރެއްގެ، އަތޮޅުތެރޭ ރަށަކަށް ނިސްބަތްވާ ކުއްޖެކެވެ. ދެކުދިން އެކީގައި ދަބަސް ހިފައިގެން މަގުމައްޗަށް ނިކުތެވެ. ވާހަކަދައްކަމުން އައީ ގެއަށް ދިއުމަށްޓަކައެވެ.

"އަޒްކީއަށް ރޭގަނޑު ބޭރަށް ނިކުމެވޭނެތަ؟" ނަތާޝާ އަހައިލިއެވެ.

"އާނ... ދައްތައާއި ބޭބެ މަށެއް ނުވެއް ހުއްޓުވާނެ. އެކަމަކު ރޭގަނޑު ވަރަށް ބޭރަށް ނުނިކުންނަން. ތެދަށް ބުނަންޏާ މާލޭގެ މަގުތައް ރަނގަޅަށް ނުވެސް އެނގޭ. ކުރިން މާލެއަކުނޫން ވިއްޔާ އުޅުނީ" އަޒްކާ ބުނެލިއެވެ.

"އެހެންވީމަ އެއިޓަށް ރެޑީވައްޗޭ. ނަތާ ގުޅާލީމަ ތިގޭ ކަންމައްޗަށް ނިކުންނައްޗޭ" ނަތާޝާ ބުނެލިއެވެ.

"އޯކޭ.... ބާއި... ސީ ޔޫ..." އަޒްކާ ގެއަށް ދިޔުމަށް މަގު ބަދަލުކޮށްލަމުން ނަތާޝާއަށް އަތުން ހަނާއަޅައިލަމުން ބާއި ކިޔާލިއެވެ.

********************************

ބޭރަށް ދިޔުމުގެ ހުއްދައަކަށް އަޒްކާ އެދުނީ ހަވީރު ސައިގައެވެ. އޭރު ނާހިދު ވެސް އިނެވެ. މޯހަންދާސް އުފަލާއެކު އަޒްކާއަށް ހުއްދަ ދިނެވެ.

"މާގިނަ އިރު ބޭރުގައި ނޫޅެއްޗޭ. މާލޭ މަގުމައްޗަކީ އަންހެންކުދިންނަށް ރައްކާތެރިތަނެއްނޫން" އިނާޝާ ބުނެލިއެވެ. އެހުރިހާއިރު އެއް މޭޒުދަށުގައި ވާހަކަދައްކަން ތިބިއިރު ވެސް ނާހިދު އެއްވެސް އެއްޗެއް ނުކިޔައެވެ. ނަމަވެސް އޭނާގެ ހިތަށް ދިޔައީ އުނދަގޫވަމުންނެވެ. އަޒްކާ މާހިލްއާ އެކީގައި ބޭރަށްދާން އުޅޭކަން އެނގި އޭނާގެ ހިތް ދިޔައީ ރޮމުންނެވެ. ނަމަވެސް މޫނުމަތިން އެކަމެއް ނާންގައެވެ.

********************************

ރޭގަނޑު އަށެއްޖަހަން ދިހައަކަށް ވުމުން އަޒްކާ ކޮޓަރިން ނިކުމެގެން ސިޑިން ފައިބައިގެން ތިރިއަށް އައިސް ފައިވާން ހަރުގަނޑު ކައިރީ ހުއްޓުނެވެ. ސޯފާގައި މެގަޒިންއެއް ހިފައިގެން އިން ނާހިދުގެ ދެލޯ ހުރީ އަޒްކާއަށް ހުއްޓާލާފައެވެ. ގަޔަށް ފިޓްކޮށް ކަކުލާއި ހަމައަށް އަންނަ ލޭޒަރކަޓް މުށިކުލައިގެ ހެދުމުގައި އަޒްކާ ނުހަނު ރީއްޗެވެ. ތިރިން ލާފައި ހުރި ކަޅު ކުލައިގެ ސްކިނީގައި ހާމައަށް ހުރި އޭނާގެ ދޮންދޮން ދެފައިތިލައިގައި ބޮސްދޭން ނާހިދުގެ ހިތް އެދެމުން ދިޔައެވެ. އަޒްކާ ނާހިދު އިން ދިމާއަށް ބަލައިލުމާއެކު އޭނާގެ ނަޒަރު މެގަޒިންއަށް ހުއްޓާލައެވެ. ކުޑަ ހީލްއެއްލާފައިވާ ކަޅު ކުލައިގެ ބޫޓަށް އަރައިގެން އަޒްކާ ނިކުންނަންދެން ބަލަން ނާހިދު އިނެވެ. އޭނާ މަގަށް ނިކުންނާނެހާ އިރު މަޑުކޮށްލުމަށްފަހު ނާހިދު ފަހަތުން ނިކުތެވެ. އޭރު ރަތްކުލައިގެ ކާރަކަށް އަރައިގެން އަޒްކާ ނައްޓާލަނީއެވެ. ނާހިދުގެ ހިތް ރޮއެގަތީ ލޯބީގައި އޭނާ ނާކާމިޔާބުވިކަން ހަނދުމަވެފައެވެ. އެކާރު މަގުން އޮބާލަންދެން ބަލަހައްޓައިގެން ރޮވިފައި އޭނާ ހުއްޓެވެ.

********************************

ނަތާޝާ އަޒްކާ ގޮވައިގެން ދިޔައީ އޭނާގެ މައިންބަފައިންނާ ބައްދަލުކޮށްދޭށެވެ. ނަތާޝާ އާއި އެއްގޮތަށް އޭނާގެ މަންމަވެސް ވީ ވަރަށް ހިތްހެޔޮ މީހަކަށެވެ. އަޒްކާއާއި ވާހަކަދެއްކީ ލޯބިންނެވެ. އޭނާއާއި އެންމެ ގާތްކޮށް ވާހަކަދެއްކީ ނަތާޝާގެ ބޮޑުދައިތައެވެ. އެމީހާ އަޒްކާގެ މޫނުގައި ފިރުމާލި ގޮތުންވެސް އަޒްކާއަށް ކުރެވިގެން ދިޔައީ ތަފާތު އިހުސާސެކެވެ.

"ކޮންތާކަށް މިދަނީ" ކާރުގައި ނަތާޝާ ނައްޓާލުމުން އަޒްކާ އަހާލިއެވެ.

"މިދަނީ ކާންވެގެން. އަނެއްކާ އަޒްކީ ކައިގެންތަ ތިއައީ" ނަތާޝާ އަހާލިއެވެ.

"ނޯޕް... އެއްދުވަހަކު ނަތާވެސް ވާނެ އިނގޭ އަހަރެމެން ގެއަށްދާން" އަޒްކާ ދައުވަތެއް ދިނެވެ. ނަތާޝާ ބޯޖަހާލިއެވެ.

"ނަތާ ކޮންއިރަކު ކާރު ދުއްވަން ދަސްކުރީ.... އެކަމަކު ކްލާހަށް އަންނަނީ ކާރުގައެއް ނޫނެއްނު" އަޒްކާ ވާހަކަދެއްކިއެވެ.

"އާނ... ނަތާގެ ބޮޑަށް އަދި ތިބޭނެ ދެބޭބެއާއި އެއް ދައްތަ. އެހުރިހާ މީހުންނަށްވެސް އިނގޭނެ ޑްރައިވް ކުރަން. ނަތާ ގޮވައިގެން ކްލާހަށް ދަނީ ދޮންތަގެ ހަޒްބެންޑް. ޔޫނޯ މައި ބައްޕަ އިޒް އަ ޕޮލިސް އޮފިސަރ. މަންމައަކީ އޭޑީކޭގައި އުޅޭ އަންހެނުންގެ ހާއްސަ ޑޮކްޓަރެއް. އެއް ބޭބެ އުޅެނީ އެމްއެންޑީއެފްގަ. މިހާރު މެރީކޮށްގެން އުޅެނީ. އަނެއް ބޭބެ އަކީ ޕައިލެޓެއް. އަދި މެރީ ނުކުރޭ. ގޭގައި ހުންނަނީ ވަރަށް މަދުން. ދެން ދޮންތައަކީ މޭކަޕް އާޓިސްޓެއް. ވެޑިންތަކުގަ ދޮންތަ ބްރައިޑް މޭކަޕް ކޮށްދޭނެ. ފެންނާނެ ވަރަށް ފޭސްބުކް ތަންތަނުން. އެކަމު މިހާރު ވިހައިގެން އުޅެނީ. ވީ އާރ ވަން ހެޕީ ފެމެލީ...... މިހާރު މިދަނީ ދޮންތަބެ ހިންގާ ރެސްޓޯރަންޓަށް. ދޮންތަބެ ވަރަށް ލޯބިވާނެ ނަތާދެކެ" ނަތާޝާ އޭނާގެ އާއިލާއާ ބެހޭގޮތުން ވާހަކަދައްކަމުން ދިޔައިރު އަޒްކާ އިނީ ފާޑަކަށް ރޮވިފައެވެ. އެފަދަ އުފާވެރި އާއިލާއަކަށް އޭނާވެސް އެވަނީ ފެންބޮވައިގަނެފައެވެ.

"ނަތާ ވަރަށް ނަސީބުގަދަ.... ގޯޑް ބްލެސް ޔޫ އެންޑް ޔޯ ފެމެލީ..." ކަރުނަތައް ހިންދާލައި ތުންފަތް މައްޗަށް ހިނިތުންވުމެއް ގެންނަމުން އަޒްކާ ބުނެލިއެވެ.

"ސޭމް ޓު ޔޫ...." ނަތާޝާ ބަދަލުގައި ބުނެލިއެވެ.

"ދެން ނަތާ ކޮންއިރަކުންނޯ މެރީކުރާނީ..." ސަމާސާކަން އެކުލެވޭ ރާގަކަށް އަޒްކާ އަހާލިއެވެ.

"މީ.... ހެހެހެ.... އަދި ނެކްސްޓް އިޔަރ ގަ އެއިޓީން ވާނީ... އެހެންނޫނަސް އެ ޝިފާންގަނޑު އުޅެނީ ވަރަށް ފިލައިގެން. އަޅެ ނަތާ ހާދަ ބޭނުމޭ އޭނަ. އަދި ސިއްރެއް އިނގޭ މީ. އެއީވެސް ޑޮކްޓަރެއް. މަންމަގެ ރައްޓެހިކަމުގަ އަންނާނީ ގެއަށް. ބައްޕަވެސް ވަރަށް ރައްޓެހިވާނެ" ނަތާޝާ ވާހަކަދައްކަމުން ދިޔައެވެ.

"ދެން ކިޔާދީބަލަ އަޒްކީ ގެ ލަކީ ބޯއީގެ ވާހަކަ" ނަތާޝާ ވާހަކަދެއްކިއެވެ.

"އެއީ ނާހިދު. ދެމީހުން އެއްގެއެއްގައި އުޅެނީ. އޭނާގެ ސަބަބުން އަހަރެންގެ ހިތް ހަލާކުވަނީ. ވަރަށް ސްޓްރިކްޓް. އަހަރެންގެ މި ސްޓޯރީގެ ނިމުން އަންނާނެ ގޮތެއްވެސް ނޭނގޭ. މި ސްޓޯރީއާ ބެހޭގޮތުން މާގިނަ ވާހަކަތަކެއް ނެތް ދައްކާކަށް" އަޒްކާ ބޭރު ބަލަހައްޓައިގެން އިނދެ ވާހަކަދެއްކިއެވެ.

"ޑޯންޓް ވޮރީ.... ﷲ އިރާދަކުރެއްވިއްޔާ ދެރަގޮތެއް ނުވާނެ. އަޒްކީގެ ލޯބި އަޒްކީއަށް ލިބޭނެ" ކާރު ޕާކުކޮށްލަމުން ނަތާޝާ ވާހަކަދެއްކިއެވެ. އަދި އަޒްކާ އަތުގައި ހިފާލައިގެން ރެސްޓޯރަންޓަށް ވަދެގެން ދިޔައެވެ.

********************************

އަޒްކާ ގެއަށް އައި އިރު ސިޓިންގރޫމު ސޯފާގައި ނާހިދު އިނެވެ. އިރުއިރުކޮޅާ އޭނާ ދިޔައީ ދޮރާ ދިމާއަށް ބަލަމުންނެވެ. މާހިލްއާ އެކީގައި ބޭރުގައި އަޒްކާ ހޭދަކުރާނެ އުފާވެރި ވަގުތުތައް ހިތަށް އަރާވަރުން އޭނާ އިނީ އުނދަގޫވެފައެވެ. ނުނިދިފައި އިނީ އަޒްކާ ގެއަށް އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. ދޮރު ހުޅުވާލާފައި އަޒްކާ ވަންކަން އެނގުމާއެކު އޭނާގެ ނަޒަރު ޓީވީއަށް ހުއްޓާލިއެވެ. އަޒްކާއަށް ނާހިދު ފެނުނީ ހަރުގަނޑުގައި ބޫޓް ބެހެއްޓުމަށްފަހު ހިނގައިގަތްތަނާއެވެ. އަޒްކާ ލައިޓް ޖައްސައިލުމާއެކު މުޅި ތަނަށް އަލިވެގެން ދިޔައެވެ. އެވަގުތު ނާހިދު އަޒްކާއަށް ބަލައިލިއެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވުމާއެކު އަޒްކާ ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. ނާހިދު ހީލިޔަސް އެ ހިނިތުންވުމުގައި އެއްވެސް އަސަރެއް ނެތެވެ.

"ވަރަށް ހެޕީ ދޯ މިހާރު" އަޒްކާ ސިޑިން އަރަން ހިނގައިގަތްތަނާ ނާހިދުގެ އަޑު އިވުނެވެ.

"ވަޓް؟ އައި މީން ކީއްވެ ހެޕީވާންވީ..." އަޒްކާ މަޑުކޮށްލަމުން ބުނެލިއެވެ. އޭނާ ނާހިދާ ގާތަށް ފިޔަވަޅެއް އަޅާލިއެވެ.

"ދެން އެހެން ހީވާތީ..... ވަރަށް ޗޭންޖަސްތައް މިހާރު އެބަފެނޭ" ނާހިދު ވާހަކަދެއްކިއެވެ.

"ވަގުތަކީ އަބަދުވެސް ބަދަލުވާ އެއްޗެއް. ހަމަ އެގޮތަށް އަބަދު އެއްކަމެއް އެއްގޮތަކަށް ދެމިއެއް ނޯންނާނެ. އަހަރެންނަށް ދުނިޔެ ފެންނަން ފެށުމުން ރަނގަޅު އެކުވެރިންވެސް ފެނިއްޖެ. ކުރިން އަހަރެންނަށް ބައްދަލުވެފައިތިބި މީހުންނަކީ އަހަރެންގެ ދިރިއުޅުން ހަލާކުރި މީހުން" އަޒްކާ ވާހަކަދެއްކިއެވެ.

"މާހިލްވެސް ތަ؟" ހީލުމަކަށްފަހު ނާހިދު ބުނެލިއެވެ. ވަގުތުން އަޒްކާއަށް ނާހިދަށް ނަޒަރެއް ދެވުނެވެ.

"އަހަރެންނަށް އުފަލެއް ދެވޭނެ މީހަކީ މާހިލްތަ؟ ކީއްވެތަ އަހަރެން އެއްޗެއް ބުނާއިރަށް އަބަދު މާހިލް ދެމެދަށް ގެންނަނީ. އަހަރެންނާ މާހިލްއާ ދެމެދު އެއްވެސް ގުޅުމެއްނެތް. އެރޭ ނާހިދަށް ތިފެނުނީ ހަގީގަތެއްނޫން" އަޒްކާ ބުނެލިއެވެ.

"ރިއެލީ.... އަހަރެން ލޮލަށް ފެނުނީމަވެސް އޮޅުވާލަނީތަ؟" ނާހިދު އަހާލިއެވެ.

"މިބުނީނު ނާހިދު ތިހީކުރި ގޮތަށްވި ކަމެއް ނޫނޭ އެއީ....." އަޒްކާގެ އަޑު ބާރުވިއެވެ. އޭނާގެ އަޑުގައި ރިހުން ވިއެވެ.

"ބުނެބަލަ މާހިލްއަކީ ތިމަންނަގެ އެއްވެސް މީހެއްނޫނޭ...." ނާހިދު ބުނެލިއެވެ.

"އާނ... މާހިލްއަކީ އަހަރެންގެ ފުރަތަމަ ލޯބި. އެކީގައި ދިރިއުޅެން އަހަރެން ބޭނުންވި މީހާ" ނާހިދަށް ފުރަގަސްދެމުން އަޒްކާ ވާހަކަދައްކަމުން ދިޔައެވެ.

"އެކަމަކު މިހާރު އެއީ އެއްވެސް މީހެއްނޫން. އޭނާ އަހަރެންދެކެ ވީ ލޯތްބެއް ނޫން. އޭނާ ބޭނުންވީ ވަގުތީ އުފާތަކެއް. އަހަރެންނަށްވެސް ނުވިސްނުނީ. އަހަރެން ހިނގީ އެކުވެރިން ދައްކައިދިން މަގުން. އެކަމަކު..... އެކަމަކު މިހާރު އެދުވަސް ހިނގައްޖެ. އަހަރެން ހިތުގައި މާހިލްއަށްޓަކައި ޒައްރެއްގެ މިންވަރަށްވެސް ލޯތްބެއް ނެތް. އަހަރެން މިހާރު އޭނަދެކެ އެއްވެސް ވަރަކަށް ލޯތްބެއްނުވޭ. އަހަރެން އެދެނީ...... ނާހިދަށް. އާނ... އަހަރެންނަށް ނާހިދު ދެކެ ވަރަށް ބޮޑަށް ލޯބިވެވިއްޖެ..... ފަހަރެއްގައި އަހަރެން މާހިލްދެކެ ވީ ލޯތްބަށް ވުރެ ބޮޑަށް. މާ ތެދުވެރި ސާފު މާތް ލޯތްބެއް.....ނާހިދު މަސައްކަތްކުރީ އަހަރެން ލައްވާ ބުނުވާކަށްނު. މިބުނީ. އައި ލަވް ޔޫ ސޯ މަޗް" އަޒްކާ ވާހަކަދައްކަމުން ދިޔައެވެ. ނާހިދު އެއްޗެއް ބުނޭތޯ އޭނާ މަޑުކޮށްލިއެވެ. ނަމަވެސް ޖަވާބެއް ނައުމުން އަޒްކާ އެނބުރުނެވެ. އޭރު ނާހިދު ފެންނާކަށް ނެތެވެ. އަޒްކާ އިންތިހާއަށް ހިތުގައި ޖެހުނެވެ. މޭގައި އަތް އަޅައިލެވުނީ އޭނާ ލޯބި ހުށައެޅިއިރު ނާހިދު ފެންނަން ނެތްކަން އެނގި ހިތަށްވި ނުބައި ގޮތެއްގެ ސަބަބުންނެވެ. ހިތުގައި ޖެހުނުލެއް ބޮޑުކަމުން އޭނާ ސިޑިން އެރީވެސް ދުވަމުންނެވެ. އެހުރިހާ ވާހަކައެއް އަޑުއަހަން ނާހިދު ހުރިނަމައެވެ.

********************************

ކޮޓަރިއަށް ވަންގޮތަށް ނާހިދު ދޮރުލައްޕައި ލޮކްކުރިއެވެ. ބޮލުގެ އިސްތަށިގަނޑު ތެރޭގައި އަތް ހިންގާލީ ހިތަށް ހަމަޖެހުމެއް ހޯދުމަށެވެ. އެވީ އޭނާ ހީކުރި ގޮތަށެވެ. މާހިލްއަކީ އަޒްކާގެ ލޯބިވެރިޔާއެވެ. ފުރަތަމަ ލޯތްބެވެ. އަޒްކާއަށް ހިތްދެވުނުކަން އެއީ އޭނާއަށް ކުރެވުނު ކުށެކެވެ. އެއީ އޭނާއަށް ދުވަހަކުވެސް ލިބޭނެ އުފަލެއް ނޫނެވެ. ނާހިދު އެނދުގައި އިށީނދެ ދެއަތްތިލަ ތެރޭގައި މޫނު ފޮރުވާލިއެވެ. އިސާހިތަކު އޭނާގެ ދެލޮލުގެ ތެރޭގައި ވިދަމުން ދިޔަ ކަރުނަތައް ފައިބައިގަތެވެ. މިއަދު އޭނާ ވަރަށް ބޮޑަށް ހިތުގައި ޖެހިއްޖެއެވެ. މާހިލްއަކީ ލޯބިވެރިޔާކަމަށް އަޒްކާ އަމިއްލައަށް އިއުތިރާފް ވުމުންނެވެ. އޭނާ ޖެހޭނީ އަޒްކާމަތިން މަތިން ހަނދާން ނައްތާލާށެވެ. އެހެންނޫނީ އެލޯބީގެ ސަބަބުން އޭނާ މިދުނިޔެއަށް އަލްވަދާއު ކިޔަން ޖެހިދާނެއެވެ. އަޒްކާ ދެއްކި ވާހަކަ ނިމެންދެން އަޑުއަހަން ހުރިނަމަ މިއަދު އޭނާ މުޅިން ބޭޒާރުވީހެވެ. އެއްފަރާތުން ވެވޭ ލޯތްބަކީ ވޭނެކެވެ. އަޒްކާ ދެކެ ލޯބިވަނީ އޭނާއެވެ. އަޒްކާއެއް ނޫނެވެ.

********************************

ފަތިސްނަމާދު ބަންގީގެ ފުރަތަމަ ކަލިމައާއެކު އަޒްކާ ހުރީ ކޮޅަށެވެ. އާދަޔާޚިލާފަށް އޭނާގެ ބުރަކަށީގައި ރިއްސާކަން އިހުސާސްވުމުން ކޮޓަރިތެރޭގައި ހުރެ ކުޑަކޮށް ދެއަތަކަށް އަރިވެލައި ކަސްރަތު ކޮށްލިއެވެ. ކުޑަކޮށް ލުއިވިކަން އިހުސާސްވުމުން ފާހާނާއަށް ވަދެ ފެންވަރައިގެން ނިކުމެ ނަމާދަށް އެރިއެވެ. ރޭ ނަތާޝާއާ އެކުގައި ރެސްޓޯރަންޓުން ކެވުނު އެއްޗެއްގެ ސަބަބުން ގެއަށް އައިސް އެތައް ހޮޑުތަކެއް ލެވުނެވެ. ބަނޑުހައިވާން ފެށުމުން އޭނާ ތިރިއަށް ފޭބިއެވެ. ބަދިގެއަށް ވަދެ ޖޫސްތަށްޓެއް ހަދައިގެން އައިސް ބޭރު ކޮފީ މޭޒު ކައިރިއަށް ދާން އުޅުނު ވަގުތު ދޮރު ހުޅުވާލާފައި އެވަނީ ނާހިދު އާއި މޯހަންދާސްއެވެ.

"ގުޑްމޯނިންގް....." އަޒްކާ ފެނުމުން މޯހަންދާސް ބުނެލިއެވެ. ބަދަލުގައި އަޒްކާވެސް ހެނދުނުގެ ސަލާންކޮށްލިއެވެ. އަދި ދެބަފައިންނަށް ހިނިތުންވުމެއްދިނެވެ. ނާހިދު ފެންނަކަމަށް ނަހަދައި ވަދެގެން ދިޔުމުން އަޒްކާގެ ހިތުގައި ޖެހުނެވެ. ބައެއްފަހަރު ނާހިދަކީ އޭނާއަށްޓަކައި ނުދަންނަ ބީރައްޓެސެކެވެ. އަޖައިބެއް ކަހަލަ ފިރިހެނެކެވެ. އަޒްކާ ނާހިދަށް ދެލޯ އަޅައިލަމުން ތުން އަނބުރާލިއެވެ.

"މިއަދު ބޮނީ ޖޫސްތަ؟" އަޒްކާ އަތުގައި ހުރި ޖޫސްތަށި ފެނުމުން މޯހަންދާސް އަހާލިއެވެ.

"ލައްބަ. މިއަދު އެހާ ރަނގަޅު ދުވަހެއްނޫން" އަޒްކާ ޖަވާބުދިނެވެ. މޯހަންދާސް ވަދެގެން ދިޔުމުން އަޒްކާ ބޭރުގައި މަޑުކޮށްލިއެވެ. މޭޒުމަތީގައި ޖޫސްތަށި ބެހެއްޓުމަށްފަހު އޭނާ އިނީ އެއަށް ބަލަހައްޓައިގެންނެވެ. އޭނާގެ ނަޒަރު ޖޫސްތަށްޓަށް އަމާޒުވެފައި ހުއްޓަސް އޭނާގެ ސިކުނޑި ވަނީ ނާހިދުއާ ގުޅިފައެވެ. އެނގިގެން ވިޔަސް ނޭނގުމުގެ ތެރޭގައި ވިޔަސް ނާހިދު ވަރަށް ބޮޑަށް އޭނާ ހިތުގައި އެބަޖައްސައެވެ. ފަހަތުން ބަޔަކު އަންނަކަން އެނގުމުން ބަލައިލިއިރު އެދިމާއަށް އިނާޝާ އާއި މޯހަންދާސް އަންނަނީއެވެ. އެމީހުންގެ ފަހަތުން މީކާ ތަބަކެއް ހިފައިގެން އާދެއެވެ.

"އުނދަގޫކުރެވުނީ ދޯ" އިށީންނަމުން މޯހަންދާސް އަހާލިއެވެ. އަޒްކާގެ އިސްތަށިގަނޑުގައި ފިރުމާލަމުން އިނާޝާވެސް އަނެއް ފަރާތުން އިށީނެވެ.

"ނޫނޭ. އެކަނި އިނީމަ އަޅުގަނޑު ވަރަށް ފޫހިވެފައި މިއިންނަނީ...." ހީލަމުން އަޒްކާ ބުނެލިއެވެ.

"ނާހިދު ނިދީތަ؟" މޯހަންދާސް އަހާލީ އިނާޝާ ކުރެންނެވެ.

"އެސޮރު ބޮލުގައި ރިއްސާތީ އުޅުނީ. ރޭ ދަންވަރު ގުޅީމަ އެކޮޓަރިއަށް ދިޔައީ. ބާމުކޮޅެއް ހާކާލީމަ ނިދައިފި" އިނާޝާ އޮޅުންފިލުވައިދިނެވެ. އަޒްކާ ހިތުގައިޖެހުނީ ނާހިދުގެ ބަލީގެ އަސްލަކީ އޭނާ އޭ ހިތަށް އަރާފައެވެ.

"ބޭބެއަށް ހާދަ ހީވެޔޭ އަޒް މިހާރު ފަލަވެއްޖެހެން" މޯހަންދާސް ބުނެލިއެވެ. އަޒްކާ އޭނާގެ ހަށިގަނޑަށް ނަޒަރު ހިންގާލިއެވެ. ތެދެކެވެ. މޭމައްޗާއި ދިމާލުންނާއި ބަނޑުމަތިން އަދި ބުރަކަށިން ހެދުންތައް ބާރުކަން އޭނާއަށް އިހުސާސް ކުރެވޭތާ ދުވަސްކޮޅެއް ވެއްޖެއެވެ.

"އެއީ ތެދެއް. މޫނުމަތިވެސް ތިހުންނަނީ ފުފިލާފައެއްނު. މިހާރު ވަކިން ލޯބި ހުންނަގޮތް. އެހާ ހިކިކޮށް ހުރީމަ އަންހެންކުދިން ރީއްޗެއްނުވާނެ" އިނާޝާ ލަސްލަހުން އިޝާރާތްކުރަމުން ވާހަކަދެއްކިއެވެ.

"ދެން ކިހިނެއްހަދާނީ. ބޭނުމެއްނޫން ފަލަވާން" އަޒްކާ ދެރަވެއްޖެއެވެ. އޭނާގެ މޫނުމަތީގައި ވަނީ ކަންބޮޑުވުމެވެ. އޯވަރވެއިޓް ވެގެން ޅަ އުމުރުގައި ސިފަ ގެއްލެން އޭނާ ބޭނުމެއްނުވެއެވެ.

"ހިކެން މަސައްކަތްކުރާ ވަރަށް އަދި ފަލައެއްނުވޭ. އެކަމަކު ތިވަރުގަ ބަލާތި ހިފެހެއްޓޭތޯ" މޯހަންދާސް އޭނާގެ ހިޔާލު ފާޅުކުރިއެވެ. އަޒްކާ ލަސްލަހުން ވިސްނުމެއްގައި އިނދެ ޖޫސްތަށި ހުސްކުރަމުން ދިޔައެވެ. އެހުރިހާއިރު އެމީހުންނަށް ބަލަހައްޓައިގެން ބެލްކަނީގައި ނާހިދު ހުއްޓެވެ. އަޒްކާއާ ކުރިމަތިނުލާން އޭނާ މަސައްކަތް ކުރިކަމުގައި ވިޔަސް ދުރުދުރުން އޭނާ ދަނީ އަޒްކާގެ ހުރިހާ ހަރަކާތްތަކަށް ބަލަމުންނެވެ. އޭނާ ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އަދި އަޒްކާގެ ލޯތްބާ ދުރަށް ފިޔަވަޅެއްވެސް އެޅިފައެއް ނެތެވެ.

********************************

ހެނދުނު ދިހައެއްޖަހަން ގާތްވެފައި ހުއްޓާ އަޒްކާ އައިސް ކޮޓަރިއަށް ވަނެވެ. ހަފްތާ ބަންދަށް ވުމުން މިއަދު ހުރިހާ މީހުންވެސް ގޭގައި ތިބި ދުވަހެވެ. އެހެންކަމުން މެންދުރުގެ ކެއްކުމާއި ހަވާލުވީ އަޒްކާއެވެ. މީކާގެ ފަރާތުން އޭނާއަށް އެކި ރަހައިގެ ކާއެއްޗެހި ހަދަން ދަސްވެއްޖެއެވެ. އޭނާ ކޮޓަރިއަށް އައިސް ވަނީ ކޮޅަށްހުރެ މާބޮޑަށް ވަރުބަލިވާން ފެށުމުންނެވެ. އޭރު ސައިޑްކަބަޑް މަތީގައި އޮތް އޭނާގެ ފޯނު ރިންގުވަމުން ދިޔައެވެ.

"ކީކޭ ނަތާ!" ނަތާޝާގެ ކޯލެއްކަން އެނގިހުރެ ފޯނުނަގައި ކަންފަތުގައި ޖައްސާލަމުން އަޒްކާ އެނދުމައްޗަށް ވެއްޓިގަތެވެ.

"ހިނގާބަލަ ޝޮޕިންގް އަކަށްދަމާ..." ނަތާޝާ ވާހަކަދެއްކިއެވެ.

"މިގަޑީގަތަ؟" އަޒްކާ އަހާލިއެވެ.

"އަޒްކީ ބަލީތަ؟ އެހެންވިއްޔާ އަޅާނުލާ. ފަހުންދާނީ" ނަތާޝާ ބުނެލިއެވެ.

"ނޫން. އަނެއްހެން ބައްޔެއްނޫން. މިއުޅެނީ ހޭލިއްސުރެ ފެށިގެން ވަރަށް ބޮޑަށް ބުރަކަށީގަ ރިއްސާތީ. މެއިން ފާޑަކަށް ދިލަވެސް އެބަނަގާ" އަޒްކާ ވާހަކަދެއްކިއެވެ.

"އެހެންވީމަ ރެޑީވެގެން ނިކުމޭ ބޭރަށް. ކްލިނިކަށް ގޮސްލާފަ ދާނީ ވިޔަފާރިކޮށްލަން" ނަތާޝާ ހިޔާލުދިނެވެ. އަޒްކާ އެގޮތާއި ގަބޫލުވިއެވެ.

********************************

ތައްޔާރުވެގެން އަޒްކާ ބޭރަށް ނިކުތްއިރު ސިޓިންގްރޫމުގައި މީހަކު ފެންނާކަށްނެތެވެ. އިނާޝާގެ ކޮޓަރީ ދޮރުގައި ޓަކި ޖަހާލުމާއެކު ދޮރުހުޅުވާލިއެވެ. އަޒްކާ ފެންނަން ހުރުމުން ނިކަން ބޮޑު ހިނިތުންވުމެއް ރައްދުކޮށްލިއެވެ.

"ދައްތާ! އެބައަންނަން ބޭރަށް ނިކުމެލާފަ" އަޒްކާ ހުއްދައަކަށް އެދުނެވެ. އިނާޝާ ބޯޖަހާލުމުން އަޒްކާ ސިޑިން ފައިބަން ފެށިއެވެ. އޭރު ފޯނެއްގައި ހުރެ ނާހިދު ސިޑިން އަރަމުން ދިޔައެވެ. އަޒްކާ ފެނުމުން ކުޑަކޮށް ހުއްޓިލިއެވެ. ތައްޔާރުވެގެން އަޒްކާ ދާތަނެއް ބަލަން އޭނާ ބޭނުންވިއެވެ. މިފަހަރު އަޒްކާ އޭނާ ހުރަސްކޮށް އެދިޔައީ އަޅާވެސްނުލައެވެ. ބޫޓަށް އަރައިގެން ނިކުންނަންދެން މަޑުކޮށްލުމަށްފަހު ނާހިދު ބާރު ހިނގުމުގައި ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. އަދި ބެލްކަނީގެ ދޮރު ކަހާލުމަށްފަހު ނިކުމެ ރެއިލިންގްގައި އަތް އަޅުވައިލަމުން ތިރި ބަލައިލިއެވެ. އޭރު ކުރިން ރެއަކު ފެނުނު ރަތްކުލައިގެ ކާރަށް އަޒްކާ އަރަނީއެވެ. ނާހިދަށް މޭގައި އަތް އަޅައިލެވުނެވެ. ހިތުގައި ޖެހުނުވަރުން އޭނާ ދެތުންފަތް ބާރަށް ފިއްތާލިއެވެ. ދެން ފެނިގެންދިޔައީ ހީގަތްތަނެވެ. ހެމުންހެމުން ގޮސް އޭނާ ހުއްޓުނީ ލޯގަނޑު ކުރިމަތީގައެވެ.

"ކީއްވެ؟ ކީއްވެ އަހަރެން ދެރަވާންވީ.... އެމީހަކު ލޯބިވާނެ މީހެއް އެނގޭނީ އެމީހަކަށްނު!" ލޯގަނޑުން ފެންނަމުން ދިޔަ އަމިއްލަ ސޫރައާ މުހާތަބުކޮށް ނާހިދު ބުނެލިއެވެ.

********************************

އަޒްކާ ގޮވައިގެން ނަތާޝާ ދިޔައީ އޭއެމްޑީސީ ކްލިނިކަށެވެ. ޑޮކްޓަރަށް ދައްކައި ޓެސްޓްތައް ހެދުމަށްފަހު ދެކުދިން ނިކުމެ އެކި ފިހާރަތަކުން ވިޔަފާރިކުރިއެވެ. ގެއަށް އައިއިރު މެންދުރު ނަމާދަށް ގޮވަން ހުރީ ކުޑަ ވަގުތުކޮޅެކެވެ.

މެންދުރު ނަމާދުކޮށްގެން އަޒްކާ ކޮޓަރިން ނިކުތީ ފޫހިވެގެންނެވެ. އަތުގައި އޮތް ފޯނު ރިންގްވާން ފެށުމުން އެފޯނަށް ޖަވާބުދިނީ އެއީ ނަތާޝާގެ ކޯލަކަށް ވީތީއެވެ. ސިޓިންގްރޫމުން އެއްވެސް މީހަކު ފެންނާކަށްނެތެވެ. ސޯފާގައި އިށީނުމަށްފަހު ޓީވީ ހުޅުވާލިއެވެ. ޗެނަލްތައް ބަދަލުކުރަމުން ދިޔައިރު އެއްވެސް ތަނަކުން އޭނާ ގަޔާވާ ކަހަލަ އެއްވެސް ޕްރޮގްރާމެއް ނުދައްކައެވެ. އެހެން އިނދެ އިރުކޮޅަކާ ނާހިދުގެ ކޮޓަރިއާ ދިމާއަށް ކަޅިއެއް އެއްލައެވެ. އިރުއެރިފަހުން ނާހިދު އަދި ނުފެނެއެވެ. އަނެއް ދުވަހަކީ މޯހަންދާސްއާއި އިނާޝާ ފުރާ ދުވަހަށްވާތީ އިނާޝާއާ އަނގަތަޅާލަން ހިތާ ޓީވީ ނިއްވާލުމަށްފަހު އެކޮޓަރިއާ ދިމާއަށް އަޒްކާ ހިނގައިގަތެވެ. ދެފަހަރަކު ޓަކި ޖަހާލުމުންވެސް ކޮޓަރިން ޖަވާބެއް ނައެވެ. އޭނާގެ ފޯނަށް މޯހަންދާސް ގުޅީ އެކޮޓަރީ ދޮރުމަތީގައި ހުއްޓައެވެ. މޯހަންދާސް އެދުނީ އޭނާ ނާހިދުގެ ކޮޓަރިއަށް އައުމަށެވެ. އަޒްކާ ވިސްނާލިއެވެ. އަނެއްކާ ކަމެއް ގޯސްވީނޫންބާއެވެ. ނާހިދު އެއްޗެކޭ ކީ ހެއްޔެވެ؟ ދެވިސްނުމެއްގައި ހުރެފައި އަޒްކާ އެކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.

މަޑުމަޑުން ދޮރު ހުޅުވާލުމަށްފަހު އަޒްކާ އެތެރެއަށް ބޯދިއްކޮށްލިއެވެ. އެނދުގައި އިން ނާހިދުގެ ކަޅި އަޒްކާއާ ހަމަވުމާއެކު ދެހިތަށްވެސް ކުރުވީ އެއް އަސަރުތަކެކެވެ. އިރުކޮޅަކު ނާހިދު އަޒްކާއަށް ބަލަހައްޓައިގެން އިނެވެ. ނަޒަރު ބަދަލުކޮށްލީ ނާހިދެވެ. އޭނާ ކިތަންމެ ވަރަކަށް އަޒްކާގެ ދެލޮލަށް ބެލި ނަމަވެސް ހޯދަން ބޭނުންވާ ސުވާލުގެ ޖަވާބު ނުލިބޭނެތީއެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟