ހިއުމަން ރިސޯސް ކޮންވެންޝަން އެންޑް އެކްސްޕޯގެ ޓައިޓަލް ސްޕޮންސަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފި އެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސް ޕްރޮފެޝަނަލްސް (އެމްއޭއެޗްއާރްޕީ) އިން ބާއްވާ އެ އިވެންޓަކީ އެޗްއާރް ލީޑަރުންނާއި ފަންނުވެރިންގެ ފަރާތުން، ދާއިރާގެ ފަހުގެ މައުލޫމާތާއި، ރޭވުންތަކާއި، އީޖާދީ އަދި އެންމެ ރަނގަޅު ޕްރެކްޓިސްތައް ހިއްސާކުރެވިގެންދާނެ އިވެންޓެކެވެ.
އެ ހަރަކާތުގެ ޓައިޓަލް ސްޕޮންސަރަކަށް އުރީދޫ ހަމަޖެއްސުމަށް ބޭއްވި ރަސްމިއްޔާތުގައި އެކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ޑައިރެކްޓާ އޮފް ހިއުމަން ރިސޯސަސް މުހައްމަދު ޝާހިދެވެ. އަދި އެމްއޭއެޗްއާރުޕީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ރައީސް ހުސައިން އަފީފެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމްއޭއެޗްއާރުޕީގެ ރައީސް އަފީފް ވިދާޅުވީ އެ އެކްސްޕޯގައި ދާއިރާއާ ގުޅުންހުރި ގިނަ ފަރާތްތަކުން ވާހަކަދައްކާނެ ކަމަށެވެ. އަދި އޭގެތެރޭގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތައްވެސް ބައިވެރިވާނެ ކަމަށް އަފީފް ވިދާޅުވިއެވެ.
އަންނަ މަހުގެ ހަތަރެއް އަދި ފަހެއްގައި ބާއްވާ އެ އެކްސްޕޯގައި 300 ފަރާތަކަށް ބައިވެރިވެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާތަނަށް އޭގައި 250 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވެފައިވާ ކަމަށްވެސް އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.