މިއަދު ރާއްޖެ އަންނަން އޮތް ޕާކިސްތާނުގެ ނޭވީ މަނަވަރަކަށް، ބޭނުންވާ ޑިޕލްމޮމެޓިކް ކްލިއަރެންސް، އިންޑިއާއިން ރާއްޖެއަށް ނުފޫޒު ފޯރުވައިގެން ހުއްޓުވައިފައިވާ ކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ވާހަކައެއް ކަމަށް ޕާކިސްތާނުން ބުނެފި އެވެ.
މީސްމީޑިއާގައި ފެތުރެމުންދާ މެސެޖެއްގައި ބުނެފައިވަނީ މިއަދު ރާއްޖެއަށް ދަތުރުކުރަން ހަމަޖައްސާފައިވާ ޕާކިސްތާނުގެ ނޭވީ މަނަވަރަކަށް، ރާއްޖޭގެ ސަރަހައްދަށް ވަނުމަށް ބޭނުންވާ ޑިޕްލޮމެޓިކް ކްލިއަރެންސް، އިންޑިއާއިން ރާއްޖެއަށް އަންގައިގެން ހުއްޓުވައިފައިވާ ކަމަށެވެ.
ޑިޕްލޮމެޓިކް ކްލިއަރެންސަކީ ފޮރިން މިނިސްޓްރީން ދޫކުރާ ހުއްދައެކެވެ.
މި ކަމާ ގުޅޭ ގޮތުން "ވަން އޮންލައިން"އަށް މައުލޫމާތުދެއްވަމުން، ރާއްޖޭގައި ހުންނަ ޕާކިސްތާން އެމްބަސީގެ ޑެޕިއުޓީ ހެޑް އޮފް މިޝަން، އަދި ހެޑް އޮފް ޗާންސެރީ، ޒުލްގުރްނައިން އަހުމަދު ރޭ ވިދާޅުވީ، ފަތުރަމުންދާ މެސެޖަކީ ހަގީގަތާ ޚިލާފު ވާހަކައެއް ކަމަށެވެ.
"ފަތުރަމުންދާ މެސެޖަކީ ހަގީގަތެއް ނެތް ވާހަކަތަކެއް. ލަފާކުރެވޭ ގޮތުން އެ ޝިޕް އަންނަ މަހުގެ ތެރޭ ރާއްޖެއަށް އަންނާނެ." ޒުލްގުރްނައިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މެސެޖުގައި އެ ބުނާ ޝިޕް ވަކި ތާރީޚެއްގައި ދަތުރުކުރާން ޕްލޭނެއް ކޮށްފައިވެސް ނުވާ ކަމަށެވެ.
ޕާކިސްތާނުގެ ނޭވީ މަނަވަރެއް ރާއްޖެ އައުމުގެ ޑިޕްލޮމެޓިކް ކްލިއަރެންސް އިންޑިއާއިން ނުފޫޒު ފޯރުވައިގެން ހުއްޓުވި ކަމަށް ބުނެ މެސެޖެއް ދައުރުވާން މި ފެށީ، އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުން އަނެއްކާވެސް ވަރަށް ބޮޑަށް ގޯސްވެފައިވާ ވަގުތެއްގަ އެވެ.