ވިޔަފާރި

ސެމްސަންގެ ފަށްޖަހައިލެވޭ ފޯނު އޭޕްރީލްމަހު ބާޒާރަށް ނެރެނީ

އަހުމަދު ޖައިޝަން

މަޝްހޫރު ޓެކް ކުންފުނި ސެމްސަންގުން އެކުންފުނީގެ ފުރަތަމަ ފަށްޖަހާލެވޭ ފޯނު ދައްކާލައިފި އެވެ.

ދެކުނު ކޮރެއާގެ ކުންފުނި ސެމްސަންގުން އެ ފޯނު ދައްކާލާފައިވަނީ އެކުންފުނީގެ އާ ފްލެގްޝިޕް ފޯނުތައް ދައްކައިލުމަށް ބޭއްވި "އަންޕެކްޑް" އިވެންޓުގައެވެ.

ސެމްސަންގުން ވަނީ ފަށްޖަހާލެވޭ ފޯނެއްގެ މަސައްކަތްކުރަމުން އަންނަކަން މީގެ އަހަރެއް ކުރީން އިއުލާނުކޮށްފައެވެ. އަދި މިދިޔަ އަހަރު އެ ފޯނުގެ ޕްރޮޓޯޓައިޕެއް ކުޑަ ހިނދުކޮޅަކަށް ދައްކާލިނަމަވެސް، އިއްޔެ ބޭއްވި އިވެންޓުގައި ވަނީ ފަށްޖަހާލެވޭ ފޯނުގެ ފުރިހަމަ މައުލޫމާތާއި އަގު އަދި އާންމުންނަށް އެ ފޯނު ލިބޭނެ ދުވަސް ވެސް އާންމުކޮށްފައެވެ.

ކިޔާނީ ގެލެކްސީ "ފޯލްޑް"، މަސައްކަތްކުރާނީ ދެ ޑިސްޕްލޭ ފޯނުގެ ގޮތުގައި!

ސެމްސަންގުން ދައްކާލި ފަށްޖެހޭ ފޯނަށް ކިޔާނީ "ފޯލްޑް" އެވެ. މިއީ ދުނިޔޭގެ ފުރަތަމަ ފަށްޖަހާލެވޭ ފޯނެއް ނޫނެވެ. ނަމަވެސް ދުނިޔޭގެ ބޮޑު ކުންފުންޏަކުން ފަށްޖަހާލެވޭ ފޯނެއް ނެރޭ މިއީ ފުރަތަމަ ފަހަރަށް ވާއިރު މި ފޯނުގެ ޑިޒައިން ފަށްޖަހާލެވޭ އެހެން ފޯނުތަކާ އަޅައިބަލާއިރު ތަފާތެވެ.

ފޯނު މަސައްކަތްކުރަނީ ފޮތެއް ބޭނުންކުރާ އުސޫލުންނެވެ. ފޮތެއްހެން ލައްޕާފައި އޮންނައިރު އެއްފަޅި ބޭނުންކުރާނީ ޑިސްޕްލޭއެއްގެ ގޮތުގައެވެ.

ލައްޕާފައި ބާއްވާއިރު އެއިން ފެންނާނީ 4.6 އިންޗީގެ ޑިސްޕްލޭއެކެވެ. ފޯނުގެ އެއްފަޅީގައި ބޭނުންކުރާ އެ ޑިސްޕްލޭއަކީ ވަކިން ބޭނުންކުރާ ސްކްރީނެކެވެ. އެކި ފަރާތްތަކުން ބުނާގޮތުގައި އެ ޑިސްޕްލޭއަކީ ފޯނުގެ އެންމެ "ބޯރިން" އެއް ފީޗާއެވެ.

ނަމަވެސް ފޯނުގެ މޫނުމައްޗަށް މުޅިން ބޮޑު ބަދަލެއް އަންނަނީ އެ ފޯނުގެ އަރިމަތިން ފޮތެއްހެއް އެ ފޯނު ހުޅުވައިލުމުންނެވެ. އެއާއެކު 4.6 އިންޗީގެ ސްކްރީން އޮންނާނީ ފޯނު ގެންގުޅޭ މީހާއަށް ފުރަގަސްދީގެނެވެ. އޭގެބަދަލުގައި ފޯނު ބޭނުންކުރާ މީހާއަށް ފެންނާނީ 7.3 އިންޗީގެ ޓެބްލެޓް ޑިސްޕްލޭއެކެވެ.

ފަށްޖަހާލެވޭ އޯލްޑް ޑިސްޕްލޭއެއް ބޭނުންކުރާ އެ ފޯނު ފޮތެއްހެން ހުޅުވާލުމުން ފޯނުން ކުރެވޭ މަސައްކަތްތައް އިތުރުވެގެންދާނެ ކަމަށް ސެމްސަންގުން ބުނެއެވެ.

ސެމްސަންގުން ބުނީ ފަށްޖަހާލެވޭ ސްކްރީނުން އެއްފަހަރާ ތިން އެޕްލިކޭޝަން އެކީގައި ބޭނުންކުރެވޭނެ ކަމަށެވެ.

އަދި ފޯނު ފަށްޖެހުނު ނަމަވެސް އޭގެ ސްކްރީނަށް އެއްވެސް ކަހަލަ ގެއްލުމެއް ނުވާނެ ކަމަށާއި ސްކްރީނަށް އެއްވެސް ރުލެއް އައުންފަދަ ކަމެއްވެސް ނުވާނެ ކަމަށް ސެމްސަންގުން ޔަގީންކަން ދެއެވެ.

އިންޓާނަލް ވަރުގަދަ ވާނެ!

ފޯލްޑް ބޭނުންކުރުމުގައި އެންމެ ރަނގަޅު ހިދުމަތް ފޯރުކޮށްދިނުމަށް ސެމްސަންގުން އެ ފޯނުގައި ބޭނުންކޮށްފައިވަނީ ވަރުގަދަ ހާޑްވެއާތަކެވެ. އެގޮތުން އެ ފޯނުގައި 12 ގިގަބައިޓްސްގެ ރޭމެއްގެ އިތުރުން ސެމްސަންގެ އެންމެ ފަހުގެ ވަރުގަދަ ހަތް ނެނޮމީޓާގެ އޮކްޓަކޯ ޕްރޮސެސާއެއް ބޭނުންކުރާނެއެވެ.

ގިނައިރު ފޯނު ބޭނުންކުރާނެ ގޮތަށް ހެދުމަށް އެ ފޯނުގެ ފަށްޖަހާލެވޭ ދެފަޅީގައި ވަކި ދެ ބެޓްރީ ބޭނުންކުރާނެއެވެ. އެއީ ޖުމްލަ 4،380 މިލިއެމްޕިއާގެ ބެޓްރި ކަމަށް ސެމްސަންގުން ބުނެއެވެ.

އަދި ފޯނުގެ ސްޓޯރޭޖްއަކީ 512 ގިގަބައިޓްސް ކަމަށްވެސް ސެމްސަންގުން ވަނީ މައުލޫމާތުދީފައެވެ.

ފޯލްޑްގެ ކެމެރާވެސް ވަރުގަދަވާނެއެވެ. އެގޮތުން ފޯނުގެ ފަހަތުގައި 16 މެގަޕިކްސެލްގެ ސެންސަރަކާއި 12 މެގަޕިކްސެލްގެ ސެންސަރެއް ބޭނުންކުރާނެއެވެ. އަދި ފޯނުގެ ފްރޮންޓް ފޭސިން ކެމެރާއަށް ބޭނުންކުރާނީ 10 މެގަޕިކްސެލްގެ ސެންސަރެކެވެ.

ފޯނު ވިއްކަން ފަށާނީ އޭޕްރިލްގައި، ޖީބަށް ބަރުވާނެ!

ސެމްސަންގުން މައުލޫމާތު ދޭގޮތުގައި އެކުންފުނީގެ ފޯލްޑު ތަފާތު ސަރަހައްދުތަކެއްގައި ލޯންޗުކުރަން ފަށާނެއެވެ. އެގޮތުން އެންމެ ފުރަތަމަ އެ ވިއްކަން ފަށާނީ އެމެރިކާގައެވެ. އެއީ އޭޕްރިލް މަހުގެ 26 އިން ފެށިގެންނެވެ.

އެމެރިކާގެ އޭޓީއެންޓީ މެދުވެރިކޮށް ފޯނު ވިއްކަން ފަށާ އަގަކީ 1،980 އެމެރިކާ ޑޮލަރެވެ.

ސެމްސަންގުން ބުނީ އެ ފޯނުގެ "5ޖީ" މޮޑެލްއެއްވެސް ވިއްކަން ނިންމާފައިވާ ކަމަށެވެ. އެފޯނު ވިއްކަން ފަށާނީ މެއި މަހު ތިނަކުން ފެށިގެން ޔޫރަޕުންނެވެ.

އެ ފޯނު ވިއްކަން ފަށާ އަގަކީ 2،000 ޔޫރޯއެވެ.

ގެލެކްސީ ފޯލްޑްގެ ޓީޒާ --- ވިޑިއޯ : ސެމްސަންގް