(ނޮވެމްބަރު 16 އާއި ގުޅޭ)
އެންމެންގެ ކުރިމަތީގައި އޭނާ ފަޟީހަތް ވަމުންދިޔައެވެ. ނުބައި ޝަހުޝިއްޔަތެއްގެ ނަމުގައި ވަޒީފާ އަދާކުރާ ކަމެވެ. ނަން އޮޅުވާލާ ފެންވަރަށް ވުރެ މަތީ ވަޒީފާއެއް އެހެން މީހުންގެ ލޮލުގައި އަނދުން އަޅުވައިގެން ހުރެ ކުރަމުންދާ ކަމުގެ ތުހުމަތުތައް ރިޕޯޓުގައި ސާފު ހެއްކާއެކު ބުނެދެމުންދިޔެއެވެ. ދިރިހުއްޓާ މަރު އައިސް އާރިޔާ ވަށާލިފަދައެވެ. ތަނުގައި ތިބި މީހުންގެ މަލާމާތާއި ހުނުމުގެ އަޑާއެކު އެތަނުގައި ހުންނަންވެސް ޒައުލްއަށް އުނދަގޫވިއެވެ. ޒަކްވާން އާއި މާލިކުއަށްވެސް ލިބުނީ ކުއްލި ސިހުމެކެވެ. ބަރު ފިޔަވަޅުތަކެއް އަޅަމުން ޒައުލް އެތަނުން ނިކުމެގެން ދިޔައީ ހިތްކުދިކުދިވެފައިވާ ހާލުގައެވެ.
ރިޕޯޓް ނިންމާލަމުން އެމައުލޫމާތު ހޯދުމަށް އެހީތެރިވެދިން ނޫސްވެރިޔާ ރާނިޔާއަށް ދާރިޔާ ޝުކުރު އަދާކުރިއެވެ. އައިރުޅިން ޒަކްވާނައަށް ދަތްކުނޑި ވިކާލެވުނެވެ. އެމަންޒަރުން ހިތަށް އެންމެ ފުން ރިހުމެއް ލިބެމުންދިޔައީ ބަލިއެނދުގައި އޮވެ އެމަންޒަރު ބަލަމުންދިޔަ އާރިޔާގެ ބައްޕަ އަށެވެ.
ނިޒާރުގެ ހިތަށް އެވަގުތު ވެރިވަމުން ދިޔަ ޝުއޫރުތަކުން އޭނާގެ ހަށިގަނޑަށް ވަމުންދާގޮތް ފެނި ކައިރީގައި ހުރި ޑޮކްޓަރު ކަމާލްއަށް ހާސްކަން ލިބެމުން ދިޔައެވެ.
ދެއަތުގެ ނުފުށުން ލޯފޮހެމުން މިސްރާބެއް ނެތި ފައިވާން އަތަށް ލައިގެން ބާރު ހިނގުމެއްގައި ދިޔަ އާރިޔާ ހިނގަމުންދިޔައެވެ. ތޮއްޖެހިފައިވާ މަގުން ނިކުމެ އާޓިފިޝަލް ބީޗާ ހަމައަށް ނިކުމެވުނުއިރު އޭނާއަށް ގިސްލެވެއެވެ. ނަސީބު ދެރަކަމުން އޭނާއަށް އާދެވުނީ ފޯނުވެސް އެތަނަށް ދޫކޮށްލައިފައެވެ.
ނިޒާރުގެ ހާލު ގޯސްވެގެން ހޮސްޕިޓަލުން އާރިޔާ އަށް ގުޅަމުން ދިޔައެވެ. މަސައްކަތުގެ ފުރަތަމަ ދުވަހު ޑރ. ކަމާލް ހުރީ ހާސްވެ ކަންބޮޑުވެފައި ނަމަވެސް މިހާރު އޭނާ ބަލަން އެއުޅޭ ޕޭޝަންޓަކީ އޭނާއަށް އިންތިހާއަށް މުހިންމު ޕޭޝަންޓެކެވެ. ސަބަބުތައް ބައިވަރެވެ. އެހެން ކަމުން ކަމާލް ބެލީ ހޮސްޕިޓަލުން ދެވެން އޮތް އަވަސް ފަރުވާ އެންމެ ރަނގަޅު ގޮތުގައި ނިޒާރުއަށް ދިނުމަށެވެ. އެހެން ކަމުން އޭނާގެ ވާޖިބު ފުރިހަމައަށް އަދާކުރަމުންދިޔައެވެ.
ދާރިޔާ ކަންތައް ކުރިގޮތުން މާލިކު ހުރީ އިންތިހާއަށް ރުޅި އައިސްފައެވެ.
" ދާރިޔާ، ހިތުން ވަރަށް މޮޅުކަމެއް ދޯ ތިކޮށްލީ ، ތި ވައްޓާލީ މަގޭ ކުންފުނީގެ އަގު، މީހަކާ ދޭތެރޭ އޮންނަ ހަސަދަވެރިކަމެއް ކިތަންމެ ބޮޑުވިޔަސް ތިހެން ކަންތައް ކުރުމުން އަހަރެމެންނަށް ލިބޭ ގެއްލުން މާބޮޑު ވާނެ" މާލިކު ހުރީ ރުޅި އައިސް ރަތްވެފައެވެ.
"މޯމް ވަޓް ހޭވް ޔޫޑަން" ޒަކްވާން ހުރީ މަންމަ އެކަމުގެ ތެރެއަށް ރާނިޔާ ވެއްދީތީ ވަކީން ބޮޑަށް ރުޅި އައިސް ފައެވެ.
"އެވަރުގެ މަކަރުވެރިއެއް މިގޭ ތެރެއަށް ފުންމާލަން އުޅޭއިރު ހުރިހާ ކަމެއް ނޭނގޭ ކަމަށް ހެދިގެން އަހަރެންވީ ހުންނަންތަ؟ ދާރިޔާ ވާހަކަދެއްކީ އޭނާއަށް ކުރެވުނީ ވަރަށް މޮޅު ކަމެއްކަން އަމިއްލަޔަށް ގަބޫލުކުރާ ހާލުގައެވެ.
"މީހެއްގެ ދިރިއުޅުމަށް މީހަކު އަންނަނީތޯ ބެލުން އެއީ ދާރިޔާ ކުރަން ޖެހޭ ކަމެއް ނޫން. ޒައުލް އަކީ އަހަރެންގެވެސް ދަރިއެއް އޭނަ އަޅާ ކޮންމެ ފިޔަވަޅެއް އަހަރެންވެސް ގާތުން ބަލަން، މިރޭ ތިކުރީ ދާރިޔާގެ ފަރާތުން ފެނިދާނެ ކަމަށް އަހަރެން ހީވެސް ނުކުރާ ކަހަލަ ކަމެއް. ތިކަމުން ވެއްޓޭނީ އެއަންހެން ކުއްޖާގެ އަގު އެކަނި ކަމަށްތަ ހީކުރަނީ؟"
"ޝާނާ" (އާރިޔާގެ އަސްލު ނަން)
ފަހަތުން މީހަކު އޭނާއަށް ގޮވާލުމުން ޝާނާ ދިޔައީ ސިހިގެންނެވެ. ކުރިމަތިން ދިގު ހިޔަންޏެއް ފެންނަން ހުރި އިރު އެމީހާ އަތުގައި ދިގު އެއްޗެއް އޮތެވެ.
ޝާނާ އަށް އެއްވެސް ހަރަކާތެއް ގެންނާކަށް ނުކެރުނެވެ. އެމީހަކު އޭނާއަށް އެ ގޮވާލީ ފުން ކަނޑެއްގެ ތެރޭގައި އޭނާގެ ހިއްސުތައް ޢަރަގު ވަނިކޮށެވެ. އެހެން ކަމުން ފަހަތުން އިވުނީ ކާކުގެ އަޑެއް ކަމެއްވެސް އޭނާއަކަށް ފަހުމެއް ނުވިއެވެ. އޭނާގެ ހިޔާލުގެ ރާޅުގެ ހޮޅިނަގައި ބޯމަތި ކޮށްދިނީ ޖަމާލުގެ ނުލަފާ ހިޔަންޏެވެ. އެއާއެކު ކުރިމަތީން އަންނަ ރާޅުބާނީގެ ބޭރުން އަނދިރީގެ ތެރެއަށް ގެއްލިފައިވާ ކަނޑުގެ ފިނިކަން އޭނާ ވަށާލިއެވެ.
ގޮނޑުދޮށަށް ބީއްސާލި ރާޅާއެކު ސިހިފައި ފަހަތަށް ޖެހިލެވުނުއިރު ޝާނާއަށް ފަހަތުގައި ހުރި މީހަކު އޭނާއާ ކައިރިވާތަން ކުރިމަތިން ފެންނަން ހުރި ހިޔަނިން ފެނުނެވެ. އެއީ ޖަމާލެއް ނޫނެވެ. ޒައުލް އެއްވެސް ނޫނެވެ. އަންހެނެކެވެ. ދެވަނަ ފަހަރަށް އެމީހާ ގޮވާލުމުން ޝާނާއަށް އެމީހާއާ ކުރިމަތިލާން މަޖުބޫރިވިއެވެ. އެވަގުތު......
(ނުނިމޭ)