ޚަބަރު

ހައިވޭގައި އެކްސިޑެންޓްތައް ގިނަކަމުން ކޮންމެ ދުވަހަކު މާލެ ނުގެންނަންވެގެން ދަރިފުޅު ހުޅުމާލޭ ސްކޫލަށް ބަދަލުކޮށްފި

6

ބުރިޖު ހައިވޭގައި ހިނގާ އެކްސިޑިންޓުތައް ގިނަކަމުން، ކޮންމެ ދުވަހަކު މާލެއަށް ނުގެންނާން ވެގެން ބައްޕައަކު އޭނާގެ ދަރިފުޅު ހުޅުމާލޭ ސކޫލަކަށް ބަދަލުކޮށްފި އެވެ.

"ވަން އޮންލައިން"އަށް އެނގިފައިވާ ގޮތުގައި މާލޭގެ ޖަމާލުއްދީން ސްކޫލުގެ ގްރޭޑް ދޭއްގައި ކިޔަވަމުން ދިޔަ އުމުރުން ހަތް އަހަރުގެ އެ ކުއްޖާ ބަދަލުކުރީ ހުޅުމާލޭ ހުރަވީ ސްކޫލަށެވެ.

މިދިޔަ އަހަރުވެސް އަދި މި އަހަރުގެ ކިޔެވުން ފެށިގެން ވެސް ޖޭއެސްގައި ކިޔަވަމުން އައި އެ ދަރިވަރު ހުޅުމާލޭ ސްކޫލަށް ބަދަލުކޮށްފައި ވަނީ މީގެ ކުޑަދުވަސްކޮޅެއް ކުރީންނެވެ.

"މި އަހަރުގެ ސްކޫލު ފެށުމުން ވެސް އަޅުގަނޑުގެ ވިސްނުން އޮތީ ޖޭއެސްގައި ދަރިފުޅު ބަހައްޓަން. އެއީ ޖޭއެސްއަކީ ރާއްޖޭގެ ސްކޫލުތަކުގެ ތެރެއިން ކިޔެވުން އެންމެ ރަނގަޅު އެއް ސްކޫލު ކަމަށް ވާތީ. އަދި އިތުރު ހަރަކާތްތަކަށް ބަލާއިރު ދަރިވަރުންނަށް ވަރަށް ރަނގަޅު ސްކޫލެއް އެއީ. އެކަމަކު ބުރިޖު ހުރަސްކޮށް ދަތުރުކުރުމަކީ އެއްވެސް ރައްކާތެރިކަމެއް ނެތް ކަމެއްގެ ގޮތުގައި މި ފާހަގަވަނީ. އެހެންވީމަ ޖޭއެސް ކިތަންމެ ރަނގަޅަސް ބަހައްޓަން ބޭނުން ނުވީ." ކުއްޖާގެ ބައްޕަ ވަން އޮންލައިންއަށް ކިޔައިދިނެވެ.

އޭނާ ބުނީ ހަތް އަހަރުގެ އެ ދަރިފުޅު ބުރިޖު ހުރަސްކޮށް ކޮންމެ ދުވަހަކު މަދު ވެގެން ދެފަހަރު މާލެއަށް ގެންނާން ޖެހޭ އިރު، ބުރިޖުމަތީން ކުރާން ޖެހޭ ދަތުރުތައް ވީ ވަރަކުން މަދުކުރުމަކީ ސަލާމަތީގޮތުން އެޅޭ އިތުރު ފިޔަވަޅެއް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

މި އަހަރުގެ ކިޔެވުން ފެށި އިރު، ދިރިއުޅުން ވެސް ހުޅުމާލެއަށް ބަދަލުކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް ދަރީންގެ ކިޔެވުން ބަދަލުނުކޮށް ބެހެއްޓީ، އެކުދީން ފެށުނީއްސުރެ ކިޔަވަމުން އައި ސްކޫލު ކަމަށްވެފައި ޖޭއެސްއަކީ ވަރަށް ރަނގަޅު ސްކޫލެއް ކަމަށް ވާތީ ކަމަށް ކުއްޖާގެ ބައްޕަ ބުންޏެވެ. އަދި ސްކޫލު ބަދަލުކުރާން ޖެހުނީތީ ހިތާމަކުރާ ކަމަށާއި އެއަށްވުރެ ދަރިފުޅުގެ ރައްކާތެރިކަމަށް އޮތް ރިސްކު ކުޑަކުރުމުގެ މުހިންމުކަން މާބޮޑު ކަމަށެވެ.

އޭނާ ބުނީ އުމުރުން 13 އަހަރުގެ އަންހެން ދަރިފުޅު އަދިވެސް ކިޔަވަނީ ޖޭއެސްގައި ކަމަށާއި އެކުއްޖާ ބަދަލުނުކޮށް ބަހައްޓާފައި ހުރީ އެހާ ހިސާބުން އެހެން ތަނަކަށް ބަދަލުކުރުން ރަނގަޅު ނޫން ކަމަށް ގަބޫލުކުރެވޭތީ އާއި ދަރިފުޅު ވެސް ޖޭއެސްއިން ކެނޑެން އެއްބަސް ނުވެގެން ކަމަށެވެ. އެކަމަކު ސަލާމަތީ ގޮތުން ބަލާ އިރު އެންމެ ރަނގަޅީ އެކުއްޖާވެސް ބަދަލުވުން ކަމަށް ގަބޫލުކުރާ ކަމަށް އޭނާ ބުންޏެވެ.

"އަސްލު ހަތް އަހަރުގެ ދަރިފުޅު ގޮވައިގެން ސްކޫލަށް އަންނަ އިރު، ފުރަތަމަކޮޅު އަޅުގަނޑަށް ފާހަގަވިގޮތުގައި އެކުއްޖާ ސައިކަލުގެ ފަހަތުގައި އިންނަނީ ވެސް ނިދާފަ. އެއީ ދިގު ދަތުރެއް ވީމަ ވާގޮތެއް. ދެން ފަހުން ފަހުން އަޅުގަނޑު ހަދާގޮތަކީ މާލެއަށް އާދެވެންދެން ކޮންމެވެސް ވާހަކައެއް ދައްކަމުން ދުއްވަނީ." ކުއްޖާގެ ބައްޕަ ބުންޏެވެ.

އޭނާ ބުނީ މިހާރު ސްކޫލުތަކުގެ ކިޔެވުމުގެ މާހައުލު އޮންނަ ގޮތުން ދުވާލަކު އެތައް ފަހަރަކު ސްކޫލަށް ގެންދާން ޖެހޭ ކަމަށާއި އެގޮތަށް ނުގެންދެވޭ ނަމަ ދަރިވަރަށް ބޭނުންވާ އެންމެ ރަނގަޅު ތައުލީމާއި ތަރުބިއްޔަތު ވެސް ނުލިބޭނެ ކަމަށެވެ. އެކަމަކު ދުވާލަކު އެތައް ފަހަރަކު ބުރިޖު ހުރަސްކޮށް ކުޑަކުޑަ ކުއްޖަކު ގޮވައިގެން މާލެއަށް އައުމަކީ މިހާރު މިހިނގާ އެކްސިޑެންޓުތަކަށް ބަލާ އިރު ދަރިފުޅަށް އެންމެ ސަލާމަތްތެރި އަދި ރައްކާތެރި ގޮތް ކަމަށް ގަބޫލު ނުކުރެވުނީ ކަމަށެވެ.

"މީގަ އަނެއްކާ މިވާގޮތަކީ، އަޅުގަނޑު ދަރިފުޅު ގޮވައިގެން ކިތަންމެ ގަވައިދުން ދުއްވިޔަސް ޔަގީންކަމެއް ނޯވޭ. އެހެން މީހުން އެ ދުއްވަނީ އެމީހަކު ހިތުހުރި ގޮތަކަށް. ކައިރީން ބޫން އަޅާފަ އަށްޑިހައިގަ ނޫނީ ސަތޭކައިގަ އެދާ ވެހިކަލްތައް ފެނުމުން މޭގަނޑު އަނގަޔަށް އާދޭ. އަދި އެފަދަ ކޮންމެ ވަގުތަކު ދަރިފުޅުވެސް ބިރުން އަޅުގަނޑުގެ ގައިގައި ބާރަށް ބައްދައިގަނޭ. މީ ހާލަތު ހުރި ގޮތް." އޭނާ ބުންޏެވެ.

ކުއްޖާގެ ބައްޕަ ބުނީ، ހުރަވީ ސްކޫލަކީ އިހަށްދުވަހު ހުޅުވި ތަނެއް ކަމަށާއި އެތަނުގެ ކަންކަން އަދި މުޅީން ފުރިހަމަވެސް ނުވާ ކަމަށާއި އެހެން ނަމަވެސް އުއްމީދުކުރަނީ ސްކޫލު ބަދަލުކުރުމުން ދަރިފުޅުގެ ތައުލީމާއި ތަރުބިއްޔަތަށް ލިބުނީ ދެރައެއް ކަމުގެ އިހުސާސް ފަހުން ކުރާން ނުޖެހޭނެ ކަމަށް ކަމަށެވެ.

ކުއްޖާގެ ބައްޕަ އިތުރަށް ބުނީ، ދަރިފުޅު ސްކޫލް ބަދަލުކުރުމުގެ މައިގަނޑު ސަބަބެއް ކަމަށް އެޑިޔުކޭޝަނުގައި އެދުނީ އެއްދަންފަޅީ ސްކޫލަކަށް ވާތީ ބަދަލުކުރާން ބޭނުން ކަމަށެވެ. އެހެން ނަމަވެސް އެޑިޔުކޭޝަނަށް ލީ ސިޓީގައި ވެސް ހައިވޭގެ އެކްސިޑެންޓުތައް ދަރިފުޅުގެ ރައްކާތެރިކަމަށް ބަލާ އިރު ރިސްކަކަށް ވެފައިވާ ވާހަކަ ލިޔުނު ކަމަށެވެ.

އޭނާ އިތުރަށް ބުނީ، އެކްސިޑެންޓުތައް ގިނަވެ ކަމެއްވާ ކޮންމެ ފަހަރަކު ފޮޓޯތަކާއި ވީޑިއޯތައް ލައި ކޮންމެ މީހަކުވެސް އެއްޗެހި ކިޔަނީ ކޮންމެވެސް މުއައްސަސާއަކަށް ނޫނީ ސަރުކާރަށް ކަމަށާއި އެހެން ނަމަވެސް ކޮންމެ މީހަކުވެސް އެމީހެއްގެ ފަރުދީ ޒިންމާ އަދާކުރާން ފެށުމުން މި މައްސަލަ މުޅީން ހައްލުވެ ބުރިޖު ހައިވޭ އަދި އެނޫން މަގުތައް ވެސް އަމާން ތަނަކަށް ވެގެން ދާނެ ކަމަށެވެ.

ބުރިޖު ހައިވޭގެ އެކްސިޑެންޓް ތަކާ ގުޅިގެން ކުއްޖެއްގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް، އެކުއްޖާގެ ސްކޫލު ބަދަލުކުރިކަން މީގެ ކުރީން އެނގިފައެއް ނުވެ އެވެ.