އެސްޓީއޯ

ޔާސިރު އެސްޓީއޯ ބޯޑުން ވަތްކެއް ނުކުރަން، އޭނާ ގަބޫލުނުކުރެއްވީ: ޕީސީބީ

އެސްޓީއޯ ބޯޑުން އިސްމާއީލް ޔާސިރު ވަކި ނުކުރައްވާ ކަމަށާއި ބޯޑު މެންބަރު ކަމުގެ މަގާމު އޭނާ ގަބޫލު ނުކުރެއްވީ ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ބުނެފި އެވެ.

"ވަން އޮންލައިން"އަށް މައުލޫމާތު ދެއްވަމުން ޕީސީބީގެ ރައީސް މުހައްމަދު ނިޒާރު ވިދާޅުވީ، ބޯޑު ތަކަށް މެންބަރުން އައްޔަން ކުރައްވަން ރައީސުލްޖުމްހޫރިއްޔާ ނަންތައް ނޮމިނޭޓް ކުރެއްވުމުން، އެ ބޭފުޅުންގެ މައުލޫމާތު ދިރާސާކޮށް، ޕީސީބީގެ ބޯޑުން އެއިން ނަމެއް ފާސްވެއްޖެ ނަމަ، މަގާމު ގަބޫލުކުރައްވައިތޯ ބެލުމަށް ސިޓީއެއް ފޮނުއްވާ ކަމަށެވެ.

"ބޯޑު ތަކަށް މި އައްޔަންކުރާ ހުރިހާ ބޭފުޅުންނަށް ވެސް މި ދަންނަވާ ސިޓީ ލިބިވަޑައިގަންނަވާނެ. ދެން އެބޭފުޅުން ޖެހިވަޑައިގަންނަވާނެ އެ މަގާމު ގަބޫލުކުރެއްވިކަން ލިޔުމަކުން އަޅުގަނޑުމެންނަށް އަންގަން. އެއަށް ފަހު ދެން އަޅުގަނޑުމެން އެ މީހަކު އައްޔަން މި ކުރަނީ." ނިޒާރު ވިދާޅުވި އެވެ.

ނިޒާރު އިތުރަށް ވިދާޅުވީ، އެ ގޮތުން ޔާސިރު ސިޓީ ފޮނުއްވީ މަގާމު ގަބޫލުނުކުރައްވާ ކަމަށް ކަމަށާއި އެހެން ކަމުން ޕީސީބީން ކުރެއްވި ކަމަކީ، މަގާމު ހުށަހަޅުއްވާފައިވާކަން ބަޔާންކޮށް ފޮނުވި ސިޓީ ބާތިލުކުރުން ކަމަށެވެ.