ކުޅިވަރު

ޕޮއިންޓު ފަރަގު ކުޑަކުރަން ލިބުނު ފުރުސަތު ނިއުރޭޑިއަންޓަށް ގެއްލިއްޖެ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗު ވިކްޓަރީ ސްޕޯރޓްސް ކްލަބް އާއި އެއްވަރުވެ، ލީގުގައި ޓީސީ ސްޕޯރޓްސް ކްލަބް އާއި ދެމެދު އޮތް ފަސް ޕޮއިންޓުގެ ފަރަގު ކުޑަކުރަން ލިބުނު ރަނުގެ ފުރުސަތު ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބަށް ގެއްލިއްޖެ އެވެ.

އިއްޔެ ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

މި ނަތީޖާއާއި އެކު ނިއުއަށް ހަތް މެޗުން ލިބިފައިވަނީ 14 ޕޮއިންޓެވެ. އެއްވަނައިގައި 18 ޕޮއިންޓާއެކު އޮތް ޓީސީ ވަނީ މިހަފްތާ ކުޅުނު މެޗުން ކްލަބް ގްރީން ސްޓްރީޓްސް އަތުން ބަލިވެފައެވެ. އެހެންކަމުން، މިމެޗު ކާމިޔާބުކޮށް ޓީސީ އާ ދެމެދު އޮތް ފަރަގު ދެ ޕޮއިންޓަށް ގާތްކުރުމުގެ ފުރުސަތު ނިއުއަށް އޮތެވެ.

މި މެޗަށް ނިއުއިން ނިކުތީ އެޓީމުގެ ކެޕްޓަން އަދި މި ސީޒަނުގައި އެޓީމަށް އެންމެ ގިނަ ގޯލު ކާމިޔާބު ކޮށްދީފައިވާ އަލީ ފާސިރު (ސެންޓޭ) އާއި ބިދޭސީ ފޯވާޑު އަތުހިއޭ ކިޕްސަން އާއި ޑިފެންޑަރު އަކުރަމް އަބްދުލްޤަނީ ފުރަތަމަ އެގާރައިގައި ނުހިމަނައެވެ.

ވިކްޓަރީން ނިކުތީ ދާދިފަހުން އެޓީމުގެ ކޯޗަކަށް އައްޔަނުކުރި މުޙައްމަދު ނަޒީހުގެ އިރުޝާދުގެ ދަށުންނެވެ. ވިކްޓަރީ ވަނީ އެންމެފަހުން ޓީސީއާއި ދެކޮޅަށް ކުޅެންއޮތް މެޗަށް ހާޒިރު ނުވެފައެވެ. ޓީމަށް ދިމާވެފައިވާ މާލީ ހާލަތުގެ މައްސަލަތަކާހުރެ ޓީމުގެ އެކްޓިވް ބައެއް ބޯޑު މެންބަރުންގެ އެންގުމާ ގުޅިގެން އެޓީމު އެ މެޗަށް އައިސްފައިނުވާއިރު، ޗެއާމަނަކަށް ހުރި މުހައްމަދު އިސްމާއިލް އާއި ވައިސް ޗެއާމަން އަލީ އާރިފް ވަނީ ދާދިފަހުން އިސްތިއުފާ ދީފައެވެ.

އިއްޔެގެ މެޗުގެ ފުރަތަމަ ހާފުގައި ލަނޑުޖަހަން އެންމެ ރަނގަޅު ފުރުސަތެއްލިބުނީ ނިއުގެ ހަމްޒާ މުހައްމަދަށާއި މުހައްމަދު އުމެއިރަށެވެ. އޭރިއާ ބޭރުން ހަމްޒާ ފޮނުވާލި ބާރުބޯޅަ ވިކްޓަރީގެ ކީޕަރު މުޙައްމަދު އިމްރާން މަތަކުރިއިރު، އުމެއިރު ފޮނުވާލި ހިލޭޖެހުންވެސް އިމްރާން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.

މެޗުގެ ދެވަނަ ހާފުގައި ވިކްޓަރީން ކުޅެމުން ގެންދިޔައީ ކައުންޓަރ އެޓޭކިންގ ގޭމެކެވެ. އޭގެ ނަތީޖާއެއް ގޮތުން، މެޗުގެ 59 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ކޯނަރަކުން ހުސައިން ނިހާން (ނިހާޓް) ވަނީ ލީޑު ނަގައިދީފައެވެ. ނިހާޓް މިލަނޑު ކާމިޔާބުކުރީ ވިކްޓަރީގެ ކޯނަރު ނިއުގެ ޑިފެންޑަރުންނަށް ސާފު ނުކޮށްލެވިގެން އުޅުނު ވަގުތު ގޯލުގެ މެދަށް ބޯޅަ ފޮނުވާލައިގެންނެވެ.

ވިކްޓަރީގެ މިލަނޑާއެކު އެޓީމުން ބޮޑަށް ބެލީ ޑިފެންސް ކޮށްގެން ލީޑު ހިފެހެއްޓުމަށެވެ. ނަމަވެސް، މެޗުގެ 75 ވަނަ މިނެޓުގައި ނިއުއަށް ލިބުނު ހިލޭޖެހުމަކުން އަލީ ފާސިރު (ސެންޓޭ) ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ސެންޓޭ ލަނޑު ޖެހުމުގެ ކުރިން ލިބުނު ހިލޭޖެހުން އޭނާ ފޮނުވާލިނަމަވެސް އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. މެޗުގެ ފަހު ދިހަ މިނެޓުގައި ނިއުއިން އިތުރު ލަނޑެއް ޖަހަން ގިނަ މަސައްކަތްކަތެއް ކުރިނަމަވެސް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވިކްޓަރީގެ ހުސައިން ނިހާންއެވެ.