ސަރުކާރު ހުޅުވުމާއެކު މޯހަންދާސް އަޒްކާގެ އެދުން ފުރިހަމަކޮށްދޭން މަސައްކަތް ފެށިއެވެ. އެކަން މޯހަންދާސް ހަވާލުކުރީ ނާހިދާއެވެ. ޕާސްޕޯޓް ސައިޒްގު ފޮޓޯކޮޅެއް ބޭނުންވާތީ އަޒްކާ ބޭރަށް ނިކުތީ ފޮޓޯކޮޅެއް ނަގަންދާށެވެ. ޓެކްސީއަކަށް ގުޅައިގެން ގޭދޮރުމަތީގައި ހުއްޓާ ކައިރީގައި ސައިކަލެއް އައިސް މަޑުކޮށްލިއެވެ. ސިހިފައި އަޒްކާ ބަލައިލިއެވެ. ވިލު ނޫކުލައިގެ އަތްދިގު ގަމީހަކާއި ކަޅު ކުލައިގެ ފަޓްލޫނުގައި ހުރި ނާހިދު އަޒްކާއަށް ބަލައިލިއެވެ. އަދި ލޮލުގައި އަޅާފައި އޮތް އަވި އައިނު މައްޗަށް ޖައްސައިލަމުން ސައިކަލަށް އެރުމަށް އަޒްކާގެ ކައިރީގައި އެދުނެވެ.
"ޓެކްސީއަށް ގުޅައިގެން މިހުރީ" ހަޤީޤަތުގައި ނާހިދުގެ ސައިކަލް ފަހަތަށް އަރަން އަޒްކާ ޖެހިލުންވީއެވެ. ނާހިދު އެދެމެދުގައި ދުރުމިނެއް ބަހައްޓާތީއެވެ.
"އޯވް... ސޮރީ.... އެކަމަކު ބައްޕަ ބުނުއްވައިގެން މިއައީ. އެނގޭ މި ސައިކަލް ފަހަތަށް އަރަން އަޒްކާ ބޭނުން ނުނެވާކަން. އެކަމަކު މިފަހަރު އަރަންތާ ޖެހޭނީ. އެހެންނޫނީ ބައްޕަ ދެކިލައްވާނީ ކިހިނެއް؟" ދުރަށް ބަލަހައްޓައިގެން އިނދެ ނާހިދު ބުނެލިއެވެ. އަޒްކާ ބަލަހައްޓައިގެން ހުރީ ނާހިދުގެ މޫނަށެވެ. ބަސް އުކަން ކުޅަދާނަ ފިރިހެނެކެވެ.
"ނާހިދު ކީއްވެތަ ތިކަހަލަ ވާހަކަދައްކަނީ. އަހަރެން ދެރަކުރަންތަ ބޭނުންވަނީ..." އަޒްކާ ބުނެލިއެވެ.
"އަހަރެންނަށް ބުނެވުނު ބަހަކުން އަޒްކާ ދެރަވިނަމަ އެއީ އަހަރެން ނުބުނާ ވާހަކައެއް. އަދި އެކަމަށް މައާފަށްވެސް އެދެން " ނާހިދު ވާހަކަދެއްކިއެވެ. އަޒްކާ ނާހިދުގެ ފަހަތުގައި އަރައި އިށީނެވެ. ހީލަމުން ނާހިދު ސައިކަލް ކުރިއަށް ދުއްވާލިއެވެ.
"ކީއްވެ ކުރިން ނުބުނީ އަޒްކާ ނަރުހަކަށްވާން ބޭނުންވާ ވާހަކަ" ނާހިދު އަހާލިއެވެ.
"ނާހިދު ނުވެސް އަހަމެއްނު" އަޒްކާ ބުނެލިއެވެ.
"ދެން ކިހިނެއް ހަދަން ވިސްނަނީ. ވަޒީފާއަދާކޮށް ރުފިޔާ ލިބެންފެށީމަ މިގެއިން ދާނީތަ؟" ނާހިދު އަހައިލިއެވެ. ސައިކަލުގެ ލޯގަނޑުން ފެންނަމުން ދިޔަ އަޒްކާގެ މޫނަށް އޭނާ ދިޔައީ ބަލަމުންނެވެ. އެކަން އަޒްކާއަށް ނޭނގޭއެވެ.
"ނާހިދު ބޭނުންވަނީ އަހަރެން ފޮނުވާލަންތަ؟" އަޒްކާ ބުނެލިއެވެ.
"ނޫން. އަޒްކާ ދާންއުޅޭހެން ހީވާތީ. ﷲ އިރާދަކުރެއްވީތީ ދުވަހަކަށްފަހު ދުވަހެއް އަޒްކާ ތިއަންނަނީ ރިކަވަރ ވަމުން. އަދި މިހާރު ހިތްއެދޭ ކަންތައްތައް ވާންފެށީމަ ރިކަވަރވަމުން އަންނަ މިންވަރު އަވަސްވާނެތާ" މަލާމާތުގެ ރާގެއްގައި ނާހިދު ވާހަކަދެއްކިއެވެ.
"އަހަރެން ހިތްއެދޭ ކޮންކަމެއް ހާސިލްވީ" އަޒްކާ އަހާލިއެވެ.
"އަޒްކާގެ ޒަމާންވީ ލޯބި. ނުބުންޏަސް އެނގޭ ހުރިހާ އެއްޗެއް. ކުރީ ދުވަހު ކޮޓަރިތެރެއިން ފެނުނު މަންޒަރުވެސް...." އެހާ ހިސާބަށް ވާހަކަ ދިޔަތަނާ ފޮޓޯނަގާ ތަނަށް އާދެވިއްޖެއެވެ. އަޒްކާ ސައިކަލުން ފޭބިއެވެ.
"އަޒްކާއާ އެއްކޮށް އަހަރެން ވަަދޭތަ؟" ނާހިދު އަހާލިއެވެ.
"ނޯ ތޭންކްސް....ދިޔުމުގެ ކުރިން އެއްވާހަކަ. ލޮލަށް ފެންނަ ކޮންމެ މަންޒަރަކީ ބައެއްފަހަރު ހަގީގަތަކަށް ނުވެ ހިނގައިދާނެ. ބައެއް ހާލަތްތަކުގައި ތިމާގެ ލޯ ވެސް އެބަހުރި ތިމާއަށް ކެހިދީފަ... މިއީ ވަރަށް ވާހަކަ. މިކަމާ ވިސްނާލައްޗޭ!..... ދެން ދަނީ...." އަޒްކާ އެތެރެއަށް ވަންނަން ހިނގައިގަތެވެ.
"މަޑުކޮށްބަ..... އަން މިހިފައިގެންދޭ. ކޮންމެކޮންމެ މީހަކު އެއްވެސް އަގަކާ ނުލައި ފޮޓޯ ނަގައެއްނުދޭނެ" ވޮލެޓުން ފަސް ސަތޭކަ ރުފިޔާގެ ނޫޓެއް ނަގައި ދިއްކޮށްލަމުން ނާހިދު ބުނެލިއެވެ.
"ބޭބޭ ރުފިޔާ ދީފަ ހުރީ. ޑޯންޓް ވޮރީ...." އަތުގައި އޮތް ވޮލެޓް ނާހިދަށް ދައްކައިލަމުން އަޒްކާ ބުނެލިއެވެ. އަދި ހިނގައިގަތެވެ. ނާހިދު އިނީ އަޒްކާއަށް ބަލަހައްޓައިގެންނެވެ. ގަދަ ފިޔާތޮށި ކުލައިގެ ޓޮޕްކޮޅަކާއި އައިސް ބްލޫ ކުލައިގެ ޖިންސުގައި އަޒްކާ ވަރަށް ރީއްޗެވެ. އޭނާގެ ބުޅި އިސްތަށިގަނޑުވެސް އެއްކޮށްލާފައި މައްޗަށް އައްސާލާފާއި ހުރިގޮތުން ބަލައިލި މީހަކަށް އެހެން ދިމާއަކަށް ނަޒަރު ބަދަލުކޮށްލަން އުނދަގުވާނެއެވެ. ހާމައަށް ފެންނަން އޮތް އަޒްކާގެ ދޮން ކަނދުރާގައި ބީހިލަން ނާހިދުގެ ހިތް އެދުނެވެ. އަޒްކާއާ ދިމާއަށް ބަލައިލެވިއްޖެނަމަ ގިނަފަހަރަށް ނާހިދަށް ޖެހޭނީ އެހެން ދިމާއަކަށް ބަލަން އޭނާގެ އަމިއްލަ ނަފްސާ ވަރުގަދަ ހަނގުރާމައެއް ކުރާށެވެ. ހަމަ ރަނގަޅަށްވެސް އެ އަންހެންކުއްޖާ އޭނާ މޮޔަކޮށްފިއެވެ.
************************
މޯހަންދާސްއާއި ނާހިދުގެ އެތައް މަސައްކަތަކަށްފަހު ޖެހިގެން އައި މަހު އަޒްކާއަށް ކިޔަވަންފެށޭ ވަރުވިއެވެ. ދައުލަތުން ބަލަހައްޓަމުން އަންނަ ކުއްޖަކަށްވާތީ އަޒްކާއާއި ގުޅޭ ލިޔެކިޔުންތަކާއި ސެޓްފިކެޓްތައް ހޯދުންވީ ހީކުރި ވަރަށްވުރެ އުނދަގޫ މަސައްކަތަކަށެވެ. އެމަސައްކަތްތަކުގެ ތެރެއިން އަޒްކާގެ ބެލެނެވެރިކަންވެސް އިނާޝާއާއި މޯހަންދާސް ހޯދިއެވެ. ގާނޫނީގޮތުން އަޒްކާގެ މިހާރުގެ ބެލެނިވެރިޔާއަކީ އިނާޝާއެވެ.
************************
ރޭގަނޑެވެ. ނުވައެއްޖަހަން ގާތްވަނީއެވެ. ފަޒާ ސިޓިންގރޫމުގައި ދެކޮޅަށް ހިނގާލަހިނގާލަ ހުއްޓެވެ. އޭނާގެ މަންމަގެ ގެއަށް ގެންގޮސްދޭން ބަލައި އައުމަށް އެދި އެތައް ފަހަރަކު މާހިލްގެ ނަންބަރަށް ގުޅިއްޖެއެވެ. ބުރުހާނުއްދީން ކޮޓަރިން ނިކުތީ އެގޮތަށް ފަޒާ ހުއްޓައެވެ.
"ކިހިނެއްވެފަ ތިހުރީ؟.." ބުރުހާނުއްދީން އަހާލިއެވެ. ވަގުތުން ފަޒާ އިސްޖަހައިލިއެވެ. އޭނާ ބުރުހާނުއްދީނާ އަބަދުވެސް ވާހަކަދައްކަނީ އިސްއޮބާލައިގެން ހުރެއެވެ. އެއީ ކުރެވޭ އިހުތިރާމެއްގެ ބޮޑުކަމުންނެވެ. އަދި ދުވަހަކުވެސް ހިނިތުންވުމަކާއެކު ބުރުހާނުއްދީން އޭނާއާ ވާހަކަދައްކާފައި ވެސް ނުވާތީއެވެ.
"ހަމަ ހުރީ.... ބައްޕަ ތަނަކަށް ދުރުވަނީތޯ؟.." އަދަބުވެރިކަމާއެކު ފަޒާ އަހާލިއެވެ.
"އާނ.... މިދަނީ ބައްދަލުވުމަކަށް. ކޮބާ މާހިލް؟ ގެއިން ބޭރުން ތަނަކަށް މިވަގުތު ދަންޏާ މާހިލް ގޮވައިގެންދާތީ" އަތުގައި ގަޑިއަޅަން ހުރި ބުރުހާނުއްދީން ބުނެލިއެވެ.
"ލައްބަ. މާހިލްއަށް ގުޅައިގެން މިހުރީ. މިހާރު އެބައާދޭ" ފަޒާ ބުނެލިއެވެ. ބުރުހާނުއްދީން ދިޔުމުން ފަޒާ ހަމަޖެހުމުގެ ނޭވާއެއް ބޭރުކޮށްލިއެވެ. އަދި ފޯނުން ގަޑި ބަލައިލަމުން ހިތާއިހިތުން ޝަކުވާ ކޮށްލިއެވެ. މާހިލް ދައްކާލީ ދިހައެއްޖަހާ ބޮޑުވި ފަހުންނެވެ.
"އެކަމަކު ބޮޑުވަރެއްނު ތީ. އަހަރެން ކައިރީ ބުނިނަމަ ޓެކްސީއެއްގައި ދާށޭ... އޭރުން އަހަރެން މާލްއަކަށް އުނދަގުލެއް ނުކުރީމުހޭ" އަޒްކާ ޝަކުވާކޮށްލިއެވެ.
"އޭރުން ބައްޕަގެ ސުވާލުތަކަށް އަހަރެން ކޮންޖަވާބެއް ދޭނީ. އެހެންނޫނަސް މީ މީހުން ތަންތަނަށްދާ ގަޑިތަ؟ ދިހައެއްވިއްޔާ އެޖެހީ" ހިތްހަމަނުޖެހިފައި މާހިލް ބުނެލިއެވެ.
"އަދި ލަހެއްނުވޭ.... އަހަރެން ގުޅި ގަޑީގަތަ ތިއައީ ތިހެން ބުނަން.... ދެންވެސް ހިނގާ އަހަރެން ގެންގޮސްދޭން..." މާހިލްއާ ގާތަށް ޖެހިލަމުން ފަޒާ ބުނެލިއެވެ.
"ލަސްނުކުރާތި. އަހަރެންނަކަށް ގިނައިރު އެއްތަނެއްގައި ނީނދެވޭނެ. އެއީ އަހަރެން ވަރަށް ފޫހިވާކަމެއް" މާހިލް ބުނެލިއެވެ. އަދި ގެއިން ނިކުތެވެ. ފަހަތުން ފަޒާވެސް ނިކުތެވެ.
************************
ހެންވޭރުގައި ހުންނަ ފަޒާގެ މަންމަ ފަރީޝާގެ ގޭ ކައިރީގައި މާހިލް ސައިކަލް ޕާކްކޮށްލިއެވެ. ސައިކަލުން ފައިބައިގެން ފަޒާ ގެއަށް ވަންނަން ހިނގައިގަނެފައި ފަހަތް ބަލައިލީ ފަހަތުން މާހިލް ނާންނާތީއެވެ.
"ފަޒާ ވަދެފަ އާދޭ. އަހަރެން މިތާ ބޭރުގައި މަޑުކޮށްލާނަން" މާހިލް ބުނެލިއެވެ.
"ބިރުގަންނަނީތަ؟ މަންމައަކީ ހަންޑިއެއްނޫން. މިގަޑީގަ މަންމައާއި ބައްޕަނޫން އެހެން އެންމެން ތިބޭނީ ނިދާފަ. އެހެންނޫނަސް ބޮޑުދައިތަމެން އުޅޭނީ މަތީގަ. ދެން.... ލަދުގަނެ ޖެހިލުންވާން ތީ އަންހެނެއްތަ؟" މާހިލްއާ ކައިރިއަށް ފިޔަވަޅެއް އަޅައިލަމުން ފަޒާ ބުނެލިއެވެ.
"އަހަރެން ލަދަކުން އަދި ބިރަކުންނެއްވެސް ނޫން. މިބުނީނު ވަދެފަ އަންނާށޭ" މާހިލް ތަންކޮޅެއް ބާރަށް ބުނެލިއެވެ.
"ނޫން. ތީކީ ރަނގަޅު ގޮތެއްނޫން. މަންމަ ހީކުރާނީ ކީކޭ؟ އަނެއްކާ މިގޭ ކައިރީގައި އަހަރެމެން ތިއްބާ ޖެހިގެން މިހުރި ގޭ އައިމިނައަށް ވެސް ފެނިއްޖެ. އޭނަ މަންމަ ކައިރީ ބުނާނެ ފަޒާގެ ފިރިމީހާ ރޭ މިގެއަށް ނުވަދެ އިނީ މިތާ ބޭރުގައޭ... އޭރުން ހުރިހާ ސުވާލުތަކެއް އަމާޒުވާނީ މާހިލްއަށް" ފަޒާ ވާހަކަދެއްކިއެވެ.
ފަޒާ ކުރުނުކުރުމުން އެންމެފަހުން މާހިލް އެތެރެއަށް ވަނެވެ. ދޮރާށި ހުޅުވާލުމާއެކު ފަޒާގެ ނޭފަތުގައި ޖެހުނީ އެކި ކަހަލަ މާތަކުގެ ވަހެވެ. ވާނީވެސް އެހެންތާއެވެ. މައި ގެއަށް ވަނުމަށްޓަކައި އަކިރި ހަނި ގޯޅިއެއް ކަނޑާފައި ހުރިއިރު ގޯޅީގެ ދެފަރާތުން ވަނީ އެކި ވައްތަރުގެ މާގަސްތައް އިންދާފައެވެ. އެހިސާބަށް ދިއްލާފައިވާ އޮރެންޖް ކުލައިގެ ބޮކީގެ ފަނޑު އަލީގައި މާގަސްތައް ފެންނަނީ ވަރަށް ހުވަފެނީ ގޮތަކަށެވެ.
މައި ދޮރާ ހަމަވެފައި ފަޒާ ބެލް އަޅައިލިއެވެ. ދޮރު ހުޅުވައިލިއިރު ކުރިމަތީގައި ހުރި މުހްސިނަށް ފަޒާ ފެނުމާއެކު ހުރިހާ ދަތްތައް އެކީ ފެންނަ ވަރަށް ހީލިއެވެ.
"ދަރިފުޅުތަ! އަންގާވެސް ނުލަމެއްނު..." މުހްސިންގެ މޭގައި ބޯއަޅާލި ފަޒާގެ ބުރުގާ މަތިން ފިރުމާލަމުން ބުނެލިއެވެ.
"ހާދަގޯހޭ. ހާދަ ބޮޑަކަށޭ އަޅުގަނޑު ތިދުރުކޮށްލީ" ފަޒާ ބުނެލިއެވެ.
"އެއީ؟ އަސްތާ ތިއީ މަންމައާއި ބައްޕަގެ ހުރި ހަމައެކަނި އަންހެން ދަރިފުޅެއްނު" މުހްސިން ބުނެލިއެވެ.
"އެހެންވެގެންތާ ތި ބުނީ އަންގާވެސްނުލައޭ...." ފަޒާ ބުނެލިއެވެ.
"ދެން އެހެން ބުނި އެއްޗެއް ނޫނޭ އެއީ ދަރިފުޅާ..... ދަރިފުޅު ފެނުމުން ބައްޕަގެ ނަފްސަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެން ހިނގައްޖެ" މުހްސިން އޭނާގެ އަންހެންދަރިފުޅުގެ މޫނުގައި ލޯތްބާއެކު ފިރުމައިލަމުން ބުނެލިއެވެ. މާހިލް ހުރީ އެމަންޒަރު ބަލާށެވެ.
"ދަރިފުޅާ މާހިލް! ރަނގަޅުތަ ހުރިހާކަމެއް؟" ފަޒާގެ ފަހަތުގައި ހުރި މާހިލްއާ ސަލާންކޮށްލަމުން މުހްސިން ވާހަކަދެއްކިއެވެ. މާހިލް ބޯޖަހައިލަމުން ހީލިއެވެ.
"ކޮބާ މަންމަ؟" ފަޒާ މުޅި ގޭތެރެއަށް ނަޒަރު ހިންގައިލަމުން އަހާލިއެވެ.
"މިހިރީ މަންމަ" ކޮޓަރިން ނިކުތް ފަރީޝާ ބުނެލިއެވެ. އަދި އޭނާ ކައިރިއަށް ދުވެފައިދިޔަ ފަޒާގެ ގައިގާ އޮޅުލައިގަތެވެ. ފަރީޝާ ފަޒާ ގޮވައިގެން ދިޔައީ ކޮޓަރިއަށެވެ. ބޭރު ސޯފާގައި މާހިލްއާ މުހްސިން ވިޔަފާރިއާ ގުޅޭ ވާހަކައެއްގައި ތިއްބެވެ.
"އަން. މިއީ އަޅުގަނޑު މަންމައާއި ބައްޕައަށް ގެނެސްދިން ހަދިޔާއެއް" ފަޒާ އޭނާ ހިފައިގެން އައި އެތެރެ ނުފެންނަ ކޮތަޅު ފަރީޝާއަށް ދިއްކޮށްލިއެވެ.
"ކޮބާ ކޮއްކޮ؟" ފަޒާ އަހާލިއެވެ. ޒާލިފްއަކީ ފަޒާގެ އެއްބަނޑު އެއްބަފާ ސާދަ އަހަރުގެ ކޮއްކޮއެވެ.
"މާދަމާ ސްކޫލަށް ދާންޖެހޭތީ މިހާރު ނިދައިފި. ދޮންތަމެންގެއަށް ދާށޭ ކިޔާފަ ވަރަށް ވަރުދައްކާ މިހާރު. މަންމަ ބުނިން ކޮންމެވެސް އެއްދުވަހަކުން އަދި އެގެއަށް ގެންދާނަމޭ" ފަރީޝާ ވާހަކަދެއްކިއެވެ.
"ދަރިފުޅާ! މާހިލް ރަނގަޅުތަ؟" ފަރީޝާ އަހާލިއެވެ. ފަޒާ ބޯޖަހާލިއެވެ. މާހިލްގެ އިތުރުން ބުރުހާނުއްދީންގެ ހެޔޮކަމުގެ ވާހަކަވެސް ދެއްކިއެވެ.
"މާދަމާ ދަރިފުޅަށް މަންމައާއެކު ދެވޭނެތަ މިއަތޮޅު ގުރައިދުއަށް. މަންމަގެ އެކުވެރިޔަކު ދެކިލަން ދާންވެގެން" ފަރީޝާ ވާހަކަދެއްކިއެވެ.
"އަޅުގަނޑު މާހިލް ކައިރީ އަހާލާފަ ފަތިހު މަންމައަށް ޖަވާބެއްދޭނަން އިނގޭ. ކިހާއިރަކު ފުރަނީ" ފަޒާ އަހާލިއެވެ.
"ފުރާނީ ހެނދުނު ދިހައެއް ޖަހާލާހާއިރު. މިގޭ ކައިރި އައިމިނަ އޭނާގެ މަންމައާ ބައްދަލުކުރަން މާދަމާ އެބަދޭ. އޭގެން މަންމައަށް އަދި އިތުރު މީހަކާއެކު ދެވޭގޮތަށް އޮތީ. އެއްރޭ ކޮށްފައި އެމީހުން އަންނައިރު އާދެވޭނެއެއްނު" ފަރީޝާ ބުނެލިއެވެ.
"މަންމަގެ އެހާ ގާތް އެކުވެރިޔަކު އެތަނުގައި ހުންނަކަމެއް ކުރިން އަޅުގަނޑަށް ނޭނގޭ. ކާކުތަ އެއީ؟؟" ފަޒާ އަހާލިއެވެ.
"ދަރިފުޅު ހަނދާން ނުހުރެދާނެ. އެއީ މަންމަގެ އެންމެ ގާތް އެކުވެރިޔާ އަމީޒާ. އޭނާގެވެސް ދަރިފުޅުވަރުގެ އަންހެންދަރިއަކު ހުންނާނެ. އެކަމަކު ދިމާވި ކަމަކާހުރެ އެކުއްޖާގެ ބައްޕަ އަމީޒާ އަތުން ކުއްޖާ ގެންދިޔައީ. އެކަމުގެ ސަބަބުން އޭނާ ބުއްދި ގޯސްވީ. އަޅައިލާނެ މީހަކު ނެތުމުން އޭނާ ގުރައިދުއަށް ގެންދިޔައީ. މަންމަގެ އެހާ ތަނަވަސްކަން އޭރު ނެތީމަ އަމީޒާއާ ހަވާލުނުވީ. ދޭތެރެއަކުން މަންމަ ދަން ގުރައިދުއަށް އޭނައާ ބައްދަލުކުރަން. މިހާރު އޭނައަކަށް ނޭނގޭ މަންމަ މީ ކާކުކަންވެސް" ވާހަކަދައްކަމުން ދިޔައިރު ފަރީޝާގެ ދެލޯ ފެންކަޅިވަމުން ދިޔައެވެ.
"އަޅޭ ވަރަށް ދެރަވެއްޖެ. ކޮންމެހެންވެސް އަމީޒައްތައާ ބައްދަލުކުރަން ދާންބޭނުން" ފަޒާ ބުނެލިއެވެ.
************************
އަނެއްދުވަހު ހެނދުނު އެގާރަޖެހިއިރު ފަރީޝާއާއި ފަޒާ ތިބީ ގުރައިދޫގައެވެ. ރެސްޓޯރަންޓަކުން ސައި ބޮއެގެން ދެމައިން ދިޔައީ މަރުކަޒަށް ދިޔުމަށެވެ. އަތިރީ މަގުން މަރުކަޒު ހުންނަ ދިމާއަށް ލަނބާލިތަނާ މަރުކަޒުގެ ގޯތިތެރެ ފެނިއްޖެއެވެ. އެކި އުމުރުފުރާގެ މީހުން އެތަނުގެ ތެރޭ އުޅޭ މަންޒަރު ފެންނަމުން ދިޔައެވެ. އެއީ މުޅީންވެސް ހާއްސައެހީއަށް ބޭނުންވާ މީހުންނެވެ. އެމީހުންނަށް ނުނިކުމެވޭނެހެން ވަށައިގެންވަނީ ވަރުގަދަ ދަގަނޑު ތޭރި ޖަހާފައެވެ. ބައެއް މީހުންނަށް އެހީވުމަށްޓަކައި ގާތުގައި އެތަނުގެ މުވައްޒަފުން ހަރަކާތްތެރިވާ މަންޒަރުވެސް ފެންނަމުން ދިޔައެވެ. އެއިން ކޮންމެ މުވައްޒަފެއްގެ މޫނުމަތިންވެސް ފެންނަމުން ދަނީ އޯގާތެރިކަމާއި ހިތްހެޔޮކަމެވެ. އެހުރިހާ މީހުންނާ ވަކީން އެއްފަރާތުގައި ހުރި އައްޓެއްމަތީގައި އަންހެނަކު އިނެވެ. އޭނާގެ ފަން އިސްތަށިގަނޑު ވަޔާ ވިހުރެމުން ދިޔައިރު އޭނާގެ ނަޒަރު ސީދާވެފައި ހުރީ ދިމާއަށް ފެންނަން އޮތް ވިލިނޫކުލައިގެ މޫދަށެވެ. މޫދުގައި ސަކަރާތްޖަހަމުން ދިޔަ ކުޑަކުދިންތަކުން އެންމެ ހިނދުކޮޅަކަށްވެސް އޭނާގެ ނަޒަރު ވަކިވެގެން ނުދެއެވެ. މަރުކަޒުގެ މައި ގޭޓާއި ދިމާއަށް ހިނގާފައި އަންނަމުން ދިޔަ ފަރީޝާ އިނގިލިން އިޝާރާތްކޮށްފައި އެމީހާ ފަޒާއަށް ދައްކައިލިއެވެ. ފަޒާ ބަލައިލިއެވެ. އަދި އެމީހާއާ ތަންކޮޅެއް ގާތުގައި ހުއްޓިފައި ލޮލުގައި އަޅާފަ އޮތް އަވި އައިނު ނަގާފައި ބަލައިލިއެވެ. ބަލާބެލުމަށް ޒުވާން އަންހެނެކެވެ. ފަލައެއްވެސް ނޫނެވެ. ވަރަށް ދޮނެވެ. ލައިގެން އިނީ ހަރުވާޅު ހެދުމެކެވެ. އެތަނުގައި މަޑުކުރުމުގެ ބަދަލުގައި ފަޒާ ފަރީޝާއާ އެކީގައި މައި ގޭޓުން އެތެރެއަށް ވަދެގެން ދިޔައެވެ.
"އައްސަލާމަ އަލައިކުމް" ފަރީޝާ ބައްދަލުކުރީ އެވަގުތު މަރުކަޒާ ހަވާލުވެހުރި އެންމެ އިސްފަރާތް ޑރ. ނާޒިމާއާ އެވެ.
"ވައަލައިކުމުއްސަލާމް. ފަރީ ދޯ.... އަމީޒާގެ އެހީތެރިޔާ ދޯ..." ނާޒިމާ ފަރީޝާއާ ސަލާމްކޮށްލަމުން ހީނލާފައި ވާހަކަދެއްކިއެވެ.
"ލައްބަ.... ހާލު އަހުވާލު ރަނގަޅުތޯ..." ހިތްހެޔޮކަމާއެކު ފަރީޝާ އަހައިލިއެވެ.
"އަލްހަމްދުލިއްލާހް. ވަރަށް ރަނގަޅު. އަޅުގަނޑު ހިތަށްއަރާ ތިޔަފަދަ ހިތްހެޔޮ އެކުވެރިއެއް ކޮންމެ މީހަކަށްވެސް ލިބޭނެ ނަމައޭ. އަޅުގަނޑު މިތަނާ ހަވާލުވިފަހުން ފުދޭ ވަރަކަށް ދުވަސްވެއްޖެ. ތިނޫން އެހެންމީހަކު އަމީޒާއާ ބައްދަލުކުރާކަށް ނާދޭ" މީހުންނާ ބައްދަލުކުރާ ކޮޓަރީގެ ސޯފާތަކުގައި ޖައްސައިލަމުން ނާޒިމާ ވާހަކަދެއްކިއެވެ.
"މީހަކު ހުރިނަމައެއްނޫންތޯ ބައްދަލުކުރަން އަންނާނީވެސް. ފިރިއެއް ހުރޭ. މިހާރު ދުނިޔޭގައި ހުރިކަމެއްވެސް ނެތްކަމެއްވެސް ނޭނގޭ" ފަރީޝާ ވާހަކަދެއްކިއެވެ.
"ކުރީދުވަހު ފަރީޝާ ފޮނުވި ހެދުންތައް އަމީޒާއަށް ދައްކާލިން. ބަލާލައިފައިވެސް މާބޮޑު ރިއެކްޓެއް ނުކުރޭ. އެކަމަކު މިހާރު ގޮވާލީމަ ބަލައިލާނެ. ކައި ނިމުނީމަ ތަށި އަމިއްލައަށް ދޮވެލާނެ. އަމިއްލައަށް ބޮލުގައި ފުނާ އަޅައިލާނެ. ބައެއްފަހަރަށް އަމިއްލަ ހެދުން އިސްތިރިވެސް ކޮށްލާނެ.... ވަރަށް ލަސްލަހުން ރިކަވަރ ވަމުން އެއަންނަނީ. މިހާރު ފަރުވާދެނީ އާ ޑޮކްޓަރެއް. ޑރ.ނާހިދު. އަޅުގަނޑަށް ހީވަނީ އަމީޒާއަށް ރަނގަޅު ފަރުވާއެއް ދެވިއްޖެނަމަ އެއްކޮށް ރަނގަޅު ކުރެވޭނެހެން. އެކަމަކު ދުވަސްނަގާނެ. އެއްއަހަރު ދެއަހަރުކަމެއް ނޭނގޭ ބުނާކަށް..... ދެން ހިނގާ ދޯ ބައްދަލުކޮށްލަން ދަމާ......" ނާޒިމާ ދެއްކި ވާހަކަތަކަށްފަހު ފަރީޝާއަށް ހިތްހަމަޖެހުމެއް ލިބުނެވެ.
"މިއީ... ؟" ފަރީޝާ ކައިރީގައި ހުރި ފަޒާއަށް އިޝާރާތްކޮށްފައި ނާޒިމާ އަހާލިއެވެ.
"މިއީ އަޅުގަނޑުގެ ދަރިފުޅު ފަޒާ... އަދި އަލަށް މިތަނަށް އެއައީ" ފަރީޝާ ޖަވާބުދިނެވެ.
"އެހެންތަ! ވަރަށް ވައްތަރު" ހިތްހެޔޮ ހިނިތުންވުމަކާއެކު ނާޒިމާ ބުނެލިއެވެ.
ފަރީޝާއާއި ފަޒާ ގޯތި ތެރެއަށް ނިކުތްއިރުވެސް އަމީޒާ އިނީ ކުރިންވެސް އިންތަނުގައެވެ. އެހީއަށް ބޭނުންވެފައިވާ މީހުންތައް ފެނުމުން ފަޒާގެ ހިތުގައި ރިއްސައިލިއެވެ. ބައެއްމީހުންގެ ހަރަކާތްތައް ހުރިގޮތުން ފަޒާ ޖެހިލުންވެ ފަރީޝާއާ ގާތަށް ޖެހިލައެވެ. ނަމަވެސް އެއިން ކޮންމެ މީހަކަށް ފަޒާ ދެނީ ހިނިތުންވުމެކެވެ.
"އަމީޒާ...." އަމީޒާއަށް ގޮވައިލަމުން ނާޒިމާ އަމީޒާ ކައިރީގައި އިށީނެވެ. ނާޒިމާއަށް ބަލައިލައިފަވެސް އަމީޒާ ކުރިން ބަލަން އިން ދިމާއަށް ނަޒަރު ހުއްޓާލިއެވެ.
"އަމީ!! ބަލާބަލަ ފަރީ އައިސް މިހުރީ ހަމައެކަނި އަމީއާ ބައްދަލުކޮށްލަން" ނާޒިމާގެ ހުއްދަ ލިބުމުން ފަރީޝާ އަމީޒާގެ އަތުގައި ފިރުމާލަމުން ވާހަކަދެއްކިއެވެ. އަޅައިވެސްނުލިއެވެ. ނާޒިމާ ތެދުވެފައި އެތަނުގައި ފަރީޝާ ބޭންދިއެވެ.
"އަމީ! ބަލާބަލަ މިކޮޅު. ހިނގާބަލަ ދެމީހުން އެއްކޮށް ކުޅިވަރެއް ކުޅެލަން. ކޮންއިރަކުން ވަލަށް ދާނީ ގޮބޮޅި ހޮވަން" ޖޯޝާއެކު ފަރީޝާ ވާހަކަދައްކަމުން ދިޔައެވެ. އަމީޒާ ފަރީޝާއަށް ބަލައިލިއެވެ. ނަމަވެސް އިތުރު ހަރަކާތެއް ނުކުރެއެވެ. ފަރީޝާ ހީލުމުން ހީވެސްނުލިއެވެ. ފަޒާގެ ނަޒަރު އަމީޒާގެ މޫނުން ފަޅިސިކުންތަކަށްވެސް ކަނޑައިގެން ނުދެއެވެ.
"މެންދުރު ކާއެއްޗެހި ގެނައީ ފަރީޝާ އެތަނުގައި އިންދައެވެ. އަމީޒާއަށް ނޫޑްލްސް ކާންދިނީ ފަރީޝާއެވެ. އަމީޒާ ކަމުން ދިޔައިރު ދޭތެރެއަކުން ފަރީޝާގެ މޫނަށް ބަލައިލިޔަސް ގިނަ ފަހަރަށް އިންނަނީ ދުރަށް ބަލަހައްޓައިގެންނެވެ. ފަރީޝާއަށް އަމީޒާ ހިފައިގެން އިން ފޮޓޯގަނޑު ފެނުނީ ގަޑި ހަމަވެގެން ދާން އުޅުނު ވަގުތުގައެވެ. ފަރީޝާ އަމީޒާއަތުން ފޮޓޯގަނޑު ނަގާފައި ބަލައިލިއެވެ. ފިރިހެނެއް ކުޑަކުއްޖަކު ގޮވައިގެން ހުރި ފޮޓޯއެކެވެ. ގާތްގަނޑަކަށް އަހަރަކަށްދާ އެކުއްޖާ ހީލައިގެން އިންއިރު އެއް އިނގިލި އޮތީ އަނގައިގެ ތެރޭގައެވެ. ފޮޓޯގައިވާ ދެމީހުންގެ ހުރި ހަމައެކަނި އެއްގޮތް ކަމަކީ ބުޅި އިސްތަށިގަނޑެވެ.
"ތިފޮޓޯ އޭނައަތުން ނުފެންނަ ހަނދާނެއްނުވޭ. އަޅުގަނޑަށް މައުލޫމާތު ލިބިފައިވާގޮތުން އޭނާ މިތަނަށް ގެނައިރުވެސް އަތުގައި އެފޮޓޯ އޮތް...." ނާޒިމާ ވާހަކަދެއްކިއެވެ.
(ނުނިމޭ)