އިންޑިއާގެ އެންމެ ބާރަށްދުވާ ރޭލުގެ ފުރަތަމަ ދަތުރުގައި ބްރޭކު މައްސަލަޖެހި ރޭލު ހުއްޓިއްޖެ އެވެ.
އިންޑިއާއިން އުފައްދާފައިވާ ސެމީ ހައި ސްޕީޑު ރޭލުގެ ހިދުމަތް ތާރަފްކޮށްފައި ވަނީ އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއެވެ.
ރޭލުގެ ހިދުމަށް ތައާރަފް ކުރުމަށް ފަހު ފުރަތަމަ، ރޭލު ވަރްނާސީ ސިޓީ އިން ދިއްލީ އަށް ދަތުރުކުރި މަގުމަތީގައި ރޭލު ވަނީ ބްރޭކް ޖޭމްވެ ހުއްޓިފައެވެ. އޭރު ރޭލު ދަތުރު ކުރަމުން ދިޔައީ ގަޑިއަކު 100 ކިލޯމީޓަރުގެ ބާރުމިނުގައިކަމަށް އިންޑިއާގެ އޮފިޝަލުން މައުލޫމާތުދެއެވެ.
ރޭލުގެ ޑްރައިވަރާ ހަވާލާދީ އިންޑިއާގެ ހަބަރުތަކުން ބުނެފައިވަނީ ބްރޭކް ފެއިލް ވުމާއެކު ރޭލުގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑި ދުމުގެ އަސަރުވެސް ކޮށްފައިވާކަމަށެވެ.
ރޭލުގައި އެވަގުތު ދަތުރުކުރަމުންދިޔަ އިންޑިއާގެ އޮފިޝަލުންނާއި ނޫސްވެރިން ވަނީ އެހެން ރޭލަކަށް ބަދަލުކޮށްފައެވެ.
އިންޑިއާގެ ރޭލްވޭ މިނިސްޓްރީން ބުނެފައި ވަނީ މިހާދިސާ ހިނގާފައިވަނީ ރޭލު ދަނގަޑުމަތީގައި އޮތް ގެރިއެއްގައި ޖެހިގެންކަމަށެވެ. ނަމަވެސް އިންޑީއާގެ ނޫސްތަކުން ވަނީ ރޭލުގެ ކުރިމައްަޗަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަމަށް ބުނެފައެވެ.
އިންޑިއާގެ ދިއްލީ އާއި ވަރްނާސި އާއި ދެމެދު ދަތުރުކުރުމަށް ބޭނުންކުރާ މި ރޭލުގެ ސަބަބުން އެ ދެސިޓީގެ ދެމެދުގައި ކުރާ ދަތުރު ކުރުވާނެއެވެ.