މުހައްމަދު އަމީތު

އަމީތުގެ ގޮނޑި ވެސް ނުގެއްލޭ ކަމަށް ހުކުމްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ ގޮނޑި ވެސް ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.

މިއަދު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން އިއްވެވި ހުކުމްގައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 29 ވަނަ ދުވަހު އަމީތު ޕީޕީއެމްއިން ވަކިކޮށް ފިޔަވަޅު އަޅާފައިވާ ކަން އެ ޕާޓީން އީސީއަށް ފޮނުވި ސިޓީން އެނގެން އޮންނަ ކަމަށެވެ.

ޕީޕީއެމްގެ އަސާސީ ގަވާއިދުގައި އިސްތިއުނާފް ކުރަން ވަކި މުއްދަތެއް ކަނޑައަޅާފައި އޮންނަ އިރު، އަމީތަކީ އެ ވަގުތު މާލޭގައި ހުންނެވި މެމްބަރެއް ކަމަށް ވިދާޅުވެފައި އޮތުމުން ޕީޕީއެމްއިން ވަކިކުރި މައްސަލަ އިސްތިއުނާފް ކުރަން ލިބޭ 15 ދުވަހުގެ މުއްދަތުގައި އެކަން ކޮށްފައި ނުވާކަން ދައުލަތާއި އަމީތުގެ ވާހަކަތަކުން އެނގެން އޮންނަ ކަމަށް ވެސް ހުކުމުގައި ވެއެވެ.

ހުކުމުގައި ބުނެފައިވަނީ ޕީޕީއެމްގެ ދަފްތަރުން އަމީތު އުނިކޮށްދޭން މިދިޔަ އަހަރުގެ ޖުލައި މަހުގެ ދިހަވަނަ ދުވަހު ހުށަހެޅި ނަމަވެސް، އުނިކޮށްދީފައި ނުވާ ކަމަށާއި ދަފްތަރުން އުނި ނުކުރި މައްސަލައިގައި މިދިޔަ އަހަރުގެ ޖުލައި 11ގައި މައްސަލައިގެ ފޯމް ވެސް އަމީތު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅިކަން އެނގެން އޮންނަ ކަމަށެވެ.

އެ ހުކުމުގައިވާ ގޮތުން، ގޮނޑި ހުސްވެއްޖެ ކަމަށް ބަލާނީ މިދިޔަ އަހަރުގެ ޖުލައި 17ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށްފަހު، އެ އަމުރުގައި ބަޔާންކުރާ ތިން ހާލަތުން ކުރެ ހާލަތެއް މެދުވެރިވެއްޖެނަމައެވެ. އެ ތިން ހާލަތަކީ މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ވަކި ކޮށްފިނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެނަމައެވެ.

އަމީތުގެ އިތުރުން ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ)އާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން އަދި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދުގެ ގޮނޑި ވެސް ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފައެވެ.