ރިޕޯޓް

އަހަރެންގެ ބްރިޖު ދަތުރު، އެހެން މީހުންގެ ރައްކާތެރިކަމާ ގުޅިފައި

1

ބްރިޖު ދަތުރަކަށް އަހަރެން ވެސް އެރީ އެއީ ރާއްޖޭގެ ތާރީޚުގައި ދަތުރުފަތުރުގެ ނިޒާމަށް އައި އެންމެ ބޮޑު އިންގިލާބު ކަމަށް ވާތީ އެވެ. މާލެއިން ހުޅުލެއަށް އަދި ހުޅުމާލެއަށް އެއްގައުމު މަގުން ދަތުރުކޮށްލުމުގެ ތާރީޚި އުފާ ލިބިގަތުމަށެވެ. ގަބޫލު ކުރެވޭ ހަގީގަތަކީ މިއަދު ކޮންމެ ދިވެއްސަކު ވެސް މި އުފާ ލިބިގަންނަން ބޭނުންވާނޭ ކަމެވެ.

މާލޭކޮޅުން ބްރިޖަށް އަމާޒު ހިފައި ސައިކަލުގެ މުއްގަނޑަށް ފެލައިލި އިރު އަހަރެންނަށް ކުޑަހިނދުކޮޅަކަށް ނަމަވެސް އިހުސާސްވީ މި ހުރެވުނީ ދިވެހިރާއްޖޭގެ މަގެއްގެ މަތީގައި ނޫން ކަމެވެ. އެ ސަރަހައްދު ބޮޑަށް ވައްތަރީ ތަރައްގީވެފައި އޮތް ގައުމެއްގެ އެންމެ ތަރައްގީ ހިސާބުގަނޑުގެ މަގަކާ އެވެ. އެހައިވެސް މަގު ފުޅާވެފައި ތަނަވަހެވެ.

ބޮޑު އުސް ޓްރެފިކް ލައިޓެއްގެ ފެހި ސިގުނަލާ އެކު ގަވައިދު އެބުނާ 25 ކިލޯ މީޓަރަށް ވުރެ މަޑު ނޫން 50 ކިލޯ މީޓަރަށް ވުރެ ބާރު ނޫން ސްޕީޑެއްގައި ސައިކަލުގެ ސްޕީޑު ހިފެހެއްޓުން ވެސް އެންމެ ފުރަތަމަވީ އުނދަގޫ ކަމަކަށެވެ. އިރުއިރުކޮޅާ މީޓަރު ބޯޑަށް ބަލައިލެވެ އެވެ. ބްރިޖު ދަތުރު ހުޅުމާލެ އަށް އަދި އެނބުރި މާލެ އައިސް ނިންމައިލި އިރު ބްރިޖު އަދި ގުޅިފައިވާ މަގު ތަކުގެ ފުރިހަމަ ކަމަށް ސަތޭކަ ދެމެވެ. ކުދި ކުދި ކަންކަން ނުނިމި ހުރި ނަމަވެސް އަހަރެންނަށް އެއީ ނަމޫނާ އަދި ލާމަސީކު މަސައްކަތެކެވެ. އޭގެ ފައިދާ އެނގޭ އަދި ނޭނގޭ އެތައް މިނަކުން މިނިގެން ދާނެ އެވެ.

ބްރިޖު ދަތުރުން ލިބުނު ތަޖުރިބާ ގިނަ އެވެ. އަހަރެންނަށް ގަބޫލުކުރެވޭ ގޮތުގައި ދަތުރުކުރުމުގައި މިހާރަށް ވުރެ ބޮޑަށް ސަމާލުކަން ނުދީފި ނަމަ ބުރިޖާއި ގުޅިފައިވާ މަގު ތަކުގައި ނުރައްކާތެރި ބޮޑެތި އެކްސިޑެންޓްތައް ހިނގަން ފަށާނެ އެވެ. މި އެކްސިޑެންޓު ތަކުގައި މީހުންނަށް ބޮޑެތި އަނިޔާތައް ލިބި އެތައް ބައެއްގެ ފުރާނަ ހިނގައިދާނެ ކަމުގެ ނުރައްކާތެރި ރަނގަބީލު ބުރިޖުމަތީގައި އެދަނީ އަޅަމުންނެވެ. ބައެއް ސަބަބު ތިރީގައި ހިއްސާކޮށްލާނަމެވެ.

އަހަރެން ސައިކަލު ދުއްވަމުން ދިޔައީ ގަވައިދު ބުނާ ސްޕީޑުގެ ތެރެއިން ކަމަށް ވިޔަސް، ރާސް ރާސް އަޅާފައި ރޭސް ޖަހާ އެތައް ސައިކަލެއް ބުރިޖު މަތީން ފެނުނެވެ. އެކި ކަހަލަ ވެހިކަލް ތަކަށް އެކި ލޭން ޚާއްސަ ކޮށްފައި އޮތް އިރު، އެ ގަވައިދަށް އަމަލު ނުކޮށް އެމީހަކު ބޭނުން ގޮތަކަށް ދުއްވާ މީހުން އެހައިމެ ގިނަ އެވެ. އޯވަޓޭކް ކުރާ އިރު ސިގުނަލެއް ނުދީ އަރާ މީހުންވެސް ގިނަ އެވެ. ކުރިމަތީން ދިޔަ ސައިކަލު ކުއްލި އަކަށް މަޑުކޮށްލުމުން އަހަރަންނަށް ޖެހުނީ ފަހަތު އަދި ކުރީ ބުރެކި އެއްކޮށް ހިފާށެވެ. ކަހައިލައިގެން ގޮސް ނަމަވެސް އެސައިކަލުގައި ލައިނުގަނެ ސަލާމަތްވީ ހަމަ ކިރިޔާ އެވެ. އެހެން ގޮތަކަށް ދިޔަ ނަމަ އެއީ މަރުގެ އެތިފަހަރެކެވެ. އަހަރެން ކުއްލި އަކަށް ބުރެކި ޖެއްސުމުން ފަހަތުން ސަފަކަށް އައި އެހެން ވެހިކަލްތައް ވެސް ޖެހުނީ ބުރެކި ޖައްސާށެވެ. އެއީ ބުރިޖެއްގައި އެކަން ވާނެ ވެސް ގޮތެވެ. ކޮންޓްރޯލު ނުވެ އެކްސިޑެންޓު ވީ ނަމަ ފުލުފުލުން އައި ގިނަ ވެހިކަލުތައް ވެސް މަތިމައްޗަށް އެކްސިޑެންޓު ވުމުގެ ފުރުސަތު ކުރީން މި ބުނި ސައިކަލުގައި ތިބި މީހުން އެ ގެނައި ހަރަކާތާ ގުޅިފައި އޮތެވެ.

ރަނގަޅަށް ބަލައިލި އިރު އެސައިކަލު މަޑުކޮށްލީ އެއާޕޯޓަށް ޖައްސަން އައި ފްލައިޓެއްގެ ފޮޓޮއެއް ނަގާށެވެ. އެކަމަކު އެ އަމަލަކީ ތިމާ ދުނިޔެއާ ވަކިވެދާ ފަދަ ނުރައްކާތެރި ކަމެއްކަން ދުއްވަން ހުރި މީހާއަކަށް ނޭނގެ އެވެ.

ބުރިޖު މަތީގައި އެންމެ އާންމު އަދި އެންމެ ނުރައްކާތެރި ކަމަކަށް އަހަރެންނަށް ފާހަގަވީ ދުއްވަމުން ސެލްފީ ނެގުމެވެ. އެކި ގޮތްގޮތަށް އޮރިވެ ސީވިއު އާއި މާލެ ވިއު އާއި ބްރިޖު ވިއު އާއި ދެން ވެސް ތިމާ ބޭނުންހާ ވިއުއެއް އަރާ ގޮތަށް ދުއްވަން ހުރެގެން އަމިއްލަ އަށް ސެލްފީތައް ނަގަމުންދާ އިރު، އިރުއިރުކޮޅާ ސައިކަލު ދުއްވާ ޑައިރެކްޝަން ބަދަލުވެ އެވެ. މިހާރުގެ ކުދީންނަށް އެނގޭނީ ހަރުފަ ނަންނުގަތި ދުވާ ގޮތަށް ކަތިލައްވަމުން ސައިކަލު ދުއްވާ ވާހަކަ ބުނިއްޔާ އެވެ. ހައިވޭގައި ނުވަތަ ބުރިޖެއްގެ މަތީގައި އެއީ ކިހައި ނުރައްކާތެރި ކަމެއްކަން އޮތީ ހަމަ ހިތަށް ގެނައުމެވެ.

މި ނޫން ވެސް ނުރައްކާތެރި ހާލަތަކަށް ވެއްޓިދާނެ ކިތަންމެ ކަމެއް ބުރިޖުމަތީގައި ދުއްވާ މީހުންގެ ފަރާތުން ފެނެ އެވެ.

އަހަރެންނަށް ވިސްނުނު އެއް ކަމަކީ އަމިއްލަ އަށް ރައްކާތެރުވެގެން ކިތަންމެ ގަވައިދުން ދުއްވި ނަމަވެސް އެހެން މީހުން ބުރިޖު މަތީގައި މިބުނި ގޮތަށް އުޅޭ ނަމަ އެއްވެސް މީހަކަށް ރައްކާތެރިކަމެއް ނޯންނާނެ ކަމެވެ. އެކްސިޑެންޓުތައް ހިނގާނީ އެހެން އުޅޭ މީހުންގެ ސަބަބުންނެވެ. އެމީހުންނާ އެކު އަނިޔާ ވާނީ ނުވަތަ މި ދުނިޔެއާ އަލްވަދާއު ކިޔާން ޖެހޭ މީހުންގެ ތެރޭގައި މަގުން ދުއްވާ ކިތަންމެ ކިތަންމެ ބަޔަކު ހިމެނޭނެ އެވެ.

އަހަރެމެން ގަބޫލުކުރާންވީ އެންމެ ކަމެކެވެ. އެއީ އަހަރެމެން ކޮންމެ މީހަކުވެސް ދަތުރުކުރާ އިރު ގަވައިދުން ދަތުރުކުރުމަށެވެ. ދަތުރު ކުރެވޭނީ ރައްކާވެ ތިބެގެނެވެ. އަހަރަމެންގެ ސަބަބުން އެހެން ބަޔަކު ނުރައްކަލެއްގެ ތެރެއަށް ވައްޓައިލައިގެން ނުވާނެ އެވެ. ޚުދު އަހަރަމެންގެ ސަލާމަތާ މެދު ވެސް ފަރުވާކުޑަކޮށްގެން ނުވާނެ އެވެ. ހަމަ އެހެންމެ އަހަރެމެން ކޮންމެ މީހެއްގެ ބުރިޖު ދަތުރު އެހެން މީހުންގެ ރައްކާތެރިކަމާ ވެސް ގުޅިފައިވާ ކަން ހަނދާން ނައްތައިލައިގެން ނުވާނެ އެވެ.