ކޮލަމް

ކައުސާހިބާ ސައްލަﷲ އަލައިހިވަސައްލަމަގެ ހިޖުރަ : 8

އަބްދުﷲ ފާރޫގް ހަސަން

1

ޤުބާމިސްކިތްބިނާކުރެއްވުން

ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ ޤުބާގައި ހުންނެވި މުއްދަތަކާމެދު ޢިލްމުވެރީންގެ މެދުގައި ޚިލާފުހުރެއެވެ. އާއްމުގޮތެއްގައި ހުރިހާ މުއައްރިޚުންނޭ ވެސް ދެންނެވޭހައި ގިނަ މުއައްރިޚުން ލިޔުއްވާގޮތުގައި ކައުސާހިބާ ޤުބާގައި ހުންނެވީ ހަތަރު ދުވަހުއެވެ. ނަމަވެސް އިތުރުސާހިބާ ޤުބާގައި ހުންނެވީ ދިހަދުވަހު ކަމުގައްޔާއި، ސާދަ ދުވަހު ކަމުގައްޔާއި، ޤުބާއަށް ވަޑައިގެންނެވި ދުވަހާއި ޤުބާއިން ފުރައިވަޑައިގެންނެވި ދުވަސްނުލައި ސައުވީސް ދުވަހު ކަމުގައްޔާއި މިގޮތްގޮތަށް ރިވާޔަތްތައް ހުރެއެވެ. ކުރީގެ މުޙައްޤިޤު ޢިލްމުވެރީންކުރެ އައްލާމާ އިބްނުލް ޤައްޔިމާއި، މިޒަމާނުގެ ޢިލްމުވެރީންކުރެ ޑޮކްޓަރ ނަސީރު އަހްމަދު ނާސިރާއި ނައީމު ޞިއްދީޤީ ވިދާޅުވާ ގޮތުގައި ޤުބާގައި ހުންނެވީ ސާދަ ދުވަހުއެވެ. އައްލާމާ ޝިބްލީ ނުއުމާނީ އާއި، ސައްޔިދު ސުލައިމާން ނަދުވީ އާ ދެބޭކަލުން ބުރަވެ ވަޑައިގަންނަވާގޮތުގައިވެސް ކައުސާހިބާ ޤުބާގައި ސާދަ ދުވަހު ހުންނެވިއެެވެ. އެހުންނެވި ހުންނެވުމުގައި ކުރެއްވި އެންމެ މުހިންމުކަމަކީ ޤުބާމިސްކިތް ބިނާކުރެއްވުމެވެ. އެމިސްކިތް ބިނާކުރެއްވީ ކުލްޘޫމު ބުނުލް ހިދަމް ރަޟިޔަﷲ އަންހު ހަދިޔާ ކުރެއްވި ބިމެއްގައެވެ. އެބިމަކީ އެކަލޭގެފާނު ގޮވާން ނުކުރައްވައި ކަދުރު ހިއްކަވާން ޚާއްޞަ ކުރައްވައިފައި އޮތް ބިމެކެވެ. އިތުރުސާހިބާ ޤުބާގައި ހުންނެވި ކުޑަދުވަސްކޮޅުގެ ތެރޭގައި އެންމެ ފުރަތަމަވެސް މިސްކިތެއް ބިނާ ކުރެއްވިކަމީ އިސްލާމީ ރިސާލަތުގައި މިސްކިތުގެ ދައުރުގެ މުހިންމުކަމުގެ ދަލީލެކެވެ.

މިސްކިތަކީ އިސްލާމީ ޘަޤާފަތުގެ (އޭގެ އެންމެ ފުޅާމާނައިގައި) އަލާމަތެކެވެ. މިސްކިތަކީ އިސްލާމީ ޘަޤާފަތުގެ މަންބަޢެކެވެ. މިޒަމާނުގައި "ބޮޑެތިމީހުން" ތަންތަނުގެބިންގާއަޅައިދޭ ބީދައިން ކައުސާހިބާ ވެސް ހަމައެކަނި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީކީ ނޫނެވެ. އަދިކީއްތޯއެވެ. އެމިސްކިތް ބިނާކުރައްވާން އާއްމު މުސްލިމަކު ފަދައިން މަސައްކަތްކުރެއްވިއެވެ. ބޮޑެތި ހިލަތައް އުފުއްލެވުމުގެ ސަބަބުން އެމާތްސާހިބާގެ ހަށިކޮޅު ފާރުވިއެވެ. އިތުރުސާހިބާގެ ފިދާއީންނަކަށް އެތަންބައްލަވާކަށެއް ފަސޭހަފުޅެއް ނުވިއެވެ. އެބޭކަލުން އާދޭސް ދެންނެވިއެވެ. "ކަލޭގެފާނު ތިޔަ މަސައްކަތްޕުޅު ނުކުރައްވާށެވެ." ނަމަވެސް އުޚުއްވަތާއި ހަމަހަމަ ކަމުގެ ތަޙްރީކުގެ ދިދަ އުފުއްލަވާ ސާހިބާއަށް އެކަން ޤަބޫލު ކުރެއްވޭނީ ކޮންފަދަޔަކުންތޯއެވެ. އެންމެން އެއްވަރުކަމުގެ މިސާލު ނުދައްކަވައި ފަރުޖެއްސެވޭނީ ކިހިނަކުންތޯއެވެ؟. އިތުރުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ ޤުބާ މިސްކިތް ނިމޭންދެންވެސް އާދައިގެ މަސައްކަތު މީހެކޭ އެއްގޮތަށް މަސައްކަތް ކުރެއްވިއެވެ. އިތުރުސާހިބާގެ ބޭނުންފުޅަކީ އާއްމުކޮށް މުސްލިމުންގެ ތެރޭގައި ޚާއްޞަކޮށް އެހެނިހެން ޤައުމުތަކުގެ މީހުންގެތެރޭގައި ނަމޫނާއެއް ގާއިމްކުރެއްވުމެވެ. އިސްލާމްދީނުގެ ނަޒަރުގައި އެންމެހައި އިންސާނުންގެ ހަމަހަމަ ކަމުގެ މިސާލެއް ދެއްކެވުމެވެ. މަސައްކަތްކުރުމަކީ ބިޔަދޮވިކަމެއް ނޫންކަމާއި އެއީ ޝަރަފެއްކަން އަންގައިދެއްވުމުވެ.

މަސައްކަތުގެ ފޯރީގައި ކަމާގުޅޭ އަޚްލާޤީ މިންގަނޑާއެއްގޮތް ޅެމާއި، ލަވަކިޔައި އުޅުމަކީ ވަރުބަލިކަން ފިލުވައިދޭކަމެކެވެ. ފޯރި އާއި ޖޯޝު އުފައްދާކަމެކެވެ. ޤުބާމިސްކިތުގެ މަސައްކަތް ކުރެއްވި ބޭކަލުންގެތެރޭގައި މުސްލިމުންގެ ޝާއިރެއްކަމުގައިވާ ޢަބްދުﷲ ބިން ރަވާޙާ ރަޟިޔަﷲ އަންހުވެސް ހިމެނިވަޑައިގެންނެވެ. މަސައްކަތަށް ފޯރި ދެއްވުމަށްޓަކައި އެކަލޭގެފާނު ޅެން ވިދާޅުވަމުން ގެންދެވިއެވެ. "މިސްކިތް ބިނާ ކުރާމީހުން މުރާދު ހާސިލުކޮށްފިއެވެ. ކާމިޔާބު ހޯދައިފިއެވެ. އެމިސްކިތުގައި އިށީދެތިބެގެންނާއި އޮށޯވެ ތިބެގެން ޤުރްއާންކިޔެވެއެވެ. މާތްﷲއަށް ޒިކުރުކުރެއްވެއެވެ. ރޭގަނޑު ޤިޔާމު ކުރެވެއެވެ. މިސްކިތް ބިނާކުރާ ބަޔަކަށް އަރުތައެބަލިބެއެވެ." ޢަބްދުﷲ ބިންރާވާޙާ ރަޟިޔަﷲ އަންހު މި މޭރުމުގެ ޅެންތައްނަގާ ވިދާޅުވާ އިރު ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ ވެސް ޒުވާބުވިދާޅުވަމުން ގެންދެވިއެވެ.
ކޮންމެމިސްކިތަކީވެސް މާތްﷲގެ ގެކޮޅެކެވެ. މިސްކިތުގެ މާތްކަމާއި މަތިވެރިކަމަކީ އާއްމުކޮށް ޤަބޫލުކުރެވިފައިވާ ހަޤީޤަތެކެވެ. ނަމަވެސް ޤުބާ މިސްކިތުގެ މާތްކަމާއި މަތިވެރިކަން ވަކީން ބޮޑެވެ. އެހެނީ ހުދު އަރަހުށި ހުސްތާހިރުވަންތަ މާތްﷲ ވަނީ އެމިސްކިތުގެ މުއައްސިސުންނަށާއި އެމިސްކިތުގައި ނަމާދުކުރާމީހުންނަށް ތާރީހު ވަޙީކުރައްވައިފައިވެއެވެ.

"ހަމަކަށަވަރުން ފުރަތަމަ ދުވަހުއްސުރެ ތަޤްވާގެ މައްޗަށް ބިންގާއެޅުއްވި މިސްކިތެއްގައި (އެބަހީ: ޤުބާމިސްކިތުގައި) ކަލޭގެފާނު ޤާއިމުވެ ހުންނެވުން މާ ޙައްޤުކަންބޮޑެވެ. ޠާހިރުވެގަތުމަށް ލޯބިކުރާ މީހުންތަކެއް އެމިސްކިތުގައިވެއެވެ. ޠާހިރުވެގެންނަ މީހުން ދެކެ ﷲ ލޯބިވެވޮޑިގެންވެތެވެ." (އައްތައުބާ : 108)

މަދީނާއަށް އަރައިވަޑައިގަތުމާއި އެންމެ ފުރަތަމަ ހުކުރު

ހުކުރު ދުވަހެއްގެ މެންދުރުކުރިއެވެ. ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ މަދީނާއަށް ވަޑައިގެންނެވުމަށްޓަކައި އެކަލޭގެފާނުގެ ޖަމަލުކޮޅު ޤުސްވާ ނުވަތަ ޖަދުއާއު ގެންނާން އެންގެވިއެވެ. އިތުރުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ ދުރާލައިވަނީ އެދުވަހު މަދީނާއަށް ވަޑައިގަންނަވާނެކަން އެކަލޭގެފާނުގެ ކާފާފުޅުގެ އާއިލާ (ކާފައިކަލުން އަބްދުލްމުއްޠަލިބުގެ މައިކަނބަލުންގެ އާއިލާ) ނައްޖާރުވަންހަޔަށް އަންގަވައިފައެވެ. އެހެންކަމުން އެބޭކަލުން ހަތިޔާރު ހިއްޕަވައިގެން ވަޑައިގެން ތިއްބެވިއެވެ. ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ އެކަލޭގެފާނުގެ ޖަމަލުކޮޅަށް ސަވާރުވެ ވަޑައިގެންނެވުމާއެކު އަމްރު ބިން ޢައުފު ވަންހައިގެ ކުރިޔަށް ތިއްބެވި ބޭކަލުން އެޖަމަލުކޮޅުގެ ކުރިމަތީގައި އެތުރިވަޑައިގެންނެވިއެވެ. އިތުރުސާހިބާ ޤުބާއިން ވަޑައިގަންނަވާތީ އެބޭކަލުން ތިއްބެވީ ނުހަނު މޮޅިފުޅުންނެވެ. އެބޭކަލުން ނުހަނު އަސަރާއެކު ވިދާޅުވިއެވެ. "އޭ މާތްﷲގެ ރަސޫލާއެވެ. ސާހިބާގެ މިޒާޖުފުޅާ ނުގުޅޭކަމެއް އަޅުގަނޑުމެންގެ ފުށުން ހިނގީތޯއެވެ؟ ނުވަތަ އަޅުގަނޑުމެންގެ ނިކަމެތި ޖިފުޓިތަކަށްވުރެ ހެޔޮކަންބޮޑު ތަނަކަށް ފައިންޕުޅުބީއްސަވަނީތޯއެވެ؟".

ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ އެބޭކަލުންނަށް ހެޔޮދުއާކުރެއްވިއެވެ. އެއަށްފަހު ހަދީޘް ކުރެއްވިއެވެ. "އަހުރެންނަކީ އަމުރުކުރެވިގެންވާ މީހަކީމެވެ." އަމްރު ބިން އައުފުގެ ބޮޑުން އިތުރުސާހިބާގެ ޖަމަލުކޮޅުގެ ކުރިމަތީން އެއްފަރާތަކަށް ޖެހިވަޑައިގެންނެވިއެވެ. އެއަށްފަހު އިތުރުސާހިބާގެ ދަތުރުފުޅު އެރެހެއްޓެވުމަށްޓަކައި ފަހަތްޕުޅުން ހިންގަވައިގެންނެވިއެވެ. ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ ބަނޫސާލިމުގެ އަވަށަށް ވެދެވަޑައިގެން ވާދީ ރާނޫނާއާ ހަމަޔަށް ވަޑައިގެންނެވުނު އިރު މެންދުރު ނަމާދު ވަގުތުވެއްޖެއެވެ. އިތުރުސާހިބާ ސައްލަﷲ އަަލައިހި ވަސައްލަމަ އެތަނަށް ފައިބައިވަޑައިގެން ހުކުރު ނަމާދަށް ތައްޔާރު ކުރައްވާން އެންގެވިއެވެ. އޭރު އަންސާރުންނާއި މުހާޖިރުންކުރެ ސަތޭކަވަރަކަށް ބޭކަލުން އަރިހުގައި ތިއްބެވިއެވެ. ސަހާބީން ނަމާދަށް ތައްޔާރުވެވަޑައިގަތުމުން އިތުރުސާހިބާ ޚުޠުބާ ވިދާޅުވިއެވެ. މިއީ ކައުސާހިބާކުރެއްވި އެންމެ ފުރަތަމަ ހުކުރެވެ. އިތުރުސާހިބާ ވިދާޅުވި އެންމެ ފުރަތަމަ ހުކުރު ޚުޠުބާއެވެ. މަދީނާގައި ވިދާޅުވި އެންމެ ފުރަތަމަ ޚުޠުބާ ވެސްމެއެވެ. އެހެންކަމުން އެމުހިއްމު ޚުޠުބާގެ އަވަސް ތަރުޖަމާއެއް ހުށަހެޅޭތޯ މަސައްކަތްފަށަމެވެ. ހުސްޠާހިރުވަންތަ މާތްﷲގެ ޙަޟުރަތުން ތައުފީޤު އެދެމުންނެވެ.

"ހަމްދާއިޘަނާހުރީ މަތިވެރިވަންތަ މާތްﷲ އަށެވެ. އަހުރެން އެކަލާނގެ ރަސްކަންފުޅަށް ހަމްދުކުރަމެވެ. ސަނާ ދަންނަވައި ތަޢުރީފު ކުރަމެވެ. އެކަލާނގެ ހަޟުރަތުން މަދަދު އެދެމެވެ. އެކަލާނގެ ހަޟުރަތުން ފާފަފުއްސެވުމާއި ހިދާޔަތު ލިބުމަށް އުންމީދުކުރަމެވެ. އެކަމަށް އެދި ދުއާކުރަމެވެ. އަހުރެން އީމާންވަނީ އެކަލާނގެ ރަސްކަންފުޅަށެވެ. އަހުރެން އެކަލާނގެ ރަސްކަންފުޅަކަށް އުރެދިއެއްނުގަންނަމެވެ. އަދިކީއްހެއްޔެވެ؟ އަހުރެންނަކީ އެކަލާނގެ ރަސްކަންފުޅަށް އުރެދޭ މީހުންގެ ދުޝްމިނަކީމެވެ. އަހުރެން ހެކިވަމެވެ. އެކަލާނގެ ފިޔަވައި އެހެން އިލާހަކު ނުވެއެވެ. އެކަލާނގެ އެއްކައުވަންތައެވެ. އެކަލާނގެ ރަސްކަންފުޅަކަށް އެއްވެސް ބައިވެރިޔަކު ނުވެއެވެ. މުޙައްމަދަކީ އެކަލާނގެ އަޅާއެވެ. އަދި ރަސޫލާވެސް މެއެވެ. އެކަލާނގެ މުޙައްމަދު (ގެފާނު) ފޮނުއްވީ ހިދާޔަތާއި އަލިކަމާއި ވަޢުޡާއި ނަސޭހަތާއިގެންނެވެ. އެކަލާނގެ މުޙައްމަދު (ގެފާނު) ރަސޫލުކަމާއިގެން ފޮނުއްވީ ރަސޫލުބޭކަލަކު ވަޑައިނުގެން ޒަމާންތަކެއް ފާއިތުވެ ދިޔުމަށްފަހުގައެވެ. އިލްމު މަދުވެ އުވި މީސްތަކުން މަގުފުރެދި ދިޔުމަށްފަހުގައެވެ. އެކަލާނގެ މުޙައްމަދު(ގެފާނު) ރަސޫލުކަމާއިގެން ފޮނުއްވީ ފަހުޒަމާނުގައެވެ. ޤިޔާމަތް ދުވަސް އަންނާން ކައިރިިިިިިވެފައިވަނިކޮށެވެ. އިންސާނީ ހަޔާތު ނެތިދިޔުމުގެ ޒަމާން ގާތްވެފައިވަނިކޮށެވެ. މާތްﷲ އާއި އެކަލާނގެ ރަސޫލާގެ އެންގެވުންތައް ޤަބޫލުކޮށް ބަލައިގެންފި މީހަކީ ތެދުމަގު ލިބިއްޖެމީހެކެވެ. މާތްﷲ އަށާއި އެކަލާނގެ ރަސޫލާއަށް އުރެދިއްޖެމީހަކީ މަގުފުރެދިއްޖެ މީހެކެވެ. ތެދުމަގުގެއްލި ވައުވަދެވިއްޖެ މީހެކެވެ. އިންސާނީ މަތިވެރި މަޤާމުން ތިރިޔަށް ވެއްޓިއްޖެ މީހެކެވެ. ޖަހާލަތާއި މަގުފުރެދުމުގެ ބޯޖަންގަލީގައި މަގުއޮޅި މާދުރަށް ފަހަތަށް ސޮއްސައިލެވިފައިވާ މީހެކެވެ.

އޭ މުސްލިމުންނޭވެ! ތިޔަބައިމީހުން މާތްﷲއަށް ތަޤްވާވެރިވުމަށް އަހުރެން ވަޞިއްޔަތް ކުރަމެވެ. އެއް މުސްލިމަކަށް އަނެއް މުސްލިމަކަށް ކުރެވޭނެ އެންމެ ރަނގަޅު ވަޞިއްޔަތަކީ އޭނާގެ ހިތުގައި އާޚިރަތާމެދު ޝައުޤުވެރިކަން އުފެއްދުމަށްކުރެވޭ ވަޞިއްޔަތެވެ. އާޚިރަތަށް ތައްޔާރުވުމަށް ދެވޭ ނަސޭހަތެކެވެ. އެކަންކަމުން ދުރުވެ ތިބުމަށް މާތްﷲ ތިޔަބައިމީހުންނަށް އަމުރުކުރައްވައިފައިވާ ކަންތައްތަކާ ދުރުހެލިވެތިބޭށެވެ. މިއަށްވުރެ ހެޔޮކަންބޮޑު ނަސޭހަތެއް ނުވެއެވެ. މިއަށްވުރެ ސަރީހު ހަނދާންކޮށް ދިނުމެއް ނުވެއެވެ. ދަންނާށެވެ. މާތްﷲ އަށް ބިރުވެތިވެހުރެ މަސައްކަތްކުރާ މީހާގެ ތަޤްވާވެރިކަންވަނީ އާޚިރަތާބެހޭ ކަންކަމުގައި އޭނާގެ އެންމެބޮޑު މަދަދުގާރު ކަމުގައެވެ. އެންމެބޮޑު އެހީތެރިޔާ ކަމުގައެވެ. ހަމައެފަދައިން މާތްﷲ އާއި ތިމާއާ ދެމެދުގެ މުޢާމަލާތައް ހެޔޮހިތުން ސިއްރާއިފާޅުގައި އެތެރެފުށުންނާއި ބޭރުފުށުން ރަނގަޅުކޮށްފި މީހާގެ ނަން ދުނިޔޭގައި ދެމިހުންނާނެއެވެ. އާޚިރަތް ދުވަހުން އޭނާއަށްޓަކައި ހެޔޮކަމުގެ ޚަޒާނާ އެއްކަމުގައިވާނެއެވެ. މިގޮތަށް އަމަލު ނުކޮށްފިމީހާގެ އަމަލުތައްވާނީ ތިމާގެ އަބާއްޖަވެރިކަމުގެ ސަބަބެއް ކަމުގައެވެ. އެމީހަކު އެކަން އެހެންވާން އެދޭކަމުގައިނުވިޔަސްވެހެވެ.

(ނުނިމޭ)