ޚަބަރު

ޓުއަރިޒަމް މިނިސްޓްރީގެ ގަވައިދާ ހިލާފަށް ފަތުރުވެރިން ބޭތިއްބި ދެތަނެއްގެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

މަރިޔަމް ޝަހުދާ

ޓުއަރިޒަމް މިނިސްޓްރީގެ ގަވައިދާ ހިލާފަށް ފަތުރުވެރިން ބޭތިއްބި ދެތަނެއްގެ މައްސަލަ ތަހުގީގުކުރުމަށްޓަކައި ފުލުހުންނަށް ހުށަހަޅައިފި ކަމަށް އެ މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން މިކަން އާންމުކޮށްފައިވަނީ ފާއިތުވި ހޮނިހިރު ދުވަހު އެ މިނިސްޓްރީން އާންމު ކުރި ބަޔާނެއްގައެވެ. މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މި ދެތަނުގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އޮޕަރޭޓިންގް ލައިސެންސް ނެތި އެދެތަނުގައި ފަތުރުވެރިން ބެހެއްޓި ކަމުގެ ހެކި ލިބިފައިވާތީއެވެ.

މީގެ އިތުރުން ބަޔާނުގައި އެ މިނިސްޓްރީން ވަނީ ޓުއަރިޒަމް ގާނޫނުގައިވާ ފަދައިން ޓުއަރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީ ނުކޮށް ރާއްޖޭގައި ޓޫރިސްޓް ރިސޯޓެއް ނުހިންގޭނެ ކަމަށާއި، ޓުއަރިސްޓް ރިސޯޓެއް ހިންގަން ބޭނުންވާނަމަ ވަކި ހުއްދައެއް މިނިސްޓްރީން ހޯދަންޖެހޭނެ ކަމަށް ބުނެފައެވެ. އަދި އެ މިނިސްޓްރީން ވަނީ ފަތުރުވެރިން ބައިތިއްބާ ތަންތަން ހިންގުމަށް އެ މިނިސްޓްރީން ހުއްދަ ދޫކުރަނީ އެ މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކަކަށް އެތަނެއް ފެތުމުން ކަމަށްވެސް މި ބަޔާނުގައި އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

މި ބަޔާނުގައި މިނިސްޓްރީގެ ހުއްދަ ނެތ އެއްވެސް ތަނެއްގައި ފަތުރުވެރިން ނުބޭތިއްބުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން އެ މިނިސްޓްރީން ވަނީ އޮޕަރޭޓިންގް ލައިސަންސް ނެތި މީހުން އުޅޭ ރަށްރަށުގައި ޓޫރިސްޓުން ބައިތިއްބާނަމަ އެ ފަރާތްތަކުގެ މައުލޫމާތު 30 ދުވަހުގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީއާ ހިއްސާކުރުމަށް ރަށު ކައުންސިލުތަކަށް އަންގައިފައެވެ. އަދި އޮޕަރޭޓިންގް ލައިސަންސް ހަމަވެފައިވާ ތަންތަން އަލުން އޮޕަރޭޓިންގް ލައިސަންސް ދެވޭ ފެންވަރަށް އިސްލާހުކުރުމުގެ ފުރުސަތުދީ އެކަންކަން ރަނގަޅުކުރުމުގެ ޕްލޭނަކާއި ޕްރޮޕޯސަލްއެއް މިނިސްޓްރީއަށް ހުށަހެޅުމަށް 30 ދުވަހުގެ މުއްދަތެއް ދިނުމަށް ނިންމާފައިވާ ކަމަށް މި ބަޔާނުގައި ވެއެވެ.