ކުޅިވަރު

ލީގުގައި ފުރަތަމަ ފަހަރަށް ޓީސީ ބަލިވެއްޖެ

އަހުމަދު ޔަޝާއު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ކްލަބް ގްރީން ސްޓްރީޓްސް އާއި ވާދަކޮށް އެއްވަނައިގައި އޮތް ޓީސީ ސްޕޯރޓްސް ކްލަބް ބަލިވެއްޖެއެވެ. ޓީސީ ބަލިވީ 1-2 ގެ ނަތީޖާއަކުންނެވެ. މިއީ ލީގުގައި ޓީސީ ބަލިވި ފުރަތަމަ ފަހަރެވެ.

ލީގުގައި މިހާތަނަށް ޖުމްލަ ހަތް މެޗު ކުޅެފައިވާއިރު، ޓީސީ އޮތީ ޓޭބަލްގެ އެއްވަނައިގައި 18 ޕޮއިންޓާއެކުއެވެ. ދެވަނައިގައި ކްލަބް އީގަލްސް އޮތީ 14 ޕޮއިންޓާއެކު އޮތްއިރު ތިންވަނައިގައި ނިއުރޭޑިއަންޓް އޮތީ 13 ޕޮއިންޓާއެކުއެވެ. ނަމަވެސް މިރޭ ވިކްޓަރީ ސްޕޯރޓްސް ކްލަބް އަތުން އެޓީމަށް މޮޅެއް ލިބިއްޖެނަމަ، ޓޭބަލްގެ ދެވަނައަށް އަރާ ޓީސީއާއި ދެމެދު އޮތް 5 ޕޮއިންޓުގެ ފަރަގު ދެ ޕޮއިންޓަށް ކުޑަވެގެންދާނެއެވެ.

ރޭ މޮޅުވި ކްލަބް ގްރީން ސްޓްރީޓްސް އޮތީ 13 ޕޮއިންޓާއެކު ޓޭބަލްގެ ފަސްވަނައިގައެވެ. ހަމަ އެއަދަދަށް ޕޮއިންޓު ހޯދައިގެން މާޒިޔާ ޓޭބަލްގެ ހަތަރު ވަނައިގައި އޮތީ ގޯލުގެ ތަފާތުންނެވެ.

ރޭގެ މެޗުގައި ގްރީން ސްޓްރީޓްސް އަށް ލީޑު ނަގައިދިނީ މެޗުގެ 42 ވަނަ މިނެޓުގައި އެޓީމުގެ ބިދޭސީ ފޯވާޑު އަވީލާއެވެ. ޓީސީގެ ޑިފެންޑަރު އަޖުފާން އެޓީމުގެ ކީޕަރު ކިރަން އަށް ފަހަތަށް ޖައްސާލިބޯޅަ ކިރަންއަށް ކޮންޓްރޯލްނުވެ ފައިދަށުން ދިޔަވަގުތު އަވީލާވަނީ މުޅިން ހުސްކޮށްއަރާ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޓީސީގެ އަލީ އަޝްފާޤު (ދަގަނޑޭ) އަށާއި އިބްރާހީމް މަހުދީ (އިއްބެ) އަށާއި އިޝާން އިބްރާހީމް (ސައްޓު) އަށް ލަނޑުޖަހަން ގިނަ ފުރުޞަތުތަކެއްލިބުނު ނަމަވެސް، ގްރީންގެ ގޯލްކީޕަރު ލަބާން ޝަރީފް ވަނީ ހުށިޔާރުކަމާއެކު މި ހަމަލާތައް ދިފާއުކޮށްފައެވެ.

މެޗުގެ ދެވަނަ ހާފުގައި އަވީލާވަނީ އިތުރު ލަނޑެއްޖަހާ ލީޑު ފުޅާކޮށްފައެވެ. ޓީސީގެ ކެޕްޓަން ފައްރާހް ކައިރިން ނައްޓާލުމަށްފަހު އޭނާވަނީ ގޯލުގެ މަތީ ދާގަނޑަށް ބޯޅަ ފޮނުވާލާފައެވެ. ޓީސީއިން މި މެޗުގައިޖެހި ހަމައެކަނި ލަނޑު މެޗުގެ 79 ވަނަ މިނެޓުގައި ކާމިޔާބުކުރީ ނެގި ކޯނަރަކުން ނިޝާމް މުޙައްމަދެވެ. ނިޝާމް މިގޯލުޖެހިތާ މާގިނައިރެއްނުވެ ޓީސީގެ ދަގަނޑޭއަށް ގްރީންގެ ޑިފެންޑަރަކު ކުރި ފައުލަކަށް ރެފްރީވަނީ ޕެނެލްޓީއެއް ދީފައެވެ. ނަމަވެސް، ޓީސީގެ މަހުދީ ޖެހި ޕެނަލްޓީ ގްރީންގެ ގޯލްކީޕަރު ލަބާން ޝަރީފް ވަނީ މަތަކޮށްފައެވެ. މިމެޗުގެ މޮޅުކުޅުންތެރިޔާގެ މަޤާމަށްވެސް ހޮވުނީ ލަބާންއެވެ.