ވިޔަފާރި

މޯލްޑިވްސް ލިވިންގް އެކްސްޕޯ 2019 ކާމިޔާބުކަމާއެކު ނިންމާލައިފި

މުހައްމަދު އައުޒަމް

މޯލްޑިވްސް ލިވިންގް އެކްސްޕޯ 2019 ކާމިޔާބުކަމާއެކީ ނިންމާލައިފިއެވެ.

ތިންދުވަހުގެ މުއްދަތަކަށް ދަރުބާރުގޭގައި ބޭއްވި މޯލްޑިވްސް ލިވިންގް އެކްސްޕޯ 2019 ރޭ ނިންމާލާފައި ވާއިރު، މިއަހަރުގެ ލިވިން އެކްސްޕޯއަކީ މިހާތަނަށް ބޭއްވި އެންމެ ކާމިޔާބު ލިވިން އެކްސްޕޯ ކަމަށް އެ އިވެންޓް އިންތިޒާމުކުރާ ހައިރައިޒެން ވަނީ ބުނެފައެވެ.

މިފަހަރުގެ ލިވިންގް އެކްސްޕޯގައި ރިއަލްއެސްޓޭޓް ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުން އެފަރާތްތަކުގެ މުދަލާއި ހިދުމަތް ވަނީ ދައްކައިލައިފަ އެވެ. އެގޮތުން ގެދޮރުވެރިކަމުގެ ފުރުސަތުތަކާއި ގުޅޭ ތަފާތު 30 ސްޓޯލެއް މި އެކްސްޕޯގައި އެގްޒިބިޓް ކޮށްފައިވެއެވެ.

ލިވިން އެކްސްޕޯ 2019ގެ ކާމިޔާބީއާ ބެހޭގޮތުން "ވަން އޮންލައިން"އަށް މައުލޫމާތު ދެއްވަމުން ހައިރައިޒްގެ ޖެނެރަލް މެނޭޖަރު މުހައްމަދު ޝާމިން ވިދާޅުވީ މިއަހަރުގެ ލިވިން އެކްސްޕޯއަށް ވަނީ ރިކޯޑް އަދަދަކަށް މީހުން ޒިޔާރާތްކޮށްފައި ކަމަށެވެ. އަދި އެކްސްޕޯގައި އެގްޒިބިޓާސްގެ ފަރާތުން ކޮންމެ ދުވަހަކު ފީޑްބެކް ނަގާފައިވާ ކަމަށާއި އެފަރާތްތަކުގެ ފީޑްބެކް ރަނގަޅު ކަމަށް ޝާމިން ވިދާޅުވިއެވެ.

ޝާމިން ވިދާޅުވީ ލިވިން އެކްސްޕޯ ފަރުމާކުރެވިފައިވަނީ ވެސް އާންމުންގެ އެތައް ބަޔަކު ބޭނުންވެފައިވާ ހިދުމަތަކާ ގުޅިގެން ކަމަށެވެ. އަދި އެއީ ރާއްޖޭގައި ހުރި އެޕާޓްމެންޓާއި ރިއަލްއެސްޓޭޓް ފަރާތްތަކުގެ މައުލޫމާތެވެ.

ލިވިން އެކްސްޕޯ 2019ގެ އެގްޒިބިޓަރުންނަށްވެސް ވަނީ އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބަކާއި މަގުބޫލުކަމެއް ލިބިގެން ގޮސްފައެވެ. އެގޮތުން ލިވިން އެކްސްޕޯގެ ކޯ ސްޕޮންސާއެއް ކަމަށްވާ އޯލްޓެ އެޕާޓްމެންޓްގެ ކުންފުނި އިންޑޯޝިއަން ޑިވެލޮޕާސްގެ ޑިރެކްޓަރު ޕްރަދީޕް މޮރޭއިސް "ވަން އޮންލައިން"އަށް ވިދާޅުވީ ހައިރައިޒްއިން އެކުންފުންޏަށް އެކްސްޕޯޝާ ލިބޭނެ ކަމަށް ބުނި ކަމަށެވެ. އެހެން ނަމަވެސް ސަމާލުކަން ލިބުނީ އުއްމީދުކުރި ވަރަށްވުރެ މާބޮޑަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"އަސްލު އުއްމީދެއް ނުކުރަން ޒިޔާރާތްކުރި މީހުންގެ ތެރޭގައި އެހާ ގިނަ ކޮލިޓީ ފަރާތްތައް ހިމެނޭނެ ކަމަކަށް. އޭގެ މާނައަކީ ޒިޔާރާތްކުރި ގިނަ ފަރާތްތަކަކީ އެކަމަށް ހާއްސަވެގެން ނުވަތަ ސީރިއަސް ވެގެން ކަންތައްތައް އޮޅުން ފިލުވަން ޒިޔާރަތް ކުރި ފަރާތްތަކޭ،" ޕްރަދީޕް ވިދާޅުވިއެވެ.

އެކްސްޕޯގެ އިތުރު ކޯ ސްޕޮންސާއެއް ކަމަށްވާ އާކުއާ ވީޓާގެ ފަރާތުން ސޭލްސް މެނޭޖަރު ޖުނެއިނާ ރަޝީދު ވަން އޮންލައިންއަށް ވިދާޅުވީ އެކްސްޕޯއިން އާކުއާ ވީޓާއަށް ވަރަށް "ޕޮޒިޓިވް ސަޕޯޓް"އެއް ލިބިފައިވާކަމަށެވެ.

އެކްސްޕޯގެ އެހެން ބައެެއް ބައިވެރީން ފާހަގަކުރި ގޮތުގައި ތަނަށް ޒިޔާރަތްކުރި މީހުންގެ އަދަދު އެމީހުން އުއްމީދުކުރިވަރަށްވުރެ ރަނގަޅުކަމަށެވެ. ވަކީން ޚާއްސަކޮށް އެމީހުންނަކީ ކަމަށް ސީރިއަސް ވެގެން ޒިޔާރަތްކުރާ މީހުން ކަމަށް ވުމުން އޭގެން ލިބުނު ފައިދާ ބޮޑު ކަމަށް ބައިވެރީން ފާހަގަކުރި އެވެ.

"އެންމެ މުހިންމި ކަމަކީ އަންނަ މީހުންނަކީ މި ކަމަށް ބޭނުންވެގެން އަންނަ މީހުންނަށް ވުން. އެގޮތަށް ބަލާއިރު މި އެކްސްޕޯ ވަރަށް މުހިންމު. ވަރަށް ހިތްހަމަޖެހޭ." ބައިވެރިޔަކު ބުންޏެވެ.

ލިވިންގ އެކްސްޕޯ ނިންމާލަމުން ރޭވަނީ އެކްސްޕޯ އަށް ޒިޔާރަތްކުރި ފަރާތްތަކުގެ މެދުގައި ގުރުއަތުލައި އިނާމު ދީފައެވެ. މިފަހަރުގެ ލަކީޑްރޯ އިނާމުތަކަކީ ގެދޮރުވެރިކަމާއި ގުޅުން ހުރި އެކި އިނާމުތައްކަން ފާހަގަކޮށްލެވެއެވެ.

ވަން އޮންލައިންއަކީ މިއަހަރުގެ ލިވިން އެކްސްޕޯގެ މީޑިއާ ޕާޓްނަރެވެ.