ވިޔަފާރި

މިދިޔަ މަހު އެތެރެކުރި މުދަލުގެ އަގު ހަ ޕަސެންޓް އިތުރު، ބޭރުކުރި މުދަލުގެ އަގު 28 ޕަސެންޓް ދަށަށް!

އަހުމަދު ޖައިޝަން

މިދިޔަ ޖެނުއަރީ މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ އަގު، މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެ އެތެރެކުރި މުދަލުގެ އަގަށްވުރެ ހަ ޕަސެންޓު އިތުރުވެއްޖެ އެވެ.

މޯލްޑިވްސް ކަސްޓަމްސްއިން މިއަދު އާންމުކުރި ތަފާސްހިސާބުން ދައްކާގޮތުގައި މިއަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް ވަނީ ހަތަރު ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައެވެ. އެއީ މިދިޔަ އަހަރުގެ ޖެނުއަރީގައި އެތެރެކުރި 3.8 ބިލިއަން ރުފިޔާގެ މުދަލަށްވުރެ ހަ ޕަސެންޓް އިތުރު އަދަދެކެވެ.

މިދިޔަ ޖެނުއަރީ މަހު ރާއްޖެއިން ބޭރުކޮށްފައިވަނީ 342.6 މިލިއަން ރުފިޔާގެ މުދަލެވެ. އެއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގައި ބޭރުކުރި މުދާ ނުވަތަ އެކްސްޕޯޓުކުރި 473.2 މިލިއަން ރުފިޔާގެ މުދަލަށްވުރެ 28 ޕަސެންޓް ދަށް އަދަދެކެވެ.

އެހެންނަމަވެސް ކަސްޓަމްސްގެ ތަފާސް ހިސާބުން ދައްކާގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ ވަނީ 14 ޕަސެންޓް އިތުރުވެފައެވެ. އެގޮތުން މިދިޔަ ޖެނުއަރީ މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 306.6 މިލިއަން ރުފިޔާއެވެ. އަދި މިދިޔަ އަހަރުގެ ޖެނުއަރީގައި ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 268 މިލިއަން ރުފިޔާ ކަމަށް ތަފާސް ހިސާބުން ދައްކައެވެ.

ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ މުދާ އިމްޕޯޓުކޮށްފައިވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި ޗައިނާ އަދި ސިންގަޕޫރުންނެވެ.

އެންމެ ގިނަ އަދަދެއްގެ މުދާ އެކްސްޕޯޓްކޮށްފައިވަނީ ޖަރުމަނުވިލާތާއި އެމެރިކާ އަދި އިނގިރޭސިވިލާތަށެވެ.