މުދާ ބަރުކޮށްގެން ތިލަފުށި ކައިރިން ދަތުރުކުރި 99 ފޫޓުގެ "ހަމްދު" ނަމަކަށް ކިޔާ ދޯނި، ދިޔަވާތީ ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު 10:58ހާއިރު ކަމަށެވެ. އެ ހާދިސާގެ ރިޕޯޓް ލިބުމާ އެކު ދޯނި އޮތް ސަރަހައްދަށް ކޯސްޓްގާޑް ހާބަރ ކްރާފްޓްގައި ޑައިވަރުންގެ ޓީމެއް ގޮސް ދޯންޏަށް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށް ބުނެފައި ވެއެވެ.
އެގޮތުން ދޯނީގެ ވެރިފަރާތާއި ގުޅިގެން ކޯސްޓްގާޑް ޑައިވަރުންގެ ޓީމުން ޕަމްޕް ބަހައްޓައިގެން ދިޔަގަނޑު އެއްކޮށް ކޮންޓްރޯލް ކޮށްފައިވަނީ މިއަދު 12:30ހާއިރު ކަމަށް ބުނެފައި ވެއެވެ.
އަދި ދޯންޏަށް ބަރުކޮށްފައިވާ މުދަލުގެ ތެރޭގައި ހިލަޔާ ހިލަވެއްޔާއި ސިމެންތި ހިމެނޭ ކަމަށާއި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތު ދީފައިވެއެވެ.