ކުޅިވަރު

އަޝްފާގާއި އުމައިރު ގްރީނަށް

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އާއި ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އުމައިރު ކްލަބު ގްރީން ސްޓްރީޓްސްއަށް ސޮއިކޮށްފިއެވެ.

ގްރީނަށް އަޝްފާގާއި އުމައިރު ސޮއިކޮށްފައިވަނީ ދަ ކިޗަންގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެ އެއްބަސްވުމުގެ ދަށުން މިފެށޭ ފުޓްބޯޅަ ސީޒަނުގައި އެ ދެ ކުޅުންތެރިން ފެނިގެންދާނީ ގްރީންގެ ޖާޒީގައެވެ.

މިދިޔަ ސީޒަނުގައި އަޝްފާގު ދެ ކްލަބަކަށް ކުޅުނެވެ. މިދިޔަ ސީޒަނުގެ މާލޭ ލީގުގައި އަޝްފާގު، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ފެނިގެންދިޔަ އިރު، ދިވެހި ޕްރިމިއާ ލީގުގައި އޭނާ ފެނިގެންދިޔައީ ޓީސީ ސްޕޯޓްސް ކްލަބުންނެވެ. މިދިޔަ ސީޒަނުގެ މާލޭ ލީގާއި ދިވެހި ޕްރިމިއާ ލީގުގައި އުމައިރު ފެނިގެންދިޔައީ ނިއު އިންނެވެ.

މިދިޔަ ސީޒަނުގައި ނިއު އިން މާލޭ ލީގު ކާމިޔާބުކުރި އިރު، އަޝްފާގާއި އުމައިރުގެ ދައުރު ފާހަގަކޮށްލެވެއެވެ. މުސާރައިގެ މައްސަލަތަކެއްގައި ނިއު ދޫކޮށް، ޓީސީއާ ގުޅުމަށް ފަހު އަޝްފާގު ވަނީ އެ ކްލަބަށް ވެސް މޮޅު ކުޅުމެއް ދައްކައިފައެވެ. މިދިޔަ ސީޒަނުގައި ޓީސީން ޕްރިމިއާ ލީގު ކާމިޔާބުކުރި އިރު، އެންމެ އިސް ދައުރެއް އަދާކުރި ކުޅުންތެރިންގެ ތެރޭގައި އަޝްފާގު ފާހަގަކޮށްލެވެއެވެ.