ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެސްބީއައި މުހިއްމު ރޯލެއް އަދާކުރޭ: ރައީސް

މަރިޔަމް ޝަހުދާ

އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސްޓޭޓް ބޭންކް އޮފް އިންޑިއާ، (އެސްބީއައި)އިން އަބަދުވެސް މުހިއްމު ރޯލެއް އަދާކުރާ ކަމަށް ރައީސުލްޖުމްހޫރިިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ އެސްބީއައިއަށް 45 އަހަރު ފުރުމުގެ މުނާސަބާގައި ރޭ ކުރުނބާ މޯލްޑިވްސް ރިސޯޓުގައި ބޭއްވި ހަފުލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ގޮތުން ރައީސް ސޯލިހު ވަނީ 45 އަހަރުގެ ދިގު މުއްދަތަކަށް ރާއްޖެއަށް ހިދުމަތްކޮށްދެއްވާފައިވާތީ އެބޭންކުގެ ވެރީންނާއި، މުވައްޒަފުންގެ އިތުރުން ހިއްސާދާރުންނަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ބޭންކިން ދާއިރާއަށާއި ތަރައްގީއަށާއި ޖުމްލަ ގޮތެއްގައި އެ ބޭންކުން ރާއްޖެއަށް ދެމުން އަންނަ ހިދުމަތްތަކަށް ރައީސް ސޯލިހު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

ރައީސް ސޯލިހު ވަނީ އެސްބީއައި އަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭންކުގެ ހިދުމަތް ދިން ބޭންކުކަން ފާހަގަކުރައްވައިފަ އެވެ. މީގެ އިތުރުން ރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާއަތް ފެށުނުއިރު ބޭންކިން ހިދުމަތްދޭ ހަމައެކަނި ބޭންކަކީ ވެސް އެސްބީއައިކަން ރައީސް ފާހަގަކުރެއްވި އެވެ.

ރާއްޖޭގައި އެސްބީއައިއިން މިހާ ގިނަ ދުވަސް ވަންދެން ހިދުމަތް ދިނުމުގައި ދެމިއޮތުން ރައީސް ސޯލިހު ވަނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމުގެ ރަމްޒެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.

މި ހަފުލާގައި އެސްބީއައިގެ ފަރާތުން ވަނީ ރައީސް ސޯލިހުއަށް ހާއްސަ ހަނދާނީ ފިލައެއް އަރުވައިފައެވެ.